Roadha Mihaaru
ގައުމީ އަންހެން ބާސްކެޓްބޯޅަ ތަށި ސައިކްލޯން އަށް

ގައުމީ އަންހެން ބާސްކެޓްބޯޅަ މުބާރާތުގެ ތަށި ސައިކްލޯން ކާމިޔާބުކޮށްފި

05 އޮކްޓޯބަރ 2016

ގައުމީ 35 ވަނަ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސައިކްލޯން ބާސްކެޓްބޯލް ކްލަބް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ގައުމީ 35 ވަނަ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސައިކްލޯން ބާސްކެޓްބޯލް ކްލަބް ހޯދައިފި އެވެ.

އެ ޓީމު މުބާރާތް ކާމިޔާބުކުރީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި ޑީ ބާސްކެޓްބޯލް ކްލަބާ ވާދަކޮށް 52-38 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސައިކްލޯންގެ ނަތަޝާ މިޔަޓޮވިޗެވެ. މި މެޗުގައި ސައިކްލޯނަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ވެސް 33 ޕޮއިންޓާ އެކު ނަތަޝާ އެވެ. ޑީބީސީ އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 10 ޕޮއިންޓާ އެކު ޕްރެމިލާ ފެނާންޑޯ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސައިކްލޯންގެ ފާތިމަތު ޝައިލާން އަފްޒަލް އެވެ. އެންމެ ގިނަ ޕޮއިންޓް ހޯދީ ކުޅުންތެރިޔަކީ 94 ޕޮއިންޓް އެއްކުރި ޔޫތު ސްޕޯޓްސް ކްލަބުގެ ފާތިމަތު ރިޝްމާ އެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ޔޫތުގެ ހައްވާ މިހައެލާ ހަލީމެވެ.

މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް އެއްކުރި ކުޅުންތެރިޔާ ރިޝްމާ (ކ) އިނާމާ ހަވާލުވަނީ. --ފޮޓޯ: އެމްބީއޭ

މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް އެއްކުރި ކުޅުންތެރިޔާ ރިޝްމާ (ކ) އިނާމާ ހަވާލުވަނީ. --ފޮޓޯ: އެމްބީއޭ

މުބާރާތުގެ އެހެން މަގާމްތަކަށް ބަލާއިރު އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔަކީ ޑީބީސީގެ ނަޝްފާ އާމިރާ (ނައްފަ) އެވެ. އޮފެންސިވް އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކަށް ހޮވުނީ ޔޫތުގެ ރިޝްމާ އެވެ. އެންމެ މޮޅު ޕޮއިންޓް ގާޑަކަށް ހޮވުނީ ޑީބީސީގެ ޕްރެމިލާ އެވެ. އެއްް ވަނަ ކޯޗަކަށް ހޮވުނީ ސައިކްލޯންގެ ކޯޗު އަހުމަދު ނަޒީފެވެ.

ގައުމީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ކުޅުން މިއަދު ހަވީރު ފަށާނެ އެވެ. ފުރަތަމަ ސެމީ ފައިނަލުގައި މިއަދު ހަވީރު ކުޅޭނީ ލީގުގެ އެއް ވަނަ ޓީރެކްސް އާއި ރެޑްލައިން ކްލަބެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ސީދާ ޖާގައެއް ލިބޭނެ އެވެ. ދެ ވަނަ ސެމީގައި މިރޭ ކުޅޭނީ ލީގުގެ ތިން ވަނަ ދަ ބައުސް އަދި ހަތަރު ވަނަ ކުޑަހެންވޭރު ޔުނައިޓެޑެވެ. މި މެޗުން ބަލިވާ ޓީމެއް ކަޓާއިރު މޮޅުވާ ޓީމެއް ޖެހޭނީ މިއަދު ހަވީރު މޮޅުވާ ޓީމަކާ އެކު ތިން ވަނަ ސެމީގައި މާދަމާރޭ ކުޅޭށެވެ. ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.