Roadha Mihaaru
އެސްޓީއޯ ހައިޕާމާކެޓް ކޮންސެޕްޓަށް އެއް އަހަރު

ހައިޕާމާކެޓް ކޮންސެޕްޓަށް އެއް އަހަރު، ކަސްޓަމަރުންނަށް އެތައް ހަދިޔާއެއް

15 މާޗް 2023

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕާމާކެޓް ކޮންސެޕްޓަށް ބަދަލު ކޮށް ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕާމާކެޓް ކޮންސެޕްޓަށް ބަދަލު ކޮށް ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ފަށައިފި އެވެ.

މިއަދު އެ މާޓުގައި 500ރ. އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ހަތަރު ކަސްޓަމަރަކަށް 5000ރ. ގެ ގިފްޓު ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން މިއަދު ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެވެސް 10 ކަސްޓަމަރަކަށް ސައިޕްރައިޒެއްގެ ގޮތުގައި އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިއަދު އެ މާޓުން ވިއްކާ އެކި ބްރޭންޑުތަކުގެ "ޓޭސްޓް ޓެސްޓު" ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

އޭގެ އިތުރުން އަހަރީ ދުވަހާ ގުޅިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ މާޓުގައި ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ދާނެ އެވެ. އެ ޕްރޮމޯޝަނުގައި ލިބޭ ޑިސްކައުންޓަކީ މިހާރު ކުރިއަށްދާ ރަމަޒާން ބާޒާރު ޕްރޮމޯޝަންގެ އިތުރުން ލިބޭ ޑިސްކައުންޓެކެވެ.

އެސްޓީއޯގެ ހައިޕާމާކެޓް ކޮންސެޕްޓަށް އެއް އަހަރު ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިވްއަވޭއެއް ވެސް ވަނީ ފަށައިފަ އެވެ. މި ގިވްއަވޭގައި މި މަހުގެ 18ގެ ނިޔަލަށް ބައިވެރިވެވޭނެ އެވެ.

އެސްޓީއޯގެ ޓްރޭޑް ސެންޓަރުގެ ބޮޑު މަރާމާތަކަށް ފަހު ޒަމާނީ ބަދަލުތައް ގެނެސް، އަމިއްލަ ފަރާތްތަކަށް ވެސް އެތާނގެ ތެރޭގައި ވިޔަފާރި ކުރެވޭގޮތަށް ފުރުސަތު ދެވިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ މާޗު 15ގަ އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ހައިޕާމާކެޓުގެ ކޮންސެޕްޓަކީ ކާމިޔާބު ކޮންސެޕްޓެކެވެ. އަދި އެ މާޓުގައި އާއްމު ފަރާތްތަކުން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ރެކް ހޯދުމުގެ ވާދަވެރިކަން ބޮޑުވުމާއެކު އެސްޓީއޯއިން މިހާރު ގެންދަނީ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާވެސް އާއްމު ވިޔަފާރިތަކަށް ހުޅުވާލުމަށްޓަކައި މަރާމާތުކުރުމުގެ މަސައްކަތްކުރަމުން ކަމަށް ބުންޏެވެ.

އަދި ކެއުންބުއިމަށް ބޭނުންކުރާ ދިވެހި އުފެއްދުންތަކަށް ހާއްސަ ރެކެއް ކުއްޔައް ދޫކުރުމަށްޓަކައި ތައްޔާރުކުރެވި އާންމުންނަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން އިތުރަށް ބުނީ އަމިއްލަ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހިލޭ ފުރުސަތު ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.