Roadha Mihaaru

ރާއްޖެއާ އެކު 3 އޮން 3 އޭޝިއާ ކަޕް ކޮލިފައިން ފަށައިފި

ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމާ އެކު ފީބާ 3 އޮން 3 އޭޝިއާ ކަޕް އިއްޔެ ސިންގަޕޫރުގައި ފަށައިފި އެވެ.

ރާއްޖެއާ އެކު 3 އޮން 3 އޭޝިއާ ކަޕް ފަށައިފި

ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމާ އެކު ފީބާ 3 އޮން 3 އޭޝިއާ ކަޕް އިއްޔެ ސިންގަޕޫރުގައި ފަށައިފި އެވެ.

މުބާރާތުގައި އެންމެ ފުރަތަމަ ކުރިއަށް ދަނީ ކޮލިފައިން ޑްރޯގެ މެޗުތަކެވެ. ކޮލިފައިން ޑްރޯގެ ކޮންމެ ގުރޫޕަކުން އެއް ވަނައަށް ދާ ޓީމުތައް، ސީޑް ކޮށްފައިވާ ޓީމުތައް ހިމެނޭ މެއިން ޑްރޯ އަށް ހޮވޭނެ އެވެ. މުބާރާތުގެ ނޮކައުޓް ބުރަށް ހޮވޭނީ މެއިން ޑްރޯގެ ހަތަރު ގުރޫޕުން ވެސް އެންމެ ރަނގަޅު ދެ ޓީމެވެ.

ރާއްޖޭގެ އަންހެން ޓީމު ހިމެނެނީ އައިޝަތު ޝިއުރާ އަބްދުލް ބާރީ އާއި ރައީފާ އިބްރާހީމް އަދި ޒުހާ އަޝްރަފް އަލީ އާއި އައިޝަތު އިނާޝާ އެވެ.

އަންހެން ކޮލިފައިން ޑްރޯ ސީ ގައި ރާއްޖެ އާއެކު ހިމެނޭ ގައުމުތަކަކީ ކަޒަކިސްތާނާއި ވިއެޓްނާމް އަދި އީރާނެވެ. ފުރަތަމަ މެޗުގައި އިއްޔެ ހެނދުނު ވަނީ ކަޒަކިސްތާނާ ވާދަކޮށް 21-2 އިން ބަލިވެފަ އެވެ. މި މެޗުގައި ރާއްޖެއަށް ޕޮއިންޓް ހޯދައިދިނީ ޝިއުރާ އާއި ޒުހާ އެވެ.

ދެ ވަނަ މެޗުގައި އިއްޔެ ހަވީރު ވިއެޓްނާމާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 21-8 އިންނެވެ. ޒުހާ މި މެޗުގައި ތިން ޕޮއިންޓް ހޯދައިދިން އިރު ރައީފާ އާއި އިނާޝާ ވެސް ވަނީ ދެ ޕޮއިންޓް ހޯދައިދީފަ އެވެ. އަދި ޝިއުރާ ވެސް ޕޮއިންޓެއް ހޯދި އެވެ.

ރާއްޖޭގެ ފަހު މެޗުގައި މިއަދު ހެނދުނު އީރާނާ ދެކޮޅަށް ނުކުންނާނެ އެވެ.

ފިރިހެން ޓީމު ވާދަކުރާ ކޮލިފައިން ޑްރޯ ސީ ގައި ހިމެނެނީ އީރާނާއި ޕަޕުއާ ނިއު ގިނީ އަދި ކަޒަކިސްތާނެވެ.

ރާއްޖޭގެ މި ޓީމުގައި ހިމެނެނީ މުހައްމަދު ޚުވައިލިދު އަލީ އާއި އިސްމާއިލް ވިލްދާން ޔޫސުފްގެ އިތުރުން އަބްދުﷲ އަމްޒަރު މުހައްމަދު އަދި މަފާޒް މުހައްމަދެވެ.

ފުރަތަމަ މެޗުގައި ރާއްޖެ، އިއްޔެ އީރާން އަތުން ބަލިވީ 21-9 އިންނެވެ. މި މެޗުގައި މަފާޒް ހަ ޕޮއިންޓް ހޯދައިދިން އިރު ޚުވައިލިދު ވަނީ ދެ ޕޮއިންޓް ހޯދައިފަ އެވެ. އަދި ވިލްދާން ވެސް ވަނީ ޕޮއިންޓެއް ހޯދައިދީފަ އެވެ.

ކޮލިފައިން ޑްރޯގައި ރާއްޖެއަށް ބާކީ އޮތް ދެ މެޗު ވެސް މިއަދު ކުޅޭނެ އެވެ. ޕަޕުއާ ނިއު ގިނީއާ ދެކޮޅަށް ހެނދުނު ކުޅުމަށް ފަހު ހަވީރު ބައްދަލުކުރާނީ ކަޒަކިސްތާނާ އެވެ.