Roadha Mihaaru
އެތެރޭން ދަރަންޏަށް ނަގަންޏާ ބޭންކުތަކަށް އަސަރު ކުރާނެ

އެތެރެއިން ދަރަންޏަށް ފައިސާ ނަގާ ނަމަ ބޭންކިން ނިޒާމަށް އަސަރު ކުރާނެ: ވޯލްޑް ބޭންކު

06 އޮކްޓޯބަރ 2016

ރާއްޖޭގެ މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުން އިތުރުވެފައިވާ ކަމަށާއި އެކަން އެ ގޮތަށް ކުރާ ނަމަ ރާއްޖޭގެ ބޭންކިން ނިޒާމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދީފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭގެ މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުން އިތުރުވެފައިވާ ކަމަށާއި އެކަން އެ ގޮތަށް ކުރާ ނަމަ ރާއްޖޭގެ ބޭންކިން ނިޒާމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދީފި އެވެ.

ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަކޮށް އަހަރު ދެކޮޅު ނެރޭ ރިޕޯޓުގެ ފަހު އަދަދު މިދިޔަ ހޯމަ ދުވަހު ނެރެފައި ވާއިރު، އޭގައި ބުނި ގޮތުގައި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ 35 ޕަސެންޓް ކަމަށް ވިޔަސް، ހަރަދު 48 ޕަސެންޓަށް އަރަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ރާއްޖެ އަށް ނުކުޅަދާނަވާ ވަރަށް، ބިޔަ މަޝްރޫއުތަކަށް ހަރަދުކުރުން ކަމަށް އެ ތަނުން ބުނެފައިވެ އެވެ.

އޭގެ ސަބަބުން ދައުރުވާ ފައިސާގެ މިންވަރު ވަރަށް ބޮޑަށް މަދުވެ، އެ ބައި ފޫބައްދަން އަގު ބޮޑުކޮށް ރާއްޖޭގެ މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނަގަންޖެހިފައިވާ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. އަދި ބުނީ އެ ގޮތަށް ހޯދާ ފައިސާ އަނބުރާ ދައްކަން ލިބޭ ކުރު މުއްދަތުގެ ތެރޭގައި ނުދެއްކޭ މިންވަރު އިތުރުވަމުން ދާ ކަމަށެވެ.

"އެތެރޭން ދަރަންޏަށް ފައިސާ ނެގުމަށް ބަރޯސާވުން އިތުރުވުމުގެ ސަބަބުން ރާއްޖޭޭގެ ބޭންކިން ނިޒާމު ވަނީ ބޭރުގެ މަރުކަޒީ ބޭންކުތަކުން އިންޓްރަސްޓް ރޭޓަށް ގެންނަ ބަދަލުތަކުން ކުރާ އަސަރުތަކަށް ބޮޑަށް ހުށަހެޅިފަ އެވެ،" ރިޕޯޓުގައިވެ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަސް ނިމުނުއިރު ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް 21.2 ބިލިއަން ރުފިޔާގެ ޓީ ބިލާއި ޓީ ބޮންޑު ވިއްކާފައިވެ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ. މީގެ އިތުރުން، ޓީބިލުގެ ނުދައްކާ ހުރި މިންވަރު 13 ޕަސެންޓް އަދި ޓީ ބޮންޑުގެ ނުދައްކާ ހުރި މިންވަރު 12 ޕަސެންޓް އިތުރުވުމާ ގުޅިގެން ސަރުކާރުން ވިއްކާފައިވާ ސެކިއުރިޓީސްގެ ނުދައްކާ ހުރި މިންވަރު އިތުރުވެފައިވާ ކަމަށް ވެސް މަރުކަޒީ ބޭންކުން ވަނީ ބުނެފަ އެެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ވަކި އިންޓަރެސްޓް ރޭޓެއްގައި އަނބުރާ ދައްކާ ގޮތަށް ދޫކުރާ ޓީ ބިލާއި ދިގު މުއްދަތެއްގައި ދައްކާ ހަލާސްކުރާ ގޮތަށް ދޫކުރާ ޓީ ބޮންޑު، ރާއްޖޭގެ ބޭންކުތަކުން ގަންނަ މިންވަރު ވަނީ އިތުރުވެފަ އެވެ. އެ ގޮތުން، މިދިޔަ ޖުލައި މަހުގެ ނިޔަލަށް ވިއްކި ޓީ ބިލުގެ އަދަދު އިތުރުވި މައިގަނޑު ސަބަބަކީ ވެސް ބޭންކުތަކުން ޓީ ބިލު ގަތް މިންވަރު 27 ޕަސެންޓު އިތުރުވުމެވެ.

މިދިޔަ މޭ މަހު ނެރުނު އަދަދުގައި ވެސް ވާ ގޮތަށް، މި ފަހަރު ވެސް ވޯލްޑް ބޭންކުން ވަނީ އަހަރުން އަހަރަށް ދައުލަތު ދަރަނި އިތުރުވެ، 2020 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހޭ ދަރަނި 120 ޕަސެންޓަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ. އެކަމަކު، މި ފަހަރުގެ އަދަދުގައި ދަރަންޏާ ގުޅޭ ގޮތުން އިތުރު އިންޒާރެއް ވެސް ވަނީ ދީފަ އެވެ. އެއީ ބޭރުގެ ދަރަނި ހުންނަން ޖެހޭނެ ކަމަށް ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ކަނޑައަޅާފައިވާ މިންގަނޑުތައް ފަހަނަ އަޅާ ދާނެ ކަމެވެ.

އެހެންވެ، ބައިބަޔަށް ބަހާލައިގެން، ދަރަނި ކުޑަކޮށްގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން މި ފަހަރު ވެސް ވޯލްޑް ބޭންކުން ވަނީ ލަފާ ދީފަ އެވެ.

ސަރުކާރުން ދަނީ ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެން ބިޔަ މަޝްރޫއުތަކެއް އެއްފަހަރާ ހިންގަމުންނެވެ. އޭގެ ތެރޭގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި މައި އެެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހިމެނޭ އިރު، އެ ކަންކަމުގެ ސަބަބުން ރާއްޖޭގެ ދަރަނި އިންތިހާ އަށް މައްޗަށް ދާ މައްސަލަ ބޭރުގެ ބައެއް އެހެން ފަރާތްތަކުން ވެސް ދަނީ ފާހަގަކުރަމުންނެވެ.