Roadha Mihaaru
އައިފޯންގައި ހިއްސާވާ ކުންފުނިން މާސްކް އުފައްދަނީ

އައިފޯން އުފެއްދުމުގައި ހިއްސާވާ ފޮކްސްކޮން އިން މާސްކް އުފައްދަނީ

13 ފެބުރުއަރީ 2020

އެމެރިކާގެ އެޕަލް ކުންފުންޏާ ގުޅިގެން އައިފޯން އުފެއްދުމުގައި ހިއްސާވާ ޓައިވާނުގެ ކުންފުނި ފޮކްސްކޮން އިން މާސްކް އުފެއްދުމުގެ މަސައްކަތް ފަށައި އެވެެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ އެޕަލް ކުންފުންޏާ ގުޅިގެން އައިފޯން އުފެއްދުމުގައި ހިއްސާވާ ޓައިވާނުގެ ކުންފުނި ފޮކްސްކޮން އިން މާސްކް އުފެއްދުމުގެ މަސައްކަތް ފަށައި އެވެެ.

އެ ކުންފުނިން މިކަން ފެށީ ކޮރޯނާވައިރަހާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކަށް ސާޖިކަލް މާސްގެ ދަތިކަން ކުރިމަތިވެފައިވާތީ އެވެ.

މިއީ ޓެކް ކުންފުންޏެއްގެ ގޮތުގައި މަޝްހޫރު ފޮކްސްކޮން އިން އެ މީހުންގެ ރަސްމީ މަސައްކަތުގެ ހަވާސާ އިން ބޭރުގައި މުޅިން ތަފާތު އުފެއްދުމެއްގެ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. އެ ކުންފުނިން ބުނިގޮތުގައި ކޮރޯނާވައިރަހާ ގުޅިގެން ރަސްމީ މަސައްކަތްތައް މެދުކަނޑާލާފައިވާތީ ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން މާސްކް އުދެއްދުމުގެ މަސައްކަތް ފެށީ އެވެ.

އަނގަމަތި ނިވާކުރަން އަޅާ ސާޖިކަލް މާސްކަކީ ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު، އެންމެ ބޮޑަށް ޑިމާންޑް އުފުލި، ލިބުން ދަތިވި ރައްކާތެރިކަމުގެ އެންމެ އާންމު އެއް ވަސީލަތެވެ. ކޮރޯނާވައިރަހާ އެކު، ބައެއް ގައުމުތަކަށް މާސްކްގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވެ އެވެ.

ފޮކްސްއިން އިން ބުނި ގޮތުގައި އެ މީހުންގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ކޮންމެ ދުވަހަކު މަދުވެގެން ދެ މިލިއަން މާސްކް އުފެއްދުމެވެ. އަދި މިއީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށް ބުންޏެވެ.

"މިއީ ކޮރޯނާވައިރަހާ ދެކޮޅަށް އަހަރެމެން ކުރާ ހަނގުރާމައެއް." އެ ކުންފުނިން ބުންޏެވެ. "އަހަރެމެން މިހާރު ދެކުނު ޗައިނާގެ ޝެންޒެންގައި ގާއިމުކޮށްފައިވާ ޕްލާންޓްގައި މާސްކްގެ ޓެސްޓް ޕްރޮޑަކްޝަން ވެސް ފަށައިފިން."

މީގެ 45 އަހަރު ކުރިން 1974 ގައި ވުޖޫދަށް އައި ފޮކްސްކޮން އަކީ އެޕަލްގެ އައިފޯނާއި އައިޕެޑް އުފެއްދުމުގައި ހިއްސާވުމުގެ އިތުރަށް އެމެޒޯންގެ ކިންޑްލް އާއި ސޮނީގެ ޕްލޭސްޓޭޝަންގައި ވެސް ހިއްސާވާ ކުންފުންޏެކެވެ.