Roadha Mihaaru
އިންޑިޔާގައި އައިފޯނު އަގުބޮޑުކޮށްފި

އިންޑިޔާގައި އައިފޯނު އަގުބޮޑުކޮށްފި

21 ޑިސެމްބަރ 2017

އިންޑިޔާ އަށް އެތެރެކުރާ މޮބައިލް ފޯނު އަދި ގުޅުން ހުރި އިލެކްޓްރޯނިކް އާލާތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާ ގުޅިގެން، އިންޑިޔާގައި އައިފޯނު ވިއްކާ އަގުތައް ބޮޑުކޮށްފި އެވެ. ނަމަވެސް އިންޑިޔާގައި އުފައްދާ އެ ފަދަ ބާވަތްތަކުގެ އަގު ބޮޑެއް ނުކުރެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އިންޑިޔާ އަށް އެތެރެކުރާ މޮބައިލް ފޯނު އަދި ގުޅުން ހުރި އިލެކްޓްރޯނިކް އާލާތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާ ގުޅިގެން، އިންޑިޔާގައި އައިފޯނު ވިއްކާ އަގުތައް ބޮޑުކޮށްފި އެވެ. ނަމަވެސް އިންޑިޔާގައި އުފައްދާ އެ ފަދަ ބާވަތްތަކުގެ އަގު ބޮޑެއް ނުކުރެ އެވެ.

އިންޑިޔާގައި އައިފޯނުގެ ހުރިހާ މޮޑެލްއެއް ވިއްކަ އެވެ. އެ ހުރިހާ އައިފޯނެއްގެ ތެރެއިން، މި ގަވާއިދުން އިސްތިސްނާވާ އައިފޯނަކީ، އައިފޯން އެސްއީ އެވެ. އައިފޯނުގެ މި މޮޑެލް އިންޑިޔާގައި އުފައްދަ އެވެ. އިންޑިޔާއިން އަމަލުކުރަން ފެށި މި އުސޫލުގެ ބޭނުމެއް ކަމަށް ވަނީ އަމިއްލަ އުފެއްދުންތެރިކަން އިތުރުކުމެވެ. އެހެންކަމުން އިންޑިޔާގައި އުފައްދާ އިލެކްޓްރޯނިކް ހުރިހާ ބާވަތްތައް މި ދަރަޖަކުރުމުން އިސްތިސްނާވެ އެވެ.

އެޕަލްއިން އިންޑިޔާގައި އައިފޯނު އުފެއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އިންޑިޔާގައި ވިޔަފާރި ފުޅާކުރުމަށްޓަކައި އެޕަލް އަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމަށް އެދި އެޕަލުން ވަނީ ސަރުކާރާ މަޝްވަރާކޮށްފަ އެވެ. ނަމަވެސް އެފަދަ އުސޫލެއް ވަކި އިންވެސްޓަރަކަށް އަމާޒުކުރެވޭ ގޮތަށް ހެދިފައި ނެތް ކަމަށް ވަނީ ބުނެފަ އެވެ.

އިންޑިޔާ އަށް އެތެރެކުރާ އިލެކްޓްރޯނިކް ސާމާނުން ޓެކްސް ބޮޑުކުރުމަކީ، ދިގު މުއްދަތަކަށް ބަލާ ނަމަ ފައިދާކުރާނެ ކަމެއް ކަމަށް މާކެޓް ދިރާސާކުރާ މީހުން ބުނެ އެވެ. އިންޑިޔާގައި އަމިއްލް އުފެއްދުންތެރިކަން އިރުވާ ނިސްބަތުން ތަކެތީގެ އަގު ހެޔޮވާނެ ކަމަށް ބެލެވެ އެވެ.

ޗައިނާ ސްމާޓްފޯން ކުންފުނި، ޝޯމީން އިންޑިޔާގައި ފޯނު އުފައްދަން ވަނީ އިންވެސްޓްކޮށްފަ އެވެ. އައިފޯނުގެ އަގު ހެޔޮކުރުމަށްޓަކައި އިންޑިޔާގައި އުފައްދާ އައިފޯނު މޮޑެލްތައް އެޕަލް އަށް އިތުރުކުރެވެން އޮތް ކަމަށް ބެލެވެ އެވެ. އެ ނޫން ގޮތެއްގައި ނަމަ އެޕަލް އަށް ޗައިނާ މާކެޓް ގެއްލުނު ގޮތަށް، އިންޑިޔާ ސްމާޓްފޯން މާކެޓްގައި، ވާވޭ، ޝޯމީ އަދި އިޕޯ ފަދަ ޗައިނާ ކުންފުނިތައް ބާރުގަދަކުރުން ވަރަށް ގާތެވެ.