Roadha Mihaaru
ޝިޕިން ލައިންނާ އެކު ޖީބަށް ލުއިވާނެ: އަމްރު

ޝިޕިން ލައިންނާ އެކު ވިޔަފާރިވެރިންގެ ޖީބަށް ލުއިވާނެ: އަމްރު

15 ޖެނުއަރީ 2020

އެސްޓީއޯ އިން ހަދާ ގައުމީ ޝިޕިން ލައިނާ އެކު ރާއްޖޭގެ ވިޔަފާރިވެރިންގެ ޖީބަށް ލުއިވާނެ ކަމަށް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު، ރޭ ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯ އިން ހަދާ ގައުމީ ޝިޕިން ލައިނާ އެކު ރާއްޖޭގެ ވިޔަފާރިވެރިންގެ ޖީބަށް ލުއިވާނެ ކަމަށް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު، ރޭ ވިދާޅުވެއްޖެ އެވެ.

އެސްޓީއޯއަށް 55 އަހަރު ފުރުން ފާހަގަކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ރާއްޖެއަކީ ގިނަ އަދަދެއްގެ މުދާ އިމްޕޯޓު ކުރާ ގައުމަކަށް ވުމުން ޝިޕިން ލައިނެއް އޮތުން މުހިންމު ކަމަށެވެ. އަދި އެކަން ކުރާނީ އެސްޓީއޯއިން ކަމަށާއި މި އަހަރު އެ މަސައްކަތް ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިއަ އަހަރު އޮތް އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވެސް އަމްރު ވަނީ ގައުމީ ޝިޕިން ލައިނެއް އުފެއްދުމުގެ ހަބަރު ދެއްވައިފަ އެވެ.

ރާއްޖެ އަކީ 1960ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 1980ގެ އަހަރުތަކުގެ ކުރީކޮޅާ ޖެހެންދެން، ވަރަށް ފުޅާކޮށް ޝިޕިން ލައިނެއް ހިންގި ގައުމެކެވެ. ނަމަވެސް ޝިޕިންގެ ދާއިރާގައި ގެންގުޅޭ ބޯޓުފަހަރަށް ބޮޑު ބަދަލެއް އައިސް، ކޮންޓޭނަރު އުފުލުން އާންމުވުމާ އެކު، އެ ތަރައްގީއާ އެއްވަރަށް އިންވެސްޓްކުރެވޭނެ ގޮތެއް ނެތިގެން އޭރުގެ ގައުމީ ޝިޕިން ލައިން އަޑިއަށް ދިޔައީ އެވެ.

"މިކަން އަޅުގަނޑުމެން ކުރުމުގެ މަގުސަދަކީ ވިޔަފާރިވެރިންގެ ޖީބަށް ލުއިކުރުން. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ގެންނަ މުދާ އަގު ހެޔޮވެ، ރައްޔިތުންނަށް ފަސޭހަކަމާ އެކު އަގުހެޔޮކޮށް މުދާ ލިބޭނެ،" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ އެއް ކުންފުންޏެވެ. އޭގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި އިމާރާތް ކުރުމަށް ބޭނުންވާ ސާމާނާއި ގޭތެރެއަށް ބޭނުންވާ ސާމާނު ވެސް ހިމެނެ އެވެ.