Roadha Mihaaru
އެސްޓީއޯ، ޓެކޮނޮލޮޖީގައި ބޮޑު ބަދަލަކާ ދިމާއަށް!

އެސްޓީއޯ، ޓެކޮނޮލޮޖީގައި ބޮޑު ބަދަލަކާ ދިމާއަށް، ހުޅުމާލެ ފިހާރަ އަށް އޭއައި ޓެކްނޮލޮޖީ ތައާރަފުކުރަނީ!

15 ފެބުރުއަރީ 2023

ހުޅުމާލެ 2 ގައި އެސްޓީއޯ އިން ޝޮޕިން މޯލެއް އިމާރާތް ކުރުމަށް އެޗްޑީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވަމުން އަންނައިރު، ޒަމާނީ ޓެކްނޮލޮޖީ އަށް ފެތޭ ގޮތަށް ހުޅުމާލެ 1 ގެ ފިހާރަ ބަދަލުކޮށް، އަންނަ މަހު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހުޅުމާލެ 2 ގައި އެސްޓީއޯ އިން ޝޮޕިން މޯލެއް އިމާރާތް ކުރުމަށް އެޗްޑީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވަމުން އަންނައިރު، ޒަމާނީ ޓެކްނޮލޮޖީ އަށް ފެތޭ ގޮތަށް ހުޅުމާލެ 1 ގެ ފިހާރަ ބަދަލުކޮށް، އަންނަ މަހު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ހުޅުމާލެ 2 ގެ ބައެއް ފިހާރަތަކުގައި ތަކެތީގެ އަގު ބޮޑުކަމަށް ބުނެ މީހަކު ކުރި ޓުވީޓަކަށް ދެއްވި ޖަވާބުގައި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ދެވަނަ ފިޔަވަހީގައި އެސްޓީއޯ އިން ޝޮޕިން މޯލެއް އިމާރާތް ކުރާނެ ކަމަށެވެ. ނަމަވެސް ޝޮޕިން މޯލްއާ ގުޅޭ އެއްވެސް ތަފުސީލެއް އަމްރު ވެސް އަދި އެސްޓީއޯ އިން ވެސް އަދި ނުދެ އެވެ. އެސްޓީއޯ އިން ބުނީ، ތަފުސީލް ދެއްވާނީ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ކަމަށެވެ.

އެސްޓީއޯ އިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގަ ހިންގާ ފިހާރަ "ކޭޝިއާލެސް" ފިހާރައަކަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

އަމްރު ވިދާޅުވިގޮތުގައި، ކޭޝިއަރެއް ނުހުންނަ އެ ފިހާރަ އަންނަ މަހު ހުޅުވާނެ އެވެ.

އެސްޓީއޯގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އެއީ އޭއައި ޓެކްނޮލޮޖީ ހިމަނައިގެން އަޕްގްރޭޑްކުރާ ފިހާރައެއް ކަމަށެވެ. އެ ފިހާރައިގެ ކޮންސެޕްޓަކީ އޭނާ ވިދާޅުވިގޮތުގައި "ޓަަޗް ބޭސްޑް ޝޮޕިން" އިން ދުރުވެ، ސްމާޓް ޓެކްނޮލަޖީއާ އެކު ވިޔަފާރި ކުރުމެވެ.

"އެ ފިހާރަ އަށް ވަދެވޭނީ ދޮރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްގެން. ވިޔަފާރި ކުރުމަށް ބޭނުން ކުރާނީ އެޕެއް. އެ އެޕްގައި ކްރެޑިޓް ކާޑު ކަނެޓްވެފައި އިންނާނީ. ގަންނަ އެއްޗިއްސަށް އޭގެން ކެނޑޭނެ،" އޭނާ ވިދާޅުވި އެވެ.

"ފިހާރައަށް ވަންނަ ދޮރުގައި ހުންނަ ކިއުއާރު ކޯޑު ސްކޭން ކޮށްލީމާ ދޮރު ހުޅުވޭނެ. ދެން ބޭނުންވާ އެއްޗެހި ނަގައިގެން ނުކުންނަތާ ސިކުންތު ކޮޅެއްގެ ތެރޭގައި، އެޕްގައި އިންޓަގްރޭޓް ކޮށްފައިވާ ކާޑުން ފައިސާ ކެނޑޭނެ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެ ފިހާރަ އިން ނަގާ މުދާތައް އޭއައި ޓެކްނޮލޮޖީން ޑިކެޓް ކުރާނެ އެވެ. އަދި ޕްރޮޑަކްޓެއް ނެގުމަށް ފަހު، އެ ބަހައްޓައިފި ނަމަ އެ ކަން ވެސް އެ ޑިކެޓް ކުރާނެ އެވެ.

އެސްޓީއޯގެ އެމްޑީ އަމްރު: އެސްޓީއޯގެ ފިހާރަތައް ޒަމާނީ ގޮތަށް ބަދަލުކުރައްވަން މަސައްކަތް ކުރައްވާ ބޭފުޅެއް.---ފޮޓޯ މިހާރު

އެސްޓީއޯގެ އެމްޑީ އަމްރު: އެސްޓީއޯގެ ފިހާރަތައް ޒަމާނީ ގޮތަށް ބަދަލުކުރައްވަން މަސައްކަތް ކުރައްވާ ބޭފުޅެއް.---ފޮޓޯ މިހާރު

"މިސާލަކަށް ފުޅިއެއް ނަގައިގެން ބޮއެފައި އެ ބައިންދަނީ. އެހެން ހެދިއޔަސް އެ އަށް އެނގޭނެ. ފައިސާ ކެނޑޭނެ،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯއިން ބުނީ، ޒަމާނީ ޓެކްނޮލޮޖީއާއެކު ހުޅުމާލެ 1 ގެ ފިހާރައިގެ ޖާގަ ތަނަވަސްވާނެ ކަމަށެވެ. އެ ފިހާރަ ހުޅުވާ ދުވަސްވަރު، އެޕް މަސައްކަތް ކުރާ ގޮތް ކިޔައިދޭނެ މުވައްޒަފަކު ވެސް ހުންނާނެ އެވެ.

އެ ފިހާރައިގައި އެކި ވެންޑަރުންނަށް ހާއްސަ ޖާގަތައް ހިމެނޭނެ ކަމަށާއި މުދާ ހުސްވާން ކައިރިވުމުން ވެންޑަރުންނަށް ނޮޓިފިކޭޝަނެއް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ކޭޝިއަރާ ނުލާ ޓެކްނޮލަޖީގެ އެހީގައި ސްމާޓް ޝޮޕިން ފިހާރަތައް ތަރައްގީ ވެފައިވާ ގިނަ ގައުމުތަކުގައި މިހާރު ވެސް ހުރެ އެވެ.