Roadha Mihaaru
އެޕަލްގެ އެންމެ ބޮޑު އެއް ސަޕްލަޔަރު ހުއްޓުމަކަށް

އެއްބަސްވުމާ ހިލާފުވެގެން އެޕަލްގެ އެންމެ ބޮޑު އެއް ސަޕްލަޔަރުގެ މަަސައްކަތް ހުއްޓުމަކަށް

10 ނޮވެމްބަރ 2020

އެއްބަސްވުމާ ހިލާފަށް "ސްޓޫޑަންޓް ވޯކާ ޕްރޮގްރާމް" އާ ދޭތެރޭ އަމަލުކުރާ މައްސަލަތަކެއް ފެންމަތިވެ އެޕަލްގެ އެންމެ ބޮޑު ސަޕްލަޔަރު ކަމަށްވާ ޓައިވާންގެ ޕެގަޓްރޯންއާ އެކު ހަދާފައިވާ އެއްބަސްވުން ވަގުތީ މަޑުޖައްސާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެއްބަސްވުމާ ހިލާފަށް "ސްޓޫޑަންޓް ވޯކާ ޕްރޮގްރާމް" އާ ދޭތެރޭ އަމަލުކުރާ މައްސަލަތަކެއް ފެންމަތިވެ އެޕަލްގެ އެންމެ ބޮޑު ސަޕްލަޔަރު ކަމަށްވާ ޓައިވާންގެ ޕެގަޓްރޯންއާ އެކު ހަދާފައިވާ އެއްބަސްވުން ވަގުތީ މަޑުޖައްސާލައިފި އެވެ.

މި ފިޔަވަޅު އަޅަން ޖެހުނީ ޕެގަޓްރޯންގެ ފެސިިލިޓީތަކުގައި އިންޓާންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި އެޕަލްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވަމުންދާކަން އެނގުމާ ގުޅިގެންނެވެ. އެގޮތުން ބައެއް މުވައްޒަފުން މަގާމުން ވަކިކުރުމާއި ޝިފްޓް އުސޫލާ ހިލާފަށް މަސައްކަތްކުރުވުމާއި އޯވަޓައިމްކޮށް މަސައްކަތްކުރުވުން ހިމެނެ އެވެ.

މި މައްސަލާގައި އެޕަލް އިން ބުނީ މިކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން އިތުރަށް ބަލައި، މައްސަލަ އަށް ހައްލެއް ނުހެދީނީސް ޕެގަޓްރޯންއާ އެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުހިންގާނެ ކަމަށެވެ. އެހެންވެ، ފުޅާ ދާއިރާއެއްގައި އެޕަލްގެ ޑިވައިސްތައް އުފައްދާ ޕެގަޓްރޯންގެ އެއްވެސް ފެސިލިޓީއެއްގައި މަސައްކަތެއް ކުރިއަކަށް ނުދާނެ އެވެ.

"އެއްބަސްވާ މަސައްކަތް ނޫން މަސައްކަތްތައް މުވައްޒަފުން ލައްވައި ކުރުވުމާއި މަސައްކަތް ކުރަން ޖެހޭ ވަގުތަށް ވުރެ އިތުރަށް މަސައްކަތް ކުރުވުމާއި ރޭގަނޑު މަސައްކަތް ކުރުވުމާއި ނޯޓިސް ނުދީ ބައެއް މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅުތައް ޕެގަޓްރޯނުން އަޅާފައި އެބަހުރި،" އެޕަލް އިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ޕެގަޓްރޯނުން އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާތީ އެ ކުންފުންޏާ މުއާމަލާތްކުރުން މި ވަގުތަށް މަޑުޖައްސާލި ނަމަވެސް "ސްޓޫޑަންޓް ވޯކާ ޕްރޮގްރާމް" ގައި ބައިވެރިވާ މުވައްޒަފުންނަށް އެޕަލްގެ މަސައްކަތްތައް ކުރާ އެހެން ޕްރޮޑަކްޝަން ލައިންތަކުގައި މަސައްކަތްކުރުމުގެ އިންތިޒާމުތައް ހަމަޖައްސާނެ އެވެ. އަދި މިކަން ހަމަޖައްސައި ދެނީ ޕެގަޓްރޯން އިން އަމަލުކުރަމުން ދިޔަ ގޮތުގެ ސަބަބުން އިންޓާނުންނަށް ލިބުނު ގެއްލުމުގެ ބަދަލު ވެސް ލިބޭ ގޮތަށް ކަމަށް އެޕަލް އިން ބުންޏެވެ.

މީގެ ކުރިން ވެސް އެ ކުންފުނީގެ ފަރާތުން އެކި ކަހަލަ މައްސަލަތައް ފެންމަތިވެފައިވެ އެވެ. އެގޮތުން 2013 ގައި ޗައިނާ ލޭބާ ވޮޗުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ޝަންހާއީގެ ފެކްޓަރީގައި އިންޓާނުން ލައްވައި އެކަށީގެން ނުވާ މުސާރައަށާއި އިތުރު ގަޑީގައި މަސައްކަތްކުރުވާފައި ފައިސާ ވެސް ނުދޭ ކަމަށެވެ.