Roadha Mihaaru
އެސްޓީއޯގެ ހޮޓާ ގަންނަން ބޭރުގެ ހަތަރު ފަރާތެއް

އެސްޓީއޯގެ ހޮޓާ ގަންނަން ބޭރުގެ ހަތަރު ފަރާތަކުން ޝައުގުވެރިވޭ

10 ފެބުރުއަރީ 2019

ހުޅުމާލޭގައި އެސްޓީއޯ އިން އިމާރާތް ކޮށްފައިވާ މަތީ ފެންވަރުގެ ހޮޓާ ގަންނަން ރާއްޖެ އިން ބޭރުގެ ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހުޅުމާލޭގައި އެސްޓީއޯ އިން އިމާރާތް ކޮށްފައިވާ މަތީ ފެންވަރުގެ ހޮޓާ ގަންނަން ރާއްޖެ އިން ބޭރުގެ ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ވިދާޅުވީ، ހޮޓާ ގަންނަން މިހާތަނަށް 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެކަމާ ގުޅޭ ލިޔުންތައް ހުށަހެޅީ ފަސް ފަރާތަކުން ކަމަށެވެ.

އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވި ގޮތުގައި، ހޮޓާ ގަންނަން ވާހަކަ ދައްކަމުން އަންނަ ފަސް ކުންފުނީގެ ތެރޭފައި ހިމެނެނީ ރާއްޖޭގެ އެންމެ ކުންފުންޏެކެވެ.

ހަމައެކަނި ކޮންކްރީޓުގެ މަސައްކަތް ނިންމާފައިވާ ހޮޓާ ގަންނަން ޝައުގުވެރިކަން ފާޅުކޮށް، ލިޔެކިޔުންތައް ހުށަހެޅި ފަސް ކުންފުންޏާ އެކު އެސްޓީއޯ އިން މިހާރު އަންނަނީ މައުލޫމާތު ބަދަލު ކުރަމުންނެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ދެން ލިބޭނީ އެ ފަސް ކުންފުންޏަށް އެކަންޏެވެ. އެ މަރުހަލާ އަންނަ މަހު ނިމޭނެ ކަމަށް ލަފާ ކުރައްވާ ކަމަށް މިހާދު ވިދާޅުވި އެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސް ގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މިހާދު (ކ-2) ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެސްޓީއޯ އިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސް ގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މިހާދު (ކ-2) ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފަސްތަރީގެ ހޮޓަލެއްގެ ގޮތުގައި ހިންގަން އެސްޓީއޯ އިން ހުޅުމާލޭގައި ހޮޓަލެއް އަޅަން ފެށީ 2011 ވަނަ އަހަރު އެވެ. އެ މަސައްކަތް ދިގުލައިގެން ގޮސް އެންމެ ފަހުން އެތަން ވިއްކައިލަން މި ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.

އެސްޓީއޯ އިން އޭރު ކުރި އިއުލާނުގައި ބުނެފައި ވަނީ، އެ ކުންފުނިން އިމާރާތް ކުރަން ފެށި 250 ކޮޓަރީގެ ހޮޓާ ގަންނަން ނުވަތަ އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުން ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. ހޮޓާ ގަތުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ވެސް އެބައޮތް ކަމަށް އިއުލާނުގައި ބުނެފައި ވެ އެވެ.

އެސްޓީއޯ އިން "ރެޑިސަން ބްލޫ ހޮޓެލް" ގެ ނަމުގައި ތަރައްގީ ކުރަން ފެށި ލަގްޒަރީ ހޮޓަލުގެ 60 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ. ހޮޓާ ނިންމުމަށްޓަކައި ތައިލެންޑްގެ އެގްޒިމް ބޭންކުން 32 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ފަހުން ނެގި އެވެ. ނަމަވެސް އަދިވެސް ހޮޓާ ނިންމާލެވޭ ވަރެއް ނޫނެވެ. މަސައްކަތް އެއްކޮށް ހުއްޓިފައި ހުންނަތާ ވެސް މިހާރު ދެ އަހަރު ވެދާނެ ކަމަށް ބެލެވެ އެވެ. މީގެ ކުރިން، 2016 ގައި ވެސް އެ ހޮޓާ ވިއްކާލަން އެސްޓީއޯ އިން މަސައްކަތް ކުރި އެވެ.