Roadha Mihaaru
ނަޕޯލީން ޔުވެންޓަސް ބަލިކޮށްފި

ނަޕޯލީން ޔުވެންޓަސް ބަލިކޮށްފި

27 ޖެނުއަރީ 2020

ނޭޕްލްސް (ޖެނުއަރީ 27) - އިޓާލިއަން ލީގުގައި ރޭ، މިވަގުތު ފޯމުން ކަޓާފައިވާ ނަޕޯލީ އަތުން ޗެމްޕިއަން ޔުވެންޓަސް 2-1 އިން ބަލިވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނޭޕްލްސް (ޖެނުއަރީ 27) - އިޓާލިއަން ލީގުގައި ރޭ، މިވަގުތު ފޯމުން ކަޓާފައިވާ ނަޕޯލީ އަތުން ޗެމްޕިއަން ޔުވެންޓަސް 2-1 އިން ބަލިވެއްޖެ އެވެ.

ތާވަލުގެ ދެ ވަނައިގައި 48 ޕޮއިންޓާ އެކު އޮތް އިންޓަ މިލާން އިއްޔެ ކަލިއާރީއާ 1-1 އިން އެއްވަރުވެފައިވާތީ ރޭ ނަޕޯލީ އަތުން މޮޅުވެގެން ޔުވެންޓަސް އަށް އެއް ވަނައިގައި ލީޑު ފުޅާކުރެވެން އޮތެވެ. މިހާރު އެ ޓީމު އެއް ވަނައިގައި އޮތީ 51 ޕޮއިންޓާ އެކު އެވެ.

ތާވަލުގެ 10 ވަނައިގައި 27 ޕޮއިންޓާ އެކު ނަޕޯލީ މި ހޯދި މޮޅަކީ ކުރިއަށް ދިއުމަށް ލިބޭނެ ބޮޑު ހިތްވަރަކަށް ވާނެ އެވެ. މިއީ ނަތީޖާތައް ދަށްވުމުން ކާލޯ އަންޗެލޮޓީ ވަކިކޮށް ހަވާލުކުރި ޖެނާރޫ ގަޓޫސޯ މިހާތަށް ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ. ނަޕޯލީގެ ކުރީގެ ކޯޗު މައުރީޒިއޯ ސާރީ މިހާރު ކޯޗުކޮށްދޭ ޔުވެންޓަސް ހިފެހެއްޓުމުގައި ނަޕޯލީން މޮޅު ކުޅުމެއް ދެއްކި މި މެޗުގައި އެ ޓީމުގެ ދެ ގޯލް ދެ ވަނަ ހާފުގައި ޖެހީ ޕިއޮޓްރޭ ޒިއެލިންސްކީ އާއި ލޮރެންޒޯ އިންސީނޭ އެވެ. ޔުވެންޓަސްގެ ހަމައެކަނި ފަހު ވަގުތު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އިންޓަ އެއްވަރުވުމުގެ ފައިދާ ނަގައި ތާވަލުގެ ދެ ވަނަ އަށް އަރަން ލާޒިއޯ އަށް ލިބުނު ފުރުސަތުގައި ރޭ ރޯމާއާ 1-1 އިން އެއްވަރުވެ އެ ފުރުސަތު ވަނީ މިވަގުތަށް ގެއްލިފަ އެވެ. ލާޒިއޯ އޮތީ 46 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެކަމަކު އެ ޓީމަށް އިތުރު މެޗެއް އޮތުމުން އަދިވެސް ދެ ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ރޯމާ އޮތީ 39 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ރޯމާގެ އެޑިން ޖެކޯ ލަނޑެއް ޖަހާފައި އޮއްވާ ލާޒިއޯ އަށް އެއްވަރުކޮށްދިނީ ފްރެންސެސްކޯ އެސްރެބީ އެވެ.