Roadha Mihaaru
އިބްރަހިމޮވިޗް މިލާނާއެކު ކޮންޓްރެކްޓް އާކުރަނީ: ރިޕޯޓް

އިބްރަހިމޮވިޗް ރިޓަޔާއެއް ނުކުރާނެ، މިލާނާ އެކު ކޮންޓްރެކްޓް އާކުރަނީ: ރިޕޯޓް

06 ޖުލައި 2022

މިލާން (ޖުލައި 7) - އޭސީ މިލާނަށް 11 އަހަރު ފަހުން އިޓާލިއަން ސެރީއޭ ކާމިޔާބު ކޮށްދިމުމުގައި މުހިއްމު ދައުރެއް އަދާކުރި ސްވިޑެން ފޯވާޑް އިތުރު އެއް އަހަރަށް އެޓީމާ އެކު ކޮންޓްރެކްޓް އާކުރާނެ ކަމަށް ރިޕޯޓް ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިލާން (ޖުލައި 7) - އޭސީ މިލާނަށް 11 އަހަރު ފަހުން އިޓާލިއަން ސެރީއޭ ކާމިޔާބު ކޮށްދިމުމުގައި މުހިއްމު ދައުރެއް އަދާކުރި ސްވިޑެން ފޯވާޑް އިތުރު އެއް އަހަރަށް އެޓީމާ އެކު ކޮންޓްރެކްޓް އާކުރާނެ ކަމަށް ރިޕޯޓް ކޮށްފި އެވެ.

މިހާރު އުމުރުން 40 އަހަރުގެ އިބްރަހިމޮވިޗް ވަނީ މިދިޔަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު، މެއި މަހުގެ ފަހުކޮޅު ކަކުލުގެ ލިގެމެންޓް ސާޖަރީއެއް ހަދައިފަ އެވެ. އަދި ޖޫން މަހަށް ފަހު ކުލަބާއެކު އޭނާ ހަދާފައިވާ ކޮންޓްތެކްޓްގެ މުއްދަތު ހަމަވުމުން، އިތުރު އަހަރަކަށް އެއްބަސްވުން އާކުރާނެ ކަމަށް މީގެ ކުރިން ވެސް އިޓަލީގެ މީޑިއާތަކުން ރިޕޯޓް ކުރި އެވެ.

ސްކައިސްޕޯޓްސް އިން ރިޕޯޓް ކުރާގޮތުގައި އޭސީ މިލާނާ އެކު ޖޫން 2023 ގެ ނިޔަލަށް ކުލަބުގައި މަޑުކުރަން އެއްބަސްވެފައި ވާއިރު، މުސާރައިގެ ގޮތުގައި އަހަރަކު 1.5 މިލިއަން ޑޮލަރާއި އިތުރު ބޯނަސްތައް ވެސް ހަމަޖައްސާފައި ވެއެވެ.

އަންނަ އޮކްޓޫބަރު މަހު 41 އަހަރު ފުރޭ އިބްރަހިމޮވިޗް، އަނިޔާއިން ރަނގަޅު ވެގެން އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެކަމަށް ބެލެވުނީ އަންނަ ފެބްރުއަރީ މަހަށެވެ. ނަމަވެސް އޭނާ ހުރީ އެއް މަސް ކުރިން މުޅިން ރަނގަޅުވެގެން އަލުން ދަނޑަށް ނުކުންނަން އަޒުމު ކަނޑައަޅާއިގެންނެވެ. އެހެން ވެއްޖެ ނަމަ ޖެނުއަރީ 2023 ގައި އޭނާ ދަނޑަށް ނުކުންނާނެ އެވެ.

ސާޖަރީއަށް ފަހު ރިހެބިލިޓޭޝަންގެ ފުރަތަމަ މަރުހަލާތައް ކުރިއަށްދާއިރު، އޮގަސްޓް މަހު މިލާނުގެ ޓްރެއިނިން ދަނޑުގައި، ލުއި ފަރިތަކުރުންތައް ފަށައި، ޓީމާއެކު އުޅެން ފަށާނެ އެވެ. މިއަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރުގައި ގަތަރުގައި ވޯލްޑް ކަޕް ވެސް އޮތުމާ އެކު، މުބާރާތަށް ދާ ފޯވާޑަކަށް އަނިޔާގެ މައްސަލައެއް ދިމާ ވިޔަސް، މިލާނުގެ ކޯޗު ސްޓެފަނޯ ޕޯލީ އަށް އިބްރަހިމޮވިޗުގެ ބޭނުން ކުރެވޭނެ އެވެ.

އިބްރަހިމޮވިޗް އެންމެ ފަހުން އޭސީ މިލާނާ ގުޅުނީ 2019/20 ސީޒަނުގެ މެދުތެރޭންނެވެ. އޭގެ ފަހުން އޭނާ ވަނީ މިލާނަށް 74 މެޗު ކުޅެދީ، 36 ގޯލު ޖަހައިދީފަ އެވެ.

އޭސީ މިލާނުން ވަނީ އަންނަ ސީޒަނަށް ހިލޭ ޓްރާންސްފާގައި ލިވަޕޫލަށް ކުޅޭ ބެލްޖިއަމް ފޯވާޑް ޑިވޮކް އޮރީގީ ގެނެސްފަ އެވެ.

އޮރީގީ އާއެކު ބެލްޖިއަމް ގައުމީ ޓީމަށް ކުޅޭ އެޓީމުގެ ފޯވާޑް އެލެކްސިސް ސަލެމޭކާސްގެ އިތުރުން ފްރާންސްގެ އޮލިވިއޭ ޖިރޫ އާއި ކްރޮއޭޝިއާ ފޯވާޑް އަންޓޭ ރެބިޗް އަދި ޕޯޗުގަލްގެ ރަފައެލް ލެއާއޯ ވެސް ވޯލްޑް ކަޕުގައި ފެނުމުގެ ފުރުސަތު ބޮޑެވެ.

އޭސީ މިލާނުން އަންނަނީ ޗެލްސީ އަށް ކުޅޭ މޮރޮކޯގެ ވިންގާ ހަކީމް ޒިޔެޝްގެ ސޮއި ހޯދަން ވެސް މަޝްވަރާތައް ކުރަމުންނެވެ. މޮރޮކޯ، މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ވި ނަމަވެސް، 29 އަހަރުގެ ޒިޔެޝް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.