18 ޖޫން 2020
ރޯމް (ޖޫން 18) – ޕެނަލްޓީ ޖަހައިގެން 4-2 އިން ގަަދަފަދަ ޔުވެންޓަސް ބަލިކޮށް ނަޕޯލީން އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.
ރޯމް (ޖޫން 18) – ޕެނަލްޓީ ޖަހައިގެން 4-2 އިން ގަަދަފަދަ ޔުވެންޓަސް ބަލިކޮށް ނަޕޯލީން އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.
ފަޅަށް އޮތް ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު ފައިނަލުގައި ޕެނަލްޓީއާ ހަމަޔަށް ދާން ޖެހުނީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 0-0 އިން އެއްވަރުވެފައި އޮތުމުންނެވެ. އިތުރު ވަގުތުގެ 30 މިނެޓު ނުކުޅުނީ، ފުޓްބޯޅަ ފަށާފައިމިވަނީ ކޮވިޑް-19 ގެ ސަބަބުން ބޮޑު މެދުކެނޑުމަކަށް ފަހު ކަމަށްވާތީ ގާތްގާތުގައި މެޗުތަކެއް އޮތުމުން ކުޅުންތެރިންނަށް ލޯޑްކުޑަކުރުމަށެވެ.
ނަޕޯލީގެ ހަތަރު ޕެނަލްޓީ ވެސް، ލޮރެންޒޯ އިންސީނޭ އާއި މަޓެއޯ ޕޮލިޓާނޯ އާއި ނިކޮލާ މަކްސިމޮވިޗް އަދި އަރެކް މިލިޗް ވަނީ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބަލަހައްޓަމުން ދިޔަ ގޯލަށް ވައްދާލައިފަ އެވެ. ޔުވެންޓަސްގެ ފުރަތަަމަ ދެ ޕެނަލްޓީ ޕައޮލޯ ޑީބަލާ އާއި ޑަނީލޯ އަތުން ބޭކާރުވިއިރު ކާމިޔާބުކުރެވުނީ ލެއޮނާޑޯ ބޮނޫޗީ އާއި އާރޮން ރަމްސީ ޖެހި ފަހު ދެ ޕެނަލްޓީ އެވެ. ބެލެވޭ ގޮތުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޮތީ ޕެނަލްޓީ ޖަހާ ތަރުތީބުގެ ފަސް ވަނައިގަ އެވެ. އެކަމަކު، ސެމީ ފައިނަލުގައި އޭސީ މިލާނާ ދެކޮޅަށް ވެސް ޕެނަލްޓީއެއް ބޭކާރުވި ރޮނާލްޑޯއާ ހަމަޔަށް ނުދަނީސް ޔުވެންޓަސް އަށް މެޗުން ނާކާމިޔާބުވީ އެވެ.
ނަޕޯލީގެ މި ކާމިޔާބީ އެންމެ ހާއްސަވާނީ ކޯޗު ޖެނާރޫ ގަޓޫސޯ އަށެވެ. މިއީ އިޓަލީއާ އެކު 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ހުނަރުވެރި މިޑްފީލްޑަރު ކޯޗިން ކެރިއަރުގެ ފުރަތަމަ ތަށްޓެވެ. އޭނާ މިދިޔަ ސީޒަނުގައި މިލާނުގައި ރަނގަޅު މަސައްކަތްތަކެއް ކުރި ނަމަވެސް، ދެ ފަރާތް އެއްބަސްވެގެން މަގާމުން ވަކިވެފައިވަނިކޮށް މިދިޔަ ޑިސެމްބަރު މަހު ނަޕޯލީން ފުރުސަތު ލިބުނީ އެ ޓީމުގެ ކޯޗުކަމުން ކާލޯ އަންޗެލޮޓީ ވަކިކުރުމުން ބަދަލުގަ އެވެ. ގަޓޫސޯ ކުޅުންތެރިޔެއްގެ ގޮތުގައި މި ތަށި 2003 ގައި މިލާނާ އެކު ހޯދިއިރު ކޯޗަކީ އަންޗެލޮޓީ އެވެ.
"އަހަރެންގެ ކުޅުންތެރިން މި ކުރި މަސައްކަތާ މެދު ފަހުރުވެރިވަން. ދެން އޮތީ މި ރޫހުގައި ލީގުގައި ކުރިއަށް ގޮސް، ފަހަތަށް ދިޔަ ބައި އަނބުރާލަން މަސައްކަތްކުރުން،" ގަޓޫސޯ ބުންޏެވެ.
ނަޕޯލީ އަށް ވަނީ މި ކާމިޔާބީއާ އެކު ޔުރޮޕާ ލީގުން ޖާގަ ލިބިފަ އެވެ. އެކަމަކު ގަޓޫސޯ އައިސް ނަތީޖާތައް ރަނގަޅުކޮށް މި ވަގުތު ތާވަލުގެ ހަ ވަނައިގައި އޮތުމާ އެކު ގަދަ ހަތަރަކަށް ވަދެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ ވިސްނުން އެ ޓީމުގައި ވަރަށް ބޮޑެވެ.
ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ އަކީ ނަޕޯލީ އަށް 2015-2018 އަށް ކޯޗުކޮށްދީ އެ ކްލަބުގެ ވަރުގަދަ ޓީމެއް ބިނާކޮށްދިން ކޯޗެކެވެ. އެކަމަކު ތަށްޓެެއް ހޯދައިދެވިފައެއް ނުވެ އެވެ. އޭނާ ފަހުން ޗެލްސީ އަށް ގޮސް އެ ޓީމަށް ޔުރޮޕާ ލީގު ކާމިޔާބުކޮށްދިނެވެ. އެނބުރި އިޓަލީ އަށް އައިސް މި ސީޒަނުގައި ޔުވެންޓަސްއާ ހަވާލުވެ ތަށްޓެއް ހޯދައިދޭން ލިބުނު މި ފުރުސަތު ގެއްލުނީ ކުރީގެ ޓީމު އަތުންނެވެ. އަދި މި ސީޒަނުގެ އިޓާލިއަން ސުޕަ ކަޕުން ވަނީ ލާޒިއޯ އަތުން ބަލިވެފަ އެވެ. އެކަމަކު އޭނާ އަށް ޔުވެންޓަސް އަށް އިޓާލިއަން ލީގާއި ޗެމްޕިއަންސް ކާމިޔާބުކޮށްދިނުމުގެ ފުރުސަތު އެބައޮތެވެ.
ސާރީ ބުނީ ފައިނަލުން ބަލިވުމަކީ ކުޅުންތެރިންނާއި ކްލަބާއި ސަޕޯޓަރުންނަށް ހިތްހަމަނުޖެހުމެއް ކަމަށެވެ. އަދި މިލާން މެޗު ވެސް 0-0 އިން އެއްވަރުވުމަށް އިޝާރާތްކޮށް އޭނާ ބުނީ ޖެހިޖެހިގެން ޔުވެންޓަސް އަށް ދެ މެޗު 0-0 އިން އެއްވަރުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެކަމަކު އޭގެން ދައްކައިދެނީ، ދިގު މުއްދަތަކަށް ފަހު އެނބުރި އައިރު، ސަތޭކަ ޕަސެންޓް ފުރިހަމަ ނޫންކަން ކަމަށެވެ.
އިޓާލިއަން ކަޕުގެ ފައިނަލަށް ޔުވެންޓަސް
ޑިބާލާގެ ދެ ލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ޔުވެންޓަސް ބަލިކޮށް އިންޓަ ފައިނަލަށް
ފަހު ވަގުތުގެ ގޯލުން ނަޕޯލީ ލީގާ ފިޔަވަޅަކާ ގާތަށް
ނަޕޯލީ އަށް ހުއްޓުމެއް ނެތް، އިންޓަ ސޮއްސާލައިފި
ނަޕޯލީ ބަލިކޮށް ފުލުގައި އޮތް ކްރެމޮނޭސޭ ކުއާޓާ އަށް
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
އޭސީ މިލާނުން އެއްވަނައިގައި ލީޑު ދަމަހައްޓައިފި
އިޓާލިއަން ކަޕް: ފައިނަލުގައި އިންޓަ އާއި ޔުވެންޓަސް