Roadha Mihaaru
މޮންޒާ؛ ވަރުގަދަ މިލާނަށް ލަނޑުދީ ހިތްދަތި ކޮށްލައިފި

މޮންޒާ؛ ވަރުގަދަ މިލާނަށް ލަނޑުދީ ހިތްދަތި ކޮށްލައިފި

19 ފެބުރުއަރީ 2024

މޮންޒާ (ފެބްރުއަރީ 19) - އިޓާލިއަން ލީގުގައި ރަނގަޅު ފޯމެއްގައި އޮތް އޭސީ މިލާން، ތާވަލްގެ ދެވަނައިގައި އޮތް ޔުވެންޓަސްއާ ޕޮއިންޓްގެ ގޮތުން އެއްވަރު ކުރުމުގެ އުންމީދުގައި ކުޅުނު މެޗުގައި މޮންޒާ އަތުން 4-2 އިން ބަލިވެއްޖެ އެވެ.

މޮންޒާ (ފެބްރުއަރީ 19) - އިޓާލިއަން ލީގުގައި ރަނގަޅު ފޯމެއްގައި އޮތް އޭސީ މިލާން، ތާވަލްގެ ދެވަނައިގައި އޮތް ޔުވެންޓަސްއާ ޕޮއިންޓްގެ ގޮތުން އެއްވަރު ކުރުމުގެ އުންމީދުގައި ކުޅުނު މެޗުގައި މޮންޒާ އަތުން 4-2 އިން ބަލިވެއްޖެ އެވެ.

މި ނަތީޖާއާ އެކު މިލާން އަދިވެސް އޮތީ ތިންވަނައިގަ އެވެ. މިހާތަނަށް ކުޅުނު 25 މެޗުން އެ ޓީމަށް ލިބިފައި ވަނީ 52 ޕޮއިންޓެވެ. ދެވަނައިގައި އޮތް ޔުވެންޓަސް ވަނީ 54 ޕޮއިންޓް ހޯދައިފަ އެވެ. އެއްވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 63 ޕޮއިންޓް ހޯދާފައިވާ އިންޓަ މިލާނެވެ.

ހުކުރު ދުވަހުގެ ރޭ އިންޓައިން ވަނީ ސެލާނިޓާނާއާ ވާދަކޮށް 4-0 އިން މޮޅުވެފަ އެވެ. ހޮނިހިރު ދުވަހުގެ ރޭ ޔުވެންޓަސް ރަށުން ބޭރުގައި ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

"މިއީ ހިތްދަތި ވާވަރުގެ ބައްޔެއް. މިއީ ވަރަށް ގޯސްކޮށް ދިޔަ ރެއެއް،" މެޗަށް ފަހު މިލާންގެ ކޯޗު ސްޓެފަނޯ ޕިއޯލީ ބުންޏެވެ.

މެޗު ލީޑު ކޮށްގެން ކުޅުނީ ވެސް މޮންޒާ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ 45 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން މަޓެއޯ ޕެސީނާ އެވެ. އަދި މި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ލީޑު ފުޅާ ކުރި ގޯލު ޖަހައިދިނީ މޮޓާ ކާވާލިއޯ އެވެ.

ދެވަނަ ހާފު ފެށިގެން ހަތްވަރަކަށް މިނެޓްގެ ތެރޭ އޭސީ މިލާންގެ ލޫކާ ޖޮވިޗަށް ރަތް ކާޑެއް ދެއްކުމާ ގުޅިގެން އެޓީމުން ބާކީ ބައި ކުޅުނީ ދަނޑުމަތީގައި އެކަކު މަދުކޮށެވެ. ނަމަވެސް ކުޅުން ރަނގަޅުކޮށް، 64 ވަނަ މިނިޓުގައި އޮލިވިއޭ ޖިރޫ ޖަހައިދިން ގޯލަކުން ފަރަގު ކުޑަ ކުރި އެވެ. ނަތީޖާ އެއްވަރުކުރަން 88 ވަނަ މިނިޓުގައި މިލާނަށް ގޯލު ޖަހައިދިނީ ކްރިސްޓިއަން ޕުލިސިކެވެ.

މިލާނުން ފަހުވަގުތު ނަތީޖާ އެއްވަރު ކުރިއަސް ލީގުގެ 11 ވަނައިގައި އޮތް މޮންޒާއަށް މާ ބޮޑު ކަމަކަށް ނުވި އެވެ. އެޓީމުން ވަނީ ދެ މިނެޓް ތެރޭ އަލުން ލީޑު ހޯދައިފަ އެވެ. މެޗުގެ 90 ވަނަ މިނެޓްގައި މޮންޒާއަށް ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިދިނީ ވަރޭން ބޮންޑޯ އެވެ. އަދި އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި މޮންޒާ އިން ހަމަޖެހިލީ ލޮރެންޒޯ ކޮލަމްބޯ ޖަހައިދިން ގޯލާ އެކު އެވެ.

މިއީ އިޓަލީގެ އެއްވަނަ ޑިވިޝަންގައި މޮންޒާ ވާދަކުރާ ދެވަނަ ސީޒަނެވެ. މިދިޔަ ސީޒަންގައި އެޓީމު ފުރަތަމަ ފަހަރަށް ސެރީ އޭ ކުޅުނީ، މިލާންގެ ރަން ޒަމާނުގައި އެޓީމުގެ ރައީސަކަށް ހުރި ސިލްވިއޯ ބާލުސްކޯނީގެ ރައީސްކަމުގައި ޕްރޮމޯޝަން ހޯދައިގެންނެވެ.

ނަމަވެސް ކުރިން އިޓަލީގެ ބޮޑުވަޒީރުކަން ވެސް ކުރެއްވި އަދި މިލާންގެ އޯނަރުކަން ވެސް ކުރެއްވި ސިލްވިއޯ ބާލުސްކޯނީ މިދިޔަ އަހަރުގެ ޖޫން މަހު އުމުރުން 86 އަހަރުގައި އަވަހާރަވުމާ ގުޅިގެން އޭނާގެ ޝަރަފްގައި މޮންޒާގެ ރައީސްކަން ހަވާލް ކުރެވިފައި ވަނީ އޭނާގެ ކޮއްކޮ، ޕައޮލޯ ބާލުސްކޯނީއާ އެވެ.