Roadha Mihaaru
ފަހު ވަގުތުގެ ގޯލުން ނަޕޯލީ ލީގާ ފިޔަވަޅަކާ ގާތަށް

ފަހު ވަގުތުގެ ގޯލުން ނަޕޯލީ ލީގާ ފިޔަވަޅަކާ ގާތަށް

24 އެޕްރީލް 2023

ފަހު ވަގުތު ޖިއަކޯމޯ ރަސްޕަޑޯރީ ވައްދާލި ލަނޑާ އެކު ޔުވެންޓަސް 1-0 އިން ބަލިކޮށް ނަޕޯލީން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ފަހު ވަގުތު ޖިއަކޯމޯ ރަސްޕަޑޯރީ ވައްދާލި ލަނޑާ އެކު ޔުވެންޓަސް 1-0 އިން ބަލިކޮށް ނަޕޯލީން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

އަންނަ ހަފުތާގައި ސަލެނިޓާނާ އަތުން ނަޕޯލީ މޮޅުވެ، އިންޓަ މިލާން އަތުން ލާޒިއޯ މޮޅުނުވެއްޖެ ނަމަ ނަޕޯލީ އަށް 1990 ގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރެވޭނެ އެވެ.

އިޓަލީގެ ދެކުނުގެ ނޭޕްލްސް އަށް ނިސްބަތްވާ ކްލަބަށް މިހާތަނަށް ލީގު ކާމިޔާބުކުރެވުނީ އެންމެ ދެ ފަހަރު އެވެ. އެއީ ޑިއެގޯ މަރަޑޯނާގެ މޮޅު ކުޅުމާ އެކު 1987 އާއި 1990 ގަ އެވެ.

އޭގެ ފަހުން ކްލަބް ބަނގުރޫޓުވެ ރެލިގޭޓްވި އެވެ. އެކަމަކު އަނބުރާ އައިސް މިދިޔަ ފަސް ވަރަކަށް ސީޒަނުގައި ލީގަށް ވާދަކުރި އެވެ. އެ ޓީމުން މި ސީޒަނުގައި ލީގު ކާމިޔާބުކޮށްފި ނަމަ އެއީ މިދިޔަ އަހަރު މަރުވި ކްލަބުގެ ލެޖެންޑް މަރަޑޯނާގެ ހަނދާނުގައި ހޯދާ ބޮޑު ކާމިޔާބަކަށް ވާނެ އެވެ. ނަޕޯލީން ވަނީ މަރަޑޯނާގެ ޝަރަފުގައި، އެ ކްލަބުގެ ސްޓޭޑިއަމުގައި ނަން ވެސް އޭނާގެ ނަމަށް ބަދަލުކޮށްފަ އެވެ.

ލޫސިއާނޯ ސްޕެލެއްޓީގެ ކޯޗުކަމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނަޕޯލީން ލީގުގައި ރޭ ބޮޑު މޮޅެއް މި ހޯދީ، އޭސީ މިލާނާ ވާދަކޮށް މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކަޓާފައި އޮއްވަ އެވެ.

ޔުވެންޓަސްގެ އެލިއަންޒް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ ފަހުކޮޅު އެ ޓީމުގެ އެންހެލް ޑި މާރިއާ ވެސް ގޯލެއް ޖެހި އެވެ. އެކަމަކު އެ ގޯލް ޖެހީ ފައުލެއް ކޮށްގެން އުފެއްދި ހަމަލާއަކުން ކަމަށްވާތީ ރެފްރީ އެ ގޯލް ކެންސަލްކުރި އެވެ.

ނަޕޯލީ މޮޅުވި ލަނޑު އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ރަސްޕަޑޯރީ ޖެހީ، އޭނާ ގޯލް ކުރިމަތީ ހުހަށް ހުއްޓާ އެލިފް އެލްމާސް ދިން ބޯޅައެއް، ޔުވެންޓަސްގެ ގޯލްކީޕަރު ވޮސިއެޗް ޝެޒްނީގެ ފައި ދޭތެރެއިން ވައްދަ އެވެ.

މި މޮޅާ އެކު ނަޕޯލީ އެއް ވަނައިގައި އޮތީ 78 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި 61 ޕޮއިންޓާ އެކު އޮތީ ލާޒިއޯ އެވެ. ރޭ މޮޅުވި ނަމަ ދެ ވަނަ އަށް އަރަން ފުރުސަތު އޮތް ޔުވެންޓަސް މިހާރު އޮތީ 59 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ތާވަލުގެ ހަތަރު ވަނައިގައި 56 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ރޯމާ އެވެ. އެ ޓީމުން މިރޭ ނުކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ.

ތާވަލުގެ ފަސް ވަނައިގައި 56 ޕޮއިންޓާ އެކު އޮތް މިލާން ވަނީ އިއްޔެ ލެއްޗޭ އަތުން 2-0 އިން މޮޅުވެފަ އެވެ. ސެން ސީރޯގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ދެ ގޯލް ވެސް ޖެހީ ޕޯޗުގަލް ފޯވާޑް ރަފައެލް ލިއާއޯ އެވެ.

އަދި 54 ޕޮއިންޓާ އެކު ހަ ވަނައިގައި އޮތް އިންޓަ މިލާން ވަނީ އިއްޔެ އެމްޕޮލީ އަތުން ރަށުން ބޭރުގައި 3-0 އިން މޮޅުވެފަ އެވެ. މި މެޗުގައި ރޮމެލޫ ލުކާކޫ ދެ ގޯލް އަދި ލޮޓާރޯ މާޓިނޭޒް އެއް ގޯލް ޖެހި އެވެ.