Roadha Mihaaru
"ރޭޑިއޯގްރަފީ ކޯސް: ސިއްހީ ދާއިރާއަށް ކުރިއެރުމެއް"

ރޭޑިއޯގްރަފީ ކޯސް ފެށުމަކީ ސިއްހީ ދާއިރާ އަށް ލިބުނު ކުރިއެރުމެއް: އަމްރު

08 އޮކްޓޯބަރ 2022

ރޭޑިއޯގްރަފީ ކޯސް ހިންގަން ފެށުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރޭޑިއޯގްރަފީ ކޯސް ހިންގަން ފެށުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯގެ ހަރަދުގައި ރޭޑިއޯގްރަފީގެ ދާއިރާ އަށް ދިވެހިން ތަމްރީނު ކުރުމަށް ފެށުމާ ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ހުރިހާ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތެއް، ހެޔޮ އަގުގަައި ލިބޭނެ ގޮތް ހަދައި ސިއްހީ ހިދުމަތް ލާމަރުކަޒު ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.

"މިކަން ކުރުމަށް ސިއްހީ ދާއިރާ އިން ދިވެހިން ތަމްރީނު ކުރުމަކީ އެންމެ މުހިއްމު އެއް ކަން،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް "ޑިޕްލޮމާ އިން ރޭޑިއޯގްރަފީ" ކޯސް އިފްތިތާހުކުރި އިރު، ފުރަތަމަ ބެޗުގައި 25 ބައިވެރިން ހިމެނެ އެވެ. އެ ބައިވެރިންނަށް، ކޯސް ފީ އަދި ޕޮކެޓްމަނީ ހިމެނޭ ސްކޮލަޝިޕެއް އެސްޓީއޯ އިން ދިނެވެ.

ރޭޑިއޯގްރެފީއަކީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާއިން ވެސް ކޯސް ހިންގާފައި ނުވާ ދާއިރާއެއް ކަމަށާއި އެއީ ދިވެހިން އިންތިހާއަށް މަދު ނަމަވެސް ތަމްރީނު ބޭނުންވެފަވާ ދާއިރާއެއް ކަމަށް އަމްރުގެ ޓްވީޓުގައި ވިދާޅުވި އެވެ.

"މި ކޯސް ހިންގަނީ ހިލޭ. ސިއްހީ ދާއިރާއާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް އެސްޓީއޯ އިން ކުރަމުން ގެންދާ ފަދައިން" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވިގޮތުގައި، ރޭޑިއޯގްރަފީ ކޯސް ހިންގަން ފެށުމަކީ ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް އެހީތެރިވުމަށް ކުރި މަސައްކަތެކެވެ. އެކަމުގައި އެސްޓީއޯއާއެކު ބައިވެރިވާ ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެމެހެއްޓެނިވި ގޮތެއްގައި ރޭޑިއޯގްރަފީ ކޯހެއް އެސްޓީއޯ އިން ފެށީ ޖެނެރަލް އިލެކްޓްރިކް ހެލްތް ކެއާއާ ގުޅިގެންނެވެ.

ކޯސް ކުރިއަށް ގެންދާނީ އެސްޓީއޯގެ ޓްރޭނިން އިންސްޓިޓިއުޓް އަދި ޖީއީ ހެލްތު ކެއާއާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހު ހުޅުވި އެސްޓީއޯ ޖީއީ ސްކިލް ލެބްގަ އެވެ.

ދެ އަހަރާއި ހަ މަސް ދުވަހުގެ އެ ކޯހުގައި ޓެކްނިކަލް އަދި ޕްރެކްޓިކަލް ތަމްރީނުތައް ފުރިހަމަ ކުރަންޖެހެ އެވެ. އެއީ ދެ އަހަރުގެ ކިޔެވުމާ އެކު ހަ މަސް ދުވަހުގެ އިންޓާންޝިޕެކެވެ.