Roadha Mihaaru
މައުލޫމާތު ބަދަލުވާ އައިޑީކާޑު ހެދުން މެދުކަނޑާލަނީ

މައުލޫމާތު ބަދަލުކުރަންޖެހޭ އައިޑީކާޑު ހެއްދުން އަންނަ ހަފުތާގައި މެދުކަނޑާލަނީ

08 ޖެނުއަރީ 2020

މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހައްދައިދިނުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން މެދުކަނޑާލަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހައްދައިދިނުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން މެދުކަނޑާލަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ނިންމައިފި އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ވޯޓާސް ލިސްޓް އެކުލަވާލަމުންދާތީ، ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލުކުރާ ނަމަ އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން އެ ބަދަލެއް ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން އޮތީ އެދިފަ އެވެ.

ޑީއެންއާރުން މިއަދު ކުރި އިއުލާނުގައި ބުނީ އިންތިޚާބަށް ވޯޓާސް ލިސްޓް އިލެކްޝަންސް ކޮމިޝަނަށް ފޮނުވަން ޖެހޭތީ 18 އަހަރުން މަތީ މީހުންގެ މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހައްދާ ނަމަ، އަންނަ ބުދަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަން އެދޭ ކަމަށެވެ. އަދި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން 18 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހައްދައި ދިނުން މެދުކަނޑާލާނެ ކަމަށާއި އެގޮތަށް ހަމަޖެއްސީ އެއްވެސް މީހަކަށް ވޯޓުލުމުގެ ހައްގު ގެއްލިގެން ދިއުމުގެ ފުރުސަތު ނުދޭން ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުން ކައުންސިލް އިންތިޚާބަށް ފަހު ކުރިއެކޭ ވެސް އެއްގޮތަށް، މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހައްދައި ދިނުމުގެ މަސައްކަތް ފަށާނެ އެވެ.

ވޯޓާސް ލިސްޓުގައި އޮންނަ ގޮތާ ޚިލާފަށް އައިޑީކާޑުގައި މައުލޫމާތެއް އޮވެއްޖެ ނަމަ ވޯޓުލުމުގެ ހައްގު ނުލިބޭނެތީ ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް އައިޑީކާޑުގެ މައުލޫމާތު ބަދަލުކޮށް ދިނުން އަބަދުވެސް މެދުކަނޑާލަ އެވެ.