Roadha Mihaaru
އިބްރަހިމޮވިޗް އެނބުރި މިލާނަށް

އިބްރަހިމޮވިޗް އެނބުރި މިލާނަށް

28 ޑިސެމްބަރ 2019

މިލާން (ޑިސެމްބަރު 28) – އޭސީ މިލާނުގެ ކުރީގެ ފޯވާޑް ސްވިޑަންގެ ޒަލަޓާން އިބްރަހިމޮވިޗް އުމުރުން 38 އަހަރުގައި އަލުން އެ ކްލަބާ ގުޅިއްޖެ އެވެ.

މިލާން (ޑިސެމްބަރު 28) – އޭސީ މިލާނުގެ ކުރީގެ ފޯވާޑް ސްވިޑަންގެ ޒަލަޓާން އިބްރަހިމޮވިޗް އުމުރުން 38 އަހަރުގައި އަލުން އެ ކްލަބާ ގުޅިއްޖެ އެވެ.

އެމެރިކާގެ އެލްއޭ ގެލެކްސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން ފްރީ އޭޖެންޓެއްގެ ގޮތުގައި ހުރި ކުޅުންތެރިޔާ މިލާނާ ގުޅުނީ ތިން މިލިއަން ޔޫރޯގެ މުސާރައަކަށް ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އެކަމަކު އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު އޮންނާނެ އެވެ. މިލާނުގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން އިން ވެސް އޭނާ ހޯދަން މަސައްކަތްކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިބްރަހިމޮވިޗް މިލާނަށް ކުރިން ކުޅުނީ 2010 އިން 2012 އަށެވެ. އޭނާ ވަނީ އެ ޓީމާ އެކު އިޓާލިއަން ލީގު ކާމިޔާބުކޮށް 85 މެޗުން 56 ގޯލް ޖަހައިދީފަ އެވެ.

ލީގު ދެބައިވިއިރު 11 ވަނައިގައި އޮތް މިލާނުން އިބްރަހިމޮވިޗް ގެނައީ ޕޮލެންޑް ފޯވާޑް ކްރިސްޓަފް ޕިއޮންޓެކާއި ޕޯޗުގީސް ފޯވާޑް ރަފައެލް ލީއޯގެ ފޯމް ދަށްވުމުން ފޯވާޑް ލައިން ވަރުގަދަކުރުމަށެވެ. ޗެމްޕިއަންސް ލީގު ޖާގަ ހޯދުމަށް މަސައްކަތްކުރާ ޓީމުން ޖެނުއަރީގައި އިތުރު ކުޅުންތެރިން ގެންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"އަހަރެން އެނބުރި މި އަންނަނީ އަހަރެން ވަރަށް ބޮޑަށް އިހުތިރާމްކުރާ ކްލަބަކަށް، އަދި އަހަރެން ލޯބިވާ މިލާން ސިޓީ އަށް. ޓީމުގެ އެހެން ކުޅުންތެރިންނާ އެކު އަހަރެން މަސައްކަތްކުރާނަން ސީޒަން ބަދަލުކޮށްލަން. އެކަން ކުރަން ހުރިހާ ކަމެއް ކުރާނަން،" އިބްރަހިމޮވިޗް ބުންޏެވެ.

ސްވިޑަންގެ މަލްމޯ އިން 1999 ގައި ކެރިއަރު ފެށި ނެދަލެންޑްސްގެ އަޔަކްސް އާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަދި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އިބްރަހިމޮވިޗަކީ މި ޖީލުގެ އެންމެ މޮޅު އެއް ފޯވާޑެވެ. ކަކުލުގެ ސީރިއަސް އަނިޔާ އަކުން އެނބުރި އައިސް މި އުމުރުގައި ވެސް އޭނާ ވަނީ މޭޖާ ލީގުގައި ގެލެކްސީ އަށް 58 މެޗުން 53 ގޯލް ޖަހައިދީފަ އެވެ.

މޭޖާ ލީގުގައި ކުޅުމަށް ފަހު އެނބުރި ޔޫރަޕަށް ދިޔަ މަޝްހޫރު އެހެން ކުޅުންތެރިންގެ ތެރޭގައި ޑޭވިޑް ބެކަމާއި ތިއެރީ އޮންރީ ހިމެނެ އެވެ. ގެލެކްސީ އަށް ކުޅެމުން ބެކަމް ލޯން އުސޫލުން ދެ ފަހަރު މިލާނަށް ކުޅުމަށް ފަހު ކެރިއަރު ނިންމާލީ ޕީއެސްޖީގަ އެވެ. ނިއު ޔޯކް ރެޑްބުލްސް އަށް ކުޅެމުން އޮންރީ ވަނީ ލޯން އުސޫލުން އާސެނަލަށް ކުޅެފަ އެވެ.