Roadha Mihaaru
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރު ފްލޯތައް ދޫކުރަނީ

ހައިޕަ މާކެޓްގެ އުސޫލުން ހިންގަން ޕީޕަލްސް ޗޮއިސްގެ އިތުރު ފްލޯތައް ދޫކުރަނީ

18 ޖޫން 2022

ހައިޕަ މާކެޓުް ކޮންސެޕްޓަށް ހުޅުވާފައިވާ "އެސްޓީއޯ ޕީޕަލްސް ޗޮއިސް" ގެ އިތުރު ފްލޯތަކުގެ ސްލޮޓްތައް އަމިއްލަ ފަރާތްތަކަށް ދޫކުރަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހައިޕަ މާކެޓުް ކޮންސެޕްޓަށް ހުޅުވާފައިވާ "އެސްޓީއޯ ޕީޕަލްސް ޗޮއިސް" ގެ އިތުރު ފްލޯތަކުގެ ސްލޮޓްތައް އަމިއްލަ ފަރާތްތަކަށް ދޫކުރަން ނިންމައިފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވީ، ޕީޕަލްސް ޗޮއިސްގެ އެންމެ ތިރީބުރިއެކޭ އެއްގޮތަށް ފުރަތަމަ ބުރީގައި ވެސް އެކި ފަރާތްތަކަށް ތަކެތި ވިއްކޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

"މިހާރު ދެވަނަ ފްލޯ ޑިޒައިން ކުރުމުގެ މަސައްކަތްތައް ކުރިއަށް ދަނީ. އަންނަ ހަފުތާ އަށް އެ ކަންތައް ނިންމާލެވޭނެ،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވިގޮތުގައި، ޝޮޕިން މޯލްއެއްގެ ގޮތަށް ބަދަލުކުރާ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އެންމެ ތިރީބުރިއާ ހިލާފަށް ފުރަތަމަ ބުރި ހާއްސަ ކުރާނީ ހެދުމާއި ސްޕޯޓްސް ވެއާ އާއި ފައިވާން ފަދަ ބާވަތްތަކަށެވެ. އެފަދަ ތަކެތި ވިއްކާ ފަރާތްތަކަށް އެ ފްލޯގެ ވަކިވަކި ހަރުގަނޑުތަކުގައި ތަކެތި ވިއްކޭނެ ގޮތް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ ސުޕަމާޓުގައި ވިއްކަން ހުންނަ ތަކެތި-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އެސްޓީއޯ ސުޕަމާޓުގައި ވިއްކަން ހުންނަ ތަކެތި-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އެސްޓީއޯ ސުޕަމާޓް ބަދަލުކޮށް، ޕީޕަލްސް ޗޮއިސްގެ ނަމުގައި އަލުން މިދިޔަ މާޗު މަހު ހުޅުވީ ކުރިއަށް ވުރެ ތިން ގުނަ ޖާގަ ބޮޑު ކުރުމަށް ފަހު އެވެ. އެ ތަން ބޮޑުކުރީ އެސްޓީއޯ އިން ވިއްކާ މުދަލުގެ އިތުރުން އަމިއްލަ ވިޔަފާރިތަކަށް ވެސް މުދާ ވިއްކުމުގެ ފުރުސަތު ދިނުމަށެވެ.

ހައިޕަމާކެޓް ކޮންސެޕްޓްގައި އެއް ފުރާޅެއްގެ ދަށުން ގިނަ މުދާތަކެއް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ލިބެން ހުރެ އެވެ. އެ ކޮންސެޕްޓާއެކު، އެސްޓީއޯ އިން ވަނީ އަމިއްލަ ވިޔަފާރިވެރިންނަށް ޕީޕަލްސް ޗޮއިސްގައި ތަކެތި ވިއްކުމަށް ޖާގަ ދީފަ އެވެ.

މިހާރު ވެސް އަމިއްލަ ގިނަ ފިހާރަތަކެއްގެ ސާމާނު އެ ފިހާރައިން ލިބެ އެވެ. އޭގެ ތެރޭގައި ސިޓީ ބޭކަރީ އާއި ނޯޓް ކޮސްމެޓިކްސް އާއި ޕީކަބޫ އާއި މެކްސްކޮމް ޓެކްނޮލޮޖީސް އާއި ދަ މެރެތޮން ޝޮޕާއި އަސްރަފީ ބުކްޝޮޕާއި ޕޮއިސް އަދި މަޑިހާ ހިމެނެ އެވެ. އަދި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ ފާމަސީގެ ހިދުމަތް ވެސް އެ ތަނުގައި ވަނީ ފަށައިފަ އެވެ.