Roadha Mihaaru
ފައިނަލްގައި ޓީރެކްސް-ކިންގްސް އަދި ކުއީންސް-އެލީޓް

ގައުމީ ބާސްކެޓްބޯޅަ މުބާރާތް: ފައިނަލްގައި ޓީރެކްސް އާއި ކިންގްސް އަދި އެލީޓާއި ކުއީންސް

18 ފެބުރުއަރީ 2024

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ޓީރެކްސް އާއި ކިންގްސް ބައްދަލު ކުރަން ޖެހިފައި ވާއިރު، އަންހެން ޑިވިޝަންގެ ފައިނަލްގައި ކުއީންސް އާއި އެލީޓް ވާދަކުރަން ޖެހިއްޖެ އެވެ.

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ޓީރެކްސް އާއި ކިންގްސް ބައްދަލު ކުރަން ޖެހިފައި ވާއިރު، އަންހެން ޑިވިޝަންގެ ފައިނަލްގައި ކުއީންސް އާއި އެލީޓް ވާދަކުރަން ޖެހިއްޖެ އެވެ.

ގައުމީ މުބާރާތުގެ ކުޅުން ފެށީ ބުރާސްފަތި ދުވަހު އެވެ. އެދުވަހުގެ ރޭ ކުޅުނީ ފިރިހެން ޑިވިޝަނުގެ ސެމީގެ ފުރަތަމަ ދެ މެޗެވެ.

ސެމީގެ ފުރަތަމަ މެޗުގައި ކިންގްސް އާ ވާދަކޮށް 78-67 ޕޮއިންޓުން މޮޅުވެގެން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ، ގައުމީ ލީގު ވެސް ކާމިޔާބު ކުރި ޓީރެކްސް އެވެ. ކިންގްސް އަށް ޖެހުނީ ދެވަނަ ސެމީ އިން ބަލިވާ ޓީމަކާ ދެކޮޅަށް ފަހު ސެމީ ކުޅޭށެވެ.

ދެވަނަ ސެމީގައި ކުރި ހޯދީ ރެޑްވިންގްސް އެވެ. ރެޑްވިންގްސް ވަނީ 65-58 ޕޮއިންޓުން ރެޕްޓާސް ބަލިކޮށްފަ އެވެ. ނަމަވެސް ތިންވަނަ ސެމީގައި ރޭ ރެޑްވިންގްސް ވަނީ 81-72 ޕޮއިންޓުން ކިންގްސް އަތުން ބަލިވެފަ އެވެ.

މިއާ އެކު ސެމީގެ ފަހު ޖާގަ ލިބުނީ ކިންގްސް އަށެވެ. ކިންގްސް އަކީ އެންމެ ފަހުން ބޭއްވި ތިން މުބާރާތުގައި ވެސް ޗެމްޕިއަންކަން ހޯދި ޓީމެވެ.

ގައުމީ ލީގުގައި ކުއީންސް އާއި އެލީޓް ބައްދަލުކުރި މެޗުގެ ތެެރެއިން.-- ފޮޓޯ: އެންބީއެލް/ ސިޑިބަރި

ގައުމީ ލީގުގައި ކުއީންސް އާއި އެލީޓް ބައްދަލުކުރި މެޗުގެ ތެެރެއިން.-- ފޮޓޯ: އެންބީއެލް/ ސިޑިބަރި

ގައުމީ މުބާރާތުގެ އަންހެން ޑިވިޝަން ފެށީ ހުކުރު ދުވަހު އެވެ. ހުކުރު ދުވަހުގެ ރޭ އަންހެން ޑިވިޝަންގެ ސެމީގެ ފުރަތަމަ ދެ މެޗު ވަނީ ކުޅެފަ އެވެ.

ފުރަތަމަ ސެމީގައި ވާދަކުރީ ކުއީންސް އާއި އެލީޓް އެވެ. މި މެޗު 81-44 ޕޮއިންޓުން ކާމިޔާބު ކޮށްގެން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ކުއީންސް އެވެ. ކުއީންސް އަކީ ގައުމީ ލީގުގެ ޗެމްޕިއަނުންނެވެ.

ސައިކްލޯންސް ވަނީ ދެވަނަ ސެމީގައި ލަޔަނެސް އަތުން ބަލިވެގެން މުބާރާތުން ކަޓައިފަ އެވެ. ލަޔަނެސް އިން ސައިކްލޯންސްގެ މައްޗަށް ކުރި ހޯދީ 51-47 ޕޮއިންޓުންނެވެ.

އަންހެން ޑިވިޝަންގެ ފައިނަލްގެ ފަހު ޖާގައަކަށް ރޭ ވާދަކުރީ ލަޔަނެސް އާއި އެލީޓް އެވެ. މި މެޗު 81-23 ޕޮއިންޓުން ކާމިޔާބު ކޮށް ފައިނަލުން ޖާގަ ހޯދީ އެލީޓް އެވެ.

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ ފައިނަލް މެޗު ވެސް ކުޅޭނީ މާދަމާ ރޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގަ އެވެ.