Roadha Mihaaru
ބޮލޯނިއާ ބަލިކުރިއިރު އިބްރަހިމޮވި ދެ ޓީމަށް ގޯލު ޖެހި

އޭސީ މިލާނުން ބޮލޯނިއާ ބަލިކުރި މެޗުގައި އިބްރަހިމޮވިޗް ދެ ޓީމަށް ވެސް ގޯލު ޖެހި

24 އޮކްޓޯބަރ 2021

ބޮލޯނިއާ (އޮކްޓޯބަރު 24) – އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި އޭސީ މިލާނުން 4-2 އިން ބޮލޯނިއާ ބަލިކުރި މެޗުގައި މިލާންގެ ޒްލަޓާން އިބްރަހިމޮވިޗް، ދެ ޓީމަށް ވެސް ގޯލެއް ޖަހައިދީފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބޮލޯނިއާ (އޮކްޓޯބަރު 24) – އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި އޭސީ މިލާނުން 4-2 އިން ބޮލޯނިއާ ބަލިކުރި މެޗުގައި މިލާންގެ ޒްލަޓާން އިބްރަހިމޮވިޗް، ދެ ޓީމަށް ވެސް ގޯލެއް ޖަހައިދީފި އެވެ.

މި މެޗުގައި އިބްރަހިމޮވިޗްގެ އެހީތެރިކަމާ އެކު މިލާނުން 16 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ރަފޭލް ލިއާއޯ އެވެ. އޭގެ ހަތަރު މިނިޓު ފަހުން ބޮލޯނިއާގެ ޑިފެންޑަރު އެޑަމާ ސޫމައޯރޯ އަށް ރަތް ކާޑު ދެއްކިއިރު، އޭސީ މިލާނަށް ލީޑް ފުޅާ ކޮށްދިނީ ޑިފެންޑަރު ޑޭވިޑް ކެލެބްރިއާ އެވެ.

ދެވަނަ ހާފް ފަށައި ހަތަރު މިނިޓް ތެރޭ ބޮލޯނިއާ އިން ފަރަގު ކުޑަކުރީ ޒްލަޓާން އިބްރަހިމޮވިޗް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މި ލަނޑަކީ ބޮލޯނިއާ އިން ނެގި ކޯނަރެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި އިބްރަހިމޮވިޗް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. ބޮލޯނިއާ އިން އެއްވަރުކުރީ އޭގެ ތިން މިނިޓް ފަހުން މޫސާ ބަރޯ ޖެހި ލަނޑަކުންނެވެ.

ދިހަ ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ބޮލޯނިއާއިން ނަތީޖާ އެއްވަރު ކުރިތާ ހަ މިނިޓް ފަހުން އެޓީމުގެ އިތުރު ކުޅުންތެރިޔަކަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މިޑްފީލްޑަރު ރޮބާޓޯ ސޮރިއާނޯ އަށް 58 ވަނަ މިނިޓުގައި ދެއްކި ރަތް ކާޑަށް ފަހު އެޓީމު މެޗު ފުރިހަމަ ކުރީ ނުވަ ކުޅުންތެރިންނާ އެކު އެވެ.

އޭސީ މިލާނުން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައި ތިން ޕޮއިންޓް ކަށަވަރުކުރީ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށެވެ. މެޗުގެ 84 ވަނަ މިނިޓުގައި މިޑްފީލްޑަރު އިސްމާއީލް ބެނޭކާ އޭސީ މިލާނަށް ލީޑު ނަގައިދިންއިރު އެޓީމުގެ ހަތަރު ވަނަ ލަނޑު 90 ވަނަ މިނިޓުގައި ޖަހައިދިނީ އިބްރަހިމޮވިޗް އެވެ.

މި ނަތީޖާއާ އެކު އޭސީ މިލާން އޮތީ ކުޅުނު ނުވަ މެޗުން ހޯދި 25 ޕޮއިންޓާ އެކު ވަގުތީ ގޮތުން ޓޭބަލްގެ އެއްވަނައިގަ އެވެ. އެއް މެޗް މަދުން ކުޅެގެން 24 ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ނަޕޯލީ އެވެ. ލީގުގައި މިރޭ ނަޕޯލީ ނުކުންނާނީ ރަށުން ބޭރުގައި، ހަތަރު ވަނައިގައި އޮތް ހޯސޭ މޮރީނިއޯގެ ރޯމާ އާދެކޮޅަށެވެ. ތިންވަނައިގައި އޮތް އިންޓަ މިލާން މިރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސް އާ ދެކޮޅަށް ކުޅޭނެ އެވެ.