Roadha Mihaaru

އިޝްތިހާރަކުން އެޕަލް އަށް ބޮޑު ލަދެއް

އެހެން ބައެއްގެ މަސައްކަތެއް ކޮޕީކޮށްގެން މި ޒަމާނުގައި ފަޅާނާރާނެ ކަމަށް އެއްގޮތަކަށް ވެސް ހީކޮށްގެން ނުވާނެ އެވެ. އަދި އެއާއެކު ސޯޝަލް މީޑިއާގައިކޮށްލާ މަލާމާތްތަކަށް ވެސް ޖެހޭނީ ލޯ މަރާލައިގެން ހުރެ ކެތްކޮށްލާށެވެ.

އިޝްތިހާރަކުން އެޕަލް އަށް ބޮޑު ލަދެއް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

22 މާޗް 2018

އެހެން ބައެއްގެ މަސައްކަތެއް ކޮޕީކޮށްގެން މި ޒަމާނުގައި ފަޅާނާރާނެ ކަމަށް އެއްގޮތަކަށް ވެސް ހީކޮށްގެން ނުވާނެ އެވެ. އަދި އެއާއެކު ސޯޝަލް މީޑިއާގައިކޮށްލާ މަލާމާތްތަކަށް ވެސް ޖެހޭނީ ލޯ މަރާލައިގެން ހުރެ ކެތްކޮށްލާށެވެ.

އެޕަލް އައިފޯން 10 ގެ އިޝްތިހާރެއް އާންމުކުރުމާ އެކު އެތައް ބަޔަކު ވަނީ ކެކި އަރައިގެންފަ އެވެ. ހާއްސަކޮށް ދުނިޔޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑިއާ މީހުންނެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އިޝްތިހާރުގައި އޮތީ އިންޑިއާގެ މިއުޒިކެއް ކޮޕީކޮށްލައިފަ އެވެ.

ޕީޓް ކެނަންގެ ޓްވީޓް.

އެޕަލްގެ މިއުޒިކް ޕްރޮޑިއުސަރު ޕީޓް ކެނަން ތައްޔާރު ކުރި އެޕަލް އައިފޯން 5 ގެ އިޝްތިހާރު ޓްވިޓާ މެދުވެރިކޮށް ހިއްސާ ކުރަމުން އޭނާ ބުނީ މިއީ އެޕަލްގެ އައިފޯންގެ ހުރިހާ ފޭނުންނަށް ދޫކޮށްލާ އެއްޗެއް ކަމަށެވެ.

ޕީޓްގެ އެ ޓްވީޓާ އެކު އިންޑިއާގެ އެތައް ބަޔަކު ވަނީ އިޝްތިހާރު ބަލާފައި ސޯޝަލް މީޑިއާގައި ޝުއޫރުތައް ބަންޑުން ކުރަން ފަށައިފަ އެވެ. އަދި އިޝްތިހާރުގައި ބޭނުންކޮށްފައި ވަނީ އިންޑިއާގެ ކުރީގެ މިއުޒިކް ޑައިރެކްޓަރު އާރްޑީ ބަރްމަން 1980 ވަނަ އަހަރު ފިލްމް "ދަ ބާނިން ޓްރެނިން" ގެ ލަވައަކަށް ކޮމްޕޯޒްކޮށް ދިން "މޭރީ ނަޒަރް ހޭ ތުޖްޕޭ" ގެ މިއުޒިކް ކަމަށް ބުނެފައިވެ އެވެ.

ޕީޓްގެ އެޑަށް މީހަކު ޓްވީޓްކޮށްފައި.

ނަވާރަސަތޭކަ ނުވަދިހަ ހަތަރެއްގައި މަރުވެފައިވާ ބަރްމަންއަކީ އިންޑިއާގެ އެންމެ ކުޅަދާނަ އެއް އަންހެން ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ފިރިމީހާ އެވެ.

ބަރްމަންގެ މިއުޒިކް ޕީޓް ކޮޕީކޮށްފައިވާ ކަމަށް ބުނެ މަލާމާތް ކުރަން ފެށުމުން އޭނާ ފަހުން ވަނީ އަނެއްކާ ވެސް ޓްވީޓެއްކޮށް، ފޭނުން މައިތިރި ކުރަން މަސައްކަތްކޮށްފަ އެވެ. އެ ޓްވީޓްގައި އޭނާ ވަނީ އެއީ ބަރްމަންގެ މިއުޒިކް ކަމަށް އެއްބަސް ވެފަ އެވެ. އަދި އެ ބޭނުން ކުރީ ލަވައިގެ ވެރިފަރާތުން ހުއްދަ ހޯދައިގެން ކަމަށް ބުނެފައިވެ އެވެ.

ޕީޓް ފަހުން ކުރި ޓްވީޓް.

"ބަރުމަންގެ މިއުޒިކް ވަރަށް ޖާދުވީ. އަހަރެން އިޝްތިހާރުގައި އެ ބޭނުންކޮށްލީ ސާމްޕަލެއްގެ ގޮތުން. އަނެއްކާ އެތައް ބަޔަކަށް މީތި ކަމުވެސް ގޮސްފި،" ޕީޓް ބުންޏެވެ.

އެކަމަކު އިޝްތިހާރު އާންމު ކުރި ޓްވީޓްގައި ބަރްމަން އަށް ކްރެޑިޓް ދީފައި ނެތުމަކީ ޕީޓް "ވަގު ޖަހައިގެން" އޮތުން ކަމަށް ބައެއް މީހުން ވަނީ ސިފަކޮށްފަ އެވެ. އަދި އެކަން ފާހަގަނުކުރި ނަމަ، އޭނާ ފަހުން ބަރްމަންގެ ވާހަކަ ނުދައްކާނެ ކަމަށް ވެސް ޝުއޫރު ފާޅުކުރި ގިނަ މީހުން ބުންޏެވެ.