Roadha Mihaaru
ޖީޑީޕީ ކުރިއެރިޔަސް އޮތީ ދަރަނި ބޮޑުވުމުގެ ބިރު!

ލަފާކުރެވޭގޮތުގައި ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ، ނަމަވެސް ދަރަނި ބޮޑުވުމަކީ އޮތް ބިރެއް: ވޯލްޑް ބޭންކް

06 އޮކްޓޯބަރ 2022

ރާއްޖޭގެ ޖީޑީޕީ ކުރިއަށް އޮތްތަނުގައި ކުރިއަރާނެ ކަމަށް ލަފާކުރެވުނަސް ބޭރުގެ ދަރަނިތައް ބޮޑުވުމަކީ އެ ލަފަޔަށް އޮތް ބިރެއް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރާއްޖޭގެ ޖީޑީޕީ ކުރިއަށް އޮތްތަނުގައި ކުރިއަރާނެ ކަމަށް ލަފާކުރެވުނަސް ބޭރުގެ ދަރަނިތައް ބޮޑުވުމަކީ އެ ލަފަޔަށް އޮތް ބިރެއް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

އެ ބޭންކުން މިއަދު ނެރުނު ސައުތު އޭޝިއަން އިކޮނޮމިކް ފޯކަސް (ސެއިފް) ރިޕޯޓުގައި ވާ ގޮތުން، މި އަހަރު ނިމޭއިރު ރާއްޖޭގެ ޖީޑީޕީ 12.4 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ. އަންނަ އަހަރު ވެސް 8.2 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކުރި އެވެ.

މި އަހަރާއި އަންނަ އަހަރުގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރެވެނީ، ކޮވިޑަށްް ފަހު ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަރައިގަތުމުންނެވެ. އެ ދާއިރާ ފުޅާކުރުމަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރާ ކަމެއް ކަމަށް ވޯލްޑު ބޭންކުން ބުނެ އެވެ.

"ހާއްސަކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކޮށް، އާ ރިސޯޓްތައް ހުޅުވުމަށް ރާވާފައިވާ ގޮތާއި ޗައިނާގެ ޓޫރިސްޓުން އެނބުރި އަންނާނެ ކަމަށް ލަފާކުރެވޭ މިންވަރު އަދި އިންފްރާސްޓްރަކްޗަރާއި ބޯހިޔާވަހިކަމާާއި އިއާދަކުރަނިވި ހަކަތަައިގެ މަޝްރޫއުތަކަށް ހަރަދުކުރުން ފާހަގަކުރަން،" ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވެ އެވެ.

ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކެއް؛ ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވޭ

ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކެއް؛ ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވޭ

އެ ރިޕޯޓުގައި ވާގޮތުން، ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރިޔަސް ބޭރުގެ ދަރަނި ބޮޑުވުމާއި ބޮޑެތި މާލީ އަދި ކަރަންޓް އެކައުންޓް ޑެފިސިޓްތަކަކީ އެ ލަފަޔަށް އޮތް ބިރެކެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓަށް ބަލާއިރު، ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ކަނޑައަޅާފައިވާ އާމްދަނީ އަކީ 24 ބިލިއަން ރުފިޔާ އެވެ. ޖުމްލަ ހަރަދަކީ 34 ބިލިއަން ރުފިޔާ އެވެ. އެއާއެކު މި އަހަރުގެ ބަޖެޓް ހިންގަނީ ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.

ސަރުކާރުން ހާމަކުރި ތަފާސްހިސާބުތަކުގައި ވާ ގޮތުން، ރާއްޖޭގެ ދަރަނި މިހާރު ހުރީ 100 ބިލިއަން ރުފިޔާ އަށް ވުރެ މަތީގަ އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 110 ޕަސެންޓެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ކުރިމަގުގެ ޖީލަށް އުފާވެރިކަން ހޯދައިދޭން ބޭނުން ނަމަ އެ ކަން ހާސިލު ކުރެވެން އޮތީ ސަރުކާރުން ދަރަނި ވެސް ނަގައިގެން ކަމަށް ވިދާޅުވެފަ އެވެ.

ވޯލްޑް ބޭންކުން މިއަދު ނެރުނު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލީ ދެކުނު އޭޝިއާ އަށް ކުރިމަތިވެފައިވާ އިގްތިސޯދީ ބޮޑެތި ކާރިސާތަކާއި އެ ކަންކަމުން އަރައިގަންނާނެ ގޮތުގެ މައްޗަށެވެ. ހާއްސަކޮށް، ސްރީ ލަންކާ އަށް ކުރިމަތިވި ބޮޑު އިގްތިސޯދީ ކާރިސާއާ ޕާކިސްތާނަށް ދިމާވެފައިވާ ފެންބޮޑުވުމުގެ ހާދިސާގެ ވާހަކަ ހިމަނާފައި ވެ އެވެ.

އެ ރިޕޯޓުގައި ވާ ގޮތުން ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ސަބަބުން މި ސަރަހައްދުގެ ގިނަ ގައުމުތަކަށް ދަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންނެވެ. ހާއްސަކޮށް ތަކެތީގެ އަގު ބޮޑުވުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގުދުރަތީ ކާރިސާތައް ފާހަގަކުރި އެވެ.

މި ސަރަހައްދުގެ ގިނަ ގައުމުތަކަށް އެ ކަންކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް ބައެއް ގައުމުތަކުން މިހާރު އަންނަނީ އެ ހާލަތުން އަރައިގަންނަމުން ކަމަށް ރިޕޯޓުގައި ބުންޏެވެ. އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.