Roadha Mihaaru

އިންޑިއާގައި އައިފޯން އުފައްދަން ފަށަނީ

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގައި އެޕަލް ކުންފުނިން އައިފޯނު އުފެއްދުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ކަރްނާޓަކާގެ ސަރަހައްދީ ސަރުކާރުން ބުނެފި އެވެ.

އިންޑިއާގައި އައިފޯން އުފައްދަން ފަށަނީ
ނިއުމަތުﷲ އިދުރީސް
ނިއުމަތުﷲ އިދުރީސް

04 ފެބުރުއަރީ 2017

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގައި އެޕަލް ކުންފުނިން އައިފޯނު އުފެއްދުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ކަރްނާޓަކާގެ ސަރަހައްދީ ސަރުކާރުން ބުނެފި އެވެ.

ޓެކްނޮލޮޖީގެ ހަބެއް ކަމަށްވާ ބެންގަލޫރުގައި ވެރިކަންކުރާ ސްޓޭޓްގެ ސަރުކާރުން މިކަން އިއުލާނުކުރި ނަމަވެސް އެޕަލް އިން އަދި މިކަމުގައި ވާހަކައެއް ނުދައްކަ އެވެ.

ދެކުނު ކޮރެއާގެ ސެންސަންގަށް ވުރެ މޯބައިލް ފޯނު މާކެޓް ހިއްސާގައި ދެ ޕަސެންޓް ފަހަތުގައި އޮތް އެޕަލް އިން އިންޑިއާގައި ފޯނު އުފައްދަން ފެށުމާ ބެހޭ ގޮތުން ވާހަކަ ދެކެވިފައިވާ ކަމަށާއި އޭޕްރީލް މަސް ނިމޭއިރު އެޕަލް އިން އިންޑިއާގައި މަސައްކަތް ފަށާނެ ކަމަށް ބެލެވޭ ކަމަށް ކަރްނާޓަކާގެ އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ބަޔޯޓެކްނޮލޮޖީ މިނިސްޓަރު އޭއެފްޕީ އަށް ވިދާޅުވެފައިވެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެޕަލްގެ ކާރުޚާނާ އިންޑިއާގައި ބިނާކުރުމުގެ މަސައްކަތް ޓައިވާންގެ ކުންފުންޏެއް ކަމަށްވާ ވިސްޓްރޯން އިން އަންނަނީ ކުރަމުންނެވެ.

އެޕަލްގެ ފޯނު ވިކޭ މިންވަރު ނިސްބަތުން މަދު ނަމަވެސް ފެންވަރު މަތީ ފޯނުގެ މާކެޓްގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި އެޕަލް އިން ކޮންޓްރޯލްކުރެ އެވެ. އަދި ހަލުވިކަމާ އެކު އަންނަނީ މާކެޓްގައި ވަރުގަދަކުރަމުންނެވެ.

އެޕަލްގެ ރަސްމީ ފިހާރައެއް މިހާތަނަށް ވެސް އިންޑިއާގައި ގާއިމުކޮށްފައެއް ނުވެ އެވެ. މިކަމުގައި ހުރަސްތައް ކުރިމަތިވެފައި ވަނީ ބިދޭސީ ކުންފުނިތަކާ މެދު އަމަލުކުރާ ގާނޫނުތަކާއި ގަވައިދުތަކުގެ ސަބަބުންނެވެ.