Roadha Mihaaru
އިބްރަހިމޮވިޗުގެ ރީތިގޯލުން އޭސީ މިލާން ސަލާމަތްކޮށްދީފި

އިބްރަހިމޮވިޗުގެ ރީތި ގޯލުން އޭސީ މިލާން ސަލާމަތް ކޮށްދީފި

12 ޑިސެމްބަރ 2021

އުދިނޭޒީ (ޑިސެމްބަރު 12) - އިޓާލިއަން ސެރީ އޭގައި ރޭ އޭސީ މިލާނުން އުދިނޭޒީއާ ދެކޮޅާށް ކުޅުނު މެޗުން ބަލިވާން ދަނިކޮށް، ޒްލަޓާން އިބްރަހިމޮވިޗް ޖެހި ރީތި "ބައިސިކަލް ކިކް" ގޯލުން އޭސީ މިލާން ސަލާމަތް ކޮށްދީފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އުދިނޭޒީ (ޑިސެމްބަރު 12) - އިޓާލިއަން ސެރީ އޭގައި ރޭ އޭސީ މިލާނުން އުދިނޭޒީއާ ދެކޮޅާށް ކުޅުނު މެޗުން ބަލިވާން ދަނިކޮށް، ޒްލަޓާން އިބްރަހިމޮވިޗް ޖެހި ރީތި "ބައިސިކަލް ކިކް" ގޯލުން އޭސީ މިލާން ސަލާމަތް ކޮށްދީފި އެވެ.

އޭސީ މިލާން މެޗުން އެއްވަރުވުމާ އެކު، ދެވަނަ އަދި ތިންވަނައިގައި އޮތް އިންޓަ މިލާނާއި ނަޕޯލީ އަށް މިރޭގެ މެޗުތައް ކާމިޔާބުކޮށްގެން އޭސީ މިލާން ފަހަތަށް ޖައްސާލައި، ކުރިޔަށް އެރުމުގެ އަމިއްލަ ބާރު ވަނީ ލިބިފަ އެވެ. ނަޕޯލީން މިރޭ އެމްޕޯލީއާ ދެކޮޅަށް ނުކުންނައިރު އިންޓަ ނުކުންނާނީ ކަލިއަރީއާ ދެކޮޅަށެވެ.

އުދިނޭޒީން މެޗުގެ 17 ވަނަ މިނިޓުގައި ލީޑު ނެގީ ބެޓޯ ޖަހައިދިން ލަނޑުންނެވެ. ބެޓޯ ހުސްވެލައިފައި ބޯޅަ ހިފައިގެން ކުރިޔަށް ޖެހިލައި ފޮނުވާލި ވަގުތު މިލާންގެ ކީޕަރު މައިކް މައިނަން ބްލޮކް ކުރުމުން ރީބައުންސްވެފައި ލިބުނު ބޯޅަ ގޯލުގެ މަތީ ކަނަށް ބެޓޯ ފޮނުވާލީ، ކުރިމަތީގައި އޭސީ މިލާނުގެ ދެ ޑިފެންޑަރުން ތިއްބަ އެވެ.

މިލާނަށް ކުޅޭ އުމުރުން 40 އަހަރުގެ އިބްރަހިމޮވިޗް އެ ޓީމަށް އެއްވަރު ކޮށްދިނީ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގަ އެވެ. އިބްރަހިމޮވިޗްގެ މި ލަނޑާ އެކު އޭނާވެފައި ވަނީ، 21 ވަނަ ގަރުނުގައި ޔޫރަޕުގެ އެންމެ މަތީ ފަސް ލީގުގައި 300 ގޯލު ހަމަކުރި ތިންވަނަ ކުޅުންތެރިޔާއަށެވެ.

އިބްރަހިމޮވިޗްގެ ކުރިން ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި ޝަރަފް ހޯދައިފަ އެވެ.

އޭސީ މިލާނުން އެއްވަރުކޮށްފައި ވަނިކޮށް އުދިނޭޒީގެ އައިޒެކް ސަކްސެސް އަށް ވަނީ ރެފްރީ ރަތް ކާޑެއް ދައްކައިފަ އެވެ. ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވަޓްފޯޑަށް ވެސް ކުޅުނު ސަކްސެސް އަށް ރަތްކާޑު ދެއްކީ މިލާންގެ ކީޕަރު ފަހަތުން ސައްޕު ޖަހަން އުޅެނިކޮށް، ދުވެފައި ގޮސް ކީޕަރު ގައިގައި ޖެހިގަތުމުންނެވެ.

މިސީޒަނުގައި ލީގަށް އަލަށް ޕްރޮމޯޓްވި ވެނީޒިއާ އިން ވަނީ އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ވާދަކޮށް 1-1 އިން މެޗު އެއްވަރު ކޮށްފަ އެވެ. ޔުވެންޓަސް އަށް ލީޑު ނަގައިދިނީ މެޗުގެ 32 ވަނަ މިނިޓުގައި ފޯވާޑް އަލްވަރޯ މޮރާޓާ އެވެ. ވެނީޒިއާ އިން އެއްވަރު ކުރި ލަނޑު 55 ވަނަ މިނިޓުގައި ޖެހީ މާޓިއާ އަރަމު އެވެ.

ޔުވެންޓަސް އަށް މޮޅު ނުވެވުމުން އެޓީމު ވަނީ 28 ޕޮއިންޓާ އެކު ތާވަލުގެ ހަވަނައަށް ވެއްޓިފަ އެވެ. ތިރީސް ޕޮއިންޓް ހަމަކޮށްގެން ފިއޮރެންޓީނާ ފަސްވަނައަށް ޖެހިލީ، ލީގުގެ ފުލުގައި އޮތް ސަލެނިޓާނާ 4-0 އިން ބަލި ކޮށްފަ އެވެ.

އެއް މެޗު މަދުން ކުޅެގެން ޔުވެންޓަސްގެ ފަހަތުގައި އޮތް ރޯމާ އާއި ލާޒިއޯ އަށް ވެސް ލިބިފައި ވަނީ 25 ޕޮއިންޓެވެ. ލާޒިއޯ އިން މިރޭ ސަސުއޯލޯއާ ދެކޮޅަށް ކުޅޭއިރު، މާދަމާ ރޭ ރޯމާ ނުކުންނާނީ ރަށުން ބޭރުގައި ސްޕެޒިއާއާ ދެކޮޅަށެވެ.