Roadha Mihaaru

އެމެރިކާގެ ލޭކާސް 10 ބިލިއަން ޑޮލަރަށް ވިއްކާލަނީ: ރިޕޯޓް

އެމެރިކާގެ ލޮސް އެންޖެލަސް އަށް ނިސްބަތްވާ ބާސްކެޓްބޯޅަ ކްލަބް ލޭކާސް، ރެކޯޑް 10 މިލިއަން ޑޮލަރުގެ އަގަކަށް ވިއްކާލަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެމެރިކާގެ ލޭކާސް 10 ބިލިއަން ޑޮލަރަށް ވިއްކާލަނީ

އެމެރިކާގެ ލޮސް އެންޖެލަސް އަށް ނިސްބަތްވާ ބާސްކެޓްބޯޅަ ކްލަބް ލޭކާސް، ރެކޯޑް 10 މިލިއަން ޑޮލަރުގެ އަގަކަށް ވިއްކާލަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެމެރިކާގެ އީއެސްޕީއެން އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ލޭކާސްގެ އޯނަރުން ކަމަށްވާ ބަސް އާއިލާ ވަނީ، އެ އާއިލާގެ 66 ޕަސެންޓް ހިއްސާ، އެ ޓީމުގެ މައިނޯރިޓީ ހިއްސާދާރެއް ކަމަށްވާ ބިލިއަނަރު މާކް ވޮލްޓާ އަށް ވިއްކާލަން ނިންމާފައި ވާކަމަށެވެ.

ވޮލްޓާސް ވަނީ ބާސްކެޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކަށް ވެސް އިންވެސްޓްކޮށްފަ އެވެ. އެގޮތުން އޭނާ އަކީ ބިލީ ޖީން ޓެނިސް މުބާރާތުގެ ވެސް ހިއްސާދާރެކެވެ. ހަމަ އެއާއެކު ކެޑިލެކް ފޯމިއުލާ ވަން ރޭސިން ޓީމުގެ ވެރިޔަކީ ވެސް އޭނާ އެވެ.

ބާސްކެޓްބޯޅަ ލެޖެންޑް ލެބްރޯން ޖޭމްސސް ކުޅެމުން އަންނަ ލޭކާސްގެ މައިނޯރިޓީ ހިއްސާދާރުންގެ ތެރޭގައި، އިންގްލެންޑްގެ ޗެލްސީގެ ކޯ އޯނަރު ޓޮޑް ބޯލީ ވެސް ހިމެނެ އެވެ.

މެޖޯރިޓީ ހިއްސާ ވިއްކާލިއަސް ބަސް އާއިލާގެ 15 ޕަސެންޓް ހިއްސާ ކްލަބުގައި އޮންނާނެ އެވެ. އެއީ އެންބީއޭގެ ގަވާއިދުގައިވާ ގޮތުން ކްލަބްގެ ގަވަރުނަރުގެ ގޮތުގައި ހުންނަ ފަރާތުގެ ހިއްސާގެ އެންމެ މަދު މިންވަރެވެ.

މިއާ އެކު ލޭކާސްގެ ގަވަރުނަރެއްގެ ގޮތުގައި ޖީނީ ބަސް ދެމި ހުންނާނެ އެވެ. ނަމަވެސް ބަސް އާއިލާގެ ދަށުގައި 46 އަހަރު ވަންދެން ލޭކާސް ބާސްކެޓްބޯޅަ ކްލަބުގައި އޮތް ބާރު ނިމުމަކަށް އަންނާނެ އެވެ.

އިންވެސްޓަރު ޖެރީ ބަސް ލޭކާސް ގަތީ 1979 ވަނަ އަހަރު، 67.5 މިލިއަން ޑޮލަރަށެވެ. އޭގެ ކުރިން އެންމެ ފަހަރަކު އެންބީއޭ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާ ލޭކާސް ވަނީ، 2013 ވަނަ އަހަރު ޖެރީ މަރުވުމުގެ ކުރިން 10 ފަހަރު ޗެމްޕިއަންޝިޕް ނަގައިފަ އެވެ. އަދި އޭނާ މަރުވި އިރު ފޯބްސް އިން ހާމަ ކޮށްފައިވާ ގޮތުގައި ލޭކާސްގެ މާކެޓް އަގު އުޅެނީ 1 ބިލިއަން ޑޮލަރުގެ އަގަކަށެވެ.

މިއާ އެކު ލޭކާސް ވާނީ، އެމެރިކާގެ އެންމެ އަގުބޮޑު ކުޅިވަރު ކްލަބަށެވެ. މި އަހަރުގެ ކުރީކޮޅު ބާސްކެޓް ކްލަބް ބޮސްޓޮން ސެލްޓިކްސް ވަނީ 6.1 ބިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ. އޭގެ ކުރިން 2023 ވަނަ އަހަރު ވޮޝިންޓަން ކޮމާންޑާސް ވިއްކާލައިފައި ވަނީ 6.05 މިލިއަން ޑޮލަރަށެވެ.

ގަދަ ތިނަކަށް ފަހު ހަތަރުވަނައަށް މިހާތަނަށް އެންމެ އަގު ބޮޑުކޮށް ވިއްކާލި ކްލަބަކީ އިންގްލެންޑްގެ ޗެލްސީ ފުޓްބޯޅަ ކްލަބެވެ. ޓޮޑް ބޯލީގެ ކޮންސޯޓިއަމުން 2022 ވަނަ އަހަރު ޗެލްސީ ގަނެފައި ވަނީ 5.4 ބިލިއަން ޑޮލަރުގެ އަގަކަށެވެ.

ލޭކާސް ވެފައި ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކްލަބަށެވެ. ނަމަވެސް ފޯބްސް އިން އެންމެ ފަހުން ނެރުނު ދުނިޔޭގެ އެންމެ މުއްސަނދި ކްލަބްގެ ލިސްޓުގެ އެއް ވަނައިގައި އޮތީ 10.1 މިލިއަން ޑޮލަރު ހުންނާނެ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަންދާޒާކުރި އެމެރިކަން ފުޓްބޯޅަ ކުޅޭ ޑަލަސް ކައުބޯއީސް އެވެ.