Roadha Mihaaru

ކޮންމެ ފަސް އައިފޯނަކުން އެއް ފޯނު މިހާރު ހަދަނީ އިންޑިއާގައި

އެޕަލް ކުންފުނިން އިންޑިއާގައި އައިފޯންގެ ޕްރޮޑަކްޝަން ވަރަށް ބޮޑަށް އިތުރުކޮށް، މިދިޔަ މާޗް މަހު ނިމުނު މާލީ އަހަރު 22 ބިލިއަން ޑޮލަރުގެ ފޯނު އިންޑިއާގައި ހަދާފައިވާ ކަމަށް ބްލޫމްބާގުން ރިޕޯޓްކޮށްފި އެވެ.

ކޮންމެ 5 އައިފޯނަކުން 1 ފޯނު ހަދަނީ އިންޑިއާގައި

އެޕަލް ކުންފުނިން އިންޑިއާގައި އައިފޯންގެ ޕްރޮޑަކްޝަން ވަރަށް ބޮޑަށް އިތުރުކޮށް، މިދިޔަ މާޗް މަހު ނިމުނު މާލީ އަހަރު 22 ބިލިއަން ޑޮލަރުގެ ފޯނު އިންޑިއާގައި ހަދާފައިވާ ކަމަށް ބްލޫމްބާގުން ރިޕޯޓްކޮށްފި އެވެ.

މިއީ ކުރީ އަހަރާ އަޅާބަލާއިރު 60 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ވާއިރު މި އަދަދާ އެކު މިހާރު މުޅި ދުނިޔޭގައި ވިކޭ ކޮންމެ ފަސް އައިފޯނަކުން އެއް ފޯނަކީ އިންޑިއާގައި ހަދާފައިވާ އެއްޗަކަށްވާނެ އެވެ.

މިއީ އެޕަލް އިން ޗައިނާގައި އައިފޯނު އުފެއްދުމުގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށްފި ކަމުގެ ނިޝާނެއް ކަމަށް ވަނީ ބެލެވިފަ އެވެ.

އިންޑިއާގައި އުފެއްދި އައިފޯނުތަކުގެ ތެރެއިން މި ނިމުނު މާލީ އަހަރުތެރޭ 17.4 ބިލިއަން ޑޮލަރުގެ ފޯނު އެ ގައުމުން އެކްސްޕޯޓްކޮށްފައިވާ ކަމަށް އިންޑިއާގެ ޓެކްނޮލޮޖީ މިނިސްޓަރު މި މަހުގެ އަށް ވަނަ ދުވަހު ވިދާޅުވެފައިވެ އެވެ.

އިންޑިއާގައި އައިފޯނު އުފެއްދުމުގެ މަސައްކަތް ފުޅާކުރަން ފެށީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ޗައިނާގައި ހަރުކަށި ލޮކްޑައުންތައް އިއުލާނުކުރުމާ އެކު އެޕަލްގެ އެންމެ ބޮޑު މެނުފެކްޗަރިން ޕްލާންޓުގެ މަސައްކަތަށް އައި ބޮޑެތި ހުއްޓުންތަކާ އެކުގަ އެވެ.

އިންޑިއާގައި ހަދާ އައިފޯނުގެ ބޮޑު ބައި އުފައްދަނީ ދެކުނު އިންޑިއާގައި ހުންނަ ފޮކްސްކޮން ޓެކްނޮލޮޖީ ގްރޫޕްގެ ފެކްޓަރީގަ އެވެ. އެއީ ޓާޓާ ގްރޫޕްގެ އިލެކްޓްރޯނިކް ޑިވިޝަނާ އެކު ހިންގާ ތަނެކެވެ.

ބްލޫމްބާގުން ބުނެފައިވާ ގޮތުގައި ގައުމުތަކުން އެތެރެކުރާ މުދަލުން ޓެރިފް ބޮޑުކުރުމުގެ ޕްލޭންތަކުގެ ވާހަކަ ފެބްރުއަރީ މަހު ދެކެވެން ފެށުމާ އެކު އެޕަލް އިން ވަނީ އިންޑިއާގައި އުފައްދާ އައިފޯނު އެމެރިކާއަށް އެތެރެކުރުން ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އެކަމަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިހާރު ވަނީ މި ޓެރިފުން ފޯނާއި އިލެކްޓްރޯނިކް އެހެން ސާމާނު އިސްތިސްނާކޮށްފަ އެވެ. ނަމަވެސް މިއީ ދާއިމީ އިސްތިސްނާއެއް ނޫނެވެ.

އިންޑިއާގައި މިހާރު އައިފޯނުގެ ހުރިހާ މޮޑެލްއެއް އުފައްދަ އެވެ.

އިންޑިއާގެ މޯބައިލް ފޯން މާކެޓްގައި މިހާރު އައިފޯންގެ ހިއްސާ އަކީ އަށް ޕަސެންޓެވެ. މިދިޔަ އަހަރު އިންޑިއާގައި އެޕަލްއަށް 8 ބިލިއަން ޑޮލަރުގެ ވިޔަފާރިވެފައިވެ އެވެ.