Roadha Mihaaru
އެންމެ ހެޔޮއަގުގައި ފްލެޓް ލިބޭ ސްކީމް އެސްޓީއޯ އިން

އެންމެ ހެޔޮއަގުގައި ފްލެޓް ލިބޭ ސްކީމާ އެކު އެސްޓީއޯ އިން މުވައްޒަފުންނަށް ފްލެޓް ދޫކުރަނީ

10 ޖުލައި 2018

އެންމެ ހެޔޮއަގުގައި ފްލެޓް ލިބޭ ސްކީމާ އެކު، އެސްޓީއޯގެ މުވައްޒަފުންނަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެންމެ ހެޔޮއަގުގައި ފްލެޓް ލިބޭ ސްކީމާ އެކު، އެސްޓީއޯގެ މުވައްޒަފުންނަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ މުވައްޒަފުންނަށް ހެޔޮއަގުގައި ފްލެޓް ލިބޭ ސްކީމް ތައާރަފް ކޮށްދެއްވީ، އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ޗެއާމަން ހުސެއިން ސާލިމް އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ދެ ޓަވަރުގެ ބިންގާ މިދިޔަ ފެބްރުއަރީ 26 ގައި އަޅާފައިވާއިރު، އެ ޓަވަރުތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި "ހިޔާ ސްކީމް" ގެ ފްލެޓަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން ހުޅުވާލާފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ހިޔާ ސްކީމަށް ފޯމު ހުށަހެޅުމަށް މިއަދުން ފެށިގެން ދެ ހަފުތާގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެސްޓީއޯ އިން ބުނިގޮތުގައި، އެ ކުންފުނީގެ ޓަވަރުތަކުގައި، މުވައްޒަފުންނަށް ޚާއްސަ ކޮށްފައިވާ 304 އެޕާޓްމަންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 68 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 36 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ކޮޓަރި ހިމެނޭ 144 އެޕާޓްމަންޓް އަދި ދެ ކޮޓަރި އާއި މެއިޑް ކޮޓަރިއެއް ހިމެނޭ ޕްރިމިއަމް ކެޓަރީގެ 56 އެޕާޓްމަންޓެވެ.

މި ފްލެޓްތަކުގެ އެސްޓިމޭޓް އަގުތަކަކީ އެއް ކޮޓަރީގެ އެޕާޓްމަންޓެއް 971,460ރ. އަށެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓެއް 1,375,200ރ. އަށް ދޭއިރު ދެ ކޮޓަރި އާއި މެއިޑް ކޮޓަރި ހިމެނޭ އެޕާޓްމަންޓެއްގެ އަގު އުޅެނީ 1,598,400ރ. އަށެވެ. އަދި ދެ ކޮޓަރި އާއި މެއިޑް ކޮޓަރި ހިމެނޭ ޕްރިމިއަމް އެޕާޓްމަންޓެއްގެ އަގަކީ 1,795,200ރ. އެވެ.

އެސްޓީއޯގެ މުވައްޒަފުންނަށް އަގުހެޔޮކޮށް ފްލެޓް ދޫކުރާ "ހިޔާ ސްކީމް" ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިރޭ ވާހަކަދައްކަވަނީ. ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ މުވައްޒަފުންނަށް އަގުހެޔޮކޮށް ފްލެޓް ދޫކުރާ "ހިޔާ ސްކީމް" ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިރޭ ވާހަކަދައްކަވަނީ. ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ބުނީ އެ އަގުތަކަށް ފަހުން ބަދަލު އައި ނަމަވެސް ފަސް ޕަސެންޓަށް ވުރެ ބޮޑު ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި އެ އެ ސްކީމަށް ފައިސާ ދެއްކުމުގައި މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި ތަފާތު ހަތަރު ފައިނޭންސިން އޮޕްޝަން ތައާރަފް ކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯގެ ފްލެޓްގެ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭނީ 10 ޕަސެންޓެވެ. އަދި އެ 10 ޕަސެންޓް ވެސް އެއްފަހަރާ ދެއްކުމުގެ ބަދަލުގައި މުވައްޒަފުންނަށް ދެ އަހަރަށް ބަހާލައިގެން ދެއްކޭނެ އުސޫލެއް ހަމަޖައްސާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ބުނިގޮތުގައި، ބޭންކް ލޯނު ހަމަޖެހޭ މުވައްޒަފުންނަށް އެސްޓީއޯ އިން ލޯނު ހަމަޖައްސައިދޭނެ އެވެ. އަދި މިއީ މިހާތަނަށް އެންމެ އަގުހެޔޮކޮށް ހިޔާ މަޝްރޫއުން ފްލެޓް ލިބޭ ސްކީމް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ގަބޫލުކުރާ ގޮތުގައި ބޯހިޔާވަހިކަމުގެ އެ މަޝްރޫއުގެ ސަބަބުން ގިނަ މުވައްޒަފުންނަށާއި އެ މުވައްޒަފުންގެ އާއިލާތަކަށް ފައިދާ އާއި މަންފާ ކުރާނެ އެވެ.

ހިޔާ މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ ދަށުން، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަަށް ލުއިފަސޭހަކަމާ އެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިފްތިތާހުކުރި މަޝްރޫއެކެވެ.