Roadha Mihaaru
އަސަރާ އެކު އިބްރަހިމޮވިޗް ފުޓްބޯޅައާ ދުރަށް

އަސަރާ އެކު އިބްރަހިމޮވިޗް ފުޓްބޯޅައާ ދުރަށް

06 ޖޫން 2023

ޔޫރަޕްގެ މަޝްހޫރު ކްލަބްތަކަށް ކުޅެ ދުނިޔޭގެ ސަމާލުކަން ހޯދި ސްވިޑެންގެ ޒަލަޓަން އިބްރަހިމޮވިޗް އުމުރުން 41 އަހަރުގައި ފުޓްބޯޅަ ކެރިއަރު ނިންމާލައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ޔޫރަޕްގެ މަޝްހޫރު ކްލަބްތަކަށް ކުޅެ ދުނިޔޭގެ ސަމާލުކަން ހޯދި ސްވިޑެންގެ ޒަލަޓަން އިބްރަހިމޮވިޗް އުމުރުން 41 އަހަރުގައި ފުޓްބޯޅަ ކެރިއަރު ނިންމާލައިފި އެވެ.

އިބްރަހިމޮވިޗް ކުޅުން ހުއްޓާލިއިރު އެންމެ ފަހުން ކުޅުނީ އިޓަލީގެ އޭސީ މިލާނަށެވެ. ކުޅުން ހުއްޓާލާކަން ރަސްމީކޮށް އިއުލާންކުރީ އިޓާލިއަން ލީގުގައި އޭސީ މިލާން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފަހު މެޗުގެ ކުރިން ބޭއްވި އިވެންޓެއްގަ އެވެ.

"އަހަރެން މި އަލްވަދާއު ކިޔަނީ ފުޓްބޯޅައާ، އެކަމަކު ސަޕޯޓަރުންނަކާ ނޫން،" މިދިޔަ ވިއްސަކަށް އަހަރުތެރޭ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނުނު އިބްރަހިމޮވިޗް ބުންޏެވެ.

ކެރިއަރުގައި މިލާނަށް އިބްރަހިމޮވިޗް ވަނީ ދެ ފަހަރު ކުޅެފަ އެވެ. އެންމެ ފުރަތަމަ އެ ޓީމަށް ކުޅުނުއިރު 2011 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކުރި އެވެ. އޭގެ ފަހުން 2020 ވަނަ އަހަރުގެ ކުރީކޮޅު ދެ ވަނަ ފަހަރަށް އެ ކްލަބަށް ބަދަލުވެ ދިގު އިންތިޒާރަކަށް ފަހު އެޓީމަށް ލީގު ޗެމްޕިއަންކަން ހޯދައިދިނުމުގައި އެހީވި އެވެ.

ކްލަބް ކެރިއަރު އިބްރަހިމޮވިޗް އެންމެ ފުރަތަމަ ފެށީ 1999 ވަނަ އަހަރު އަމިއްލަ ގައުމުގެ މަލްމޯ އިންނެވެ. އެ ޓީމު ދޫކޮށް 2001 ވަނަ އަހަރު އަޔަކްސް އަށް ބަދަލުވި އެވެ. އޭގެފަހުން އިބްރަހިމޮވިޗް ވަނީ އޭސީ މިލާން އާއި ވާދަވެރި އިންޓަ މިލާނަށް ކުޅެފަ އެވެ. އަދި، ޔުވެންޓަސް އާއި ޕީއެސްޖީގެ އިތުރުން ބާސެލޯނާ އަދި މެންޗެސްޓާ ޔުނައިޓެޑަށް ޔޫރަޕްގައި އިބްރަހިމޮވިޗް ކުޅުނެވެ. އިބްރަހިމޮވިޗް ވަނީ އެމެރިކާގެ އެލްއޭ ގެލެކްސީ އަށް 2018 ވަނަ އަހަރު ބަދަލުވެ ދެ އަހަރު އެ ކްލަބަށް ކުޅެފަ އެވެ.

ކްލަބް ކެރިއަރުގައި އިބްރަހިމޮވިޗް 511 ގޯލު ޖެހި އެވެ.

އަނިޔާގެ ސަބަބުން، މި ސީޒަނުގައި އިބްރަހިމޮވިޗްގެ ކުޅުން ފެނުނީ މަދުންނެވެ. ލީގުގައި ހަތަރު މެޗު ކުޅުނުއިރު ޖެހުނީ އެންމެ ގޯލެކެވެ.

"އެންމެ ފުރަތަމަ އަހަރެން މި ކްލަބަށް އައިއިރު ލިބުނީ އުފާވެރިކަން. ދެ ވަނަ ފަހަރު ލިބުނީ ލޯބި. ދިރިއުޅުމުގެ ބާކީ ބައިގައި އަހަރެންގެ ހިތުގައި އޮންނާނީ މިލާން" އަސަރާ އެކު އިބްރަހިމޮވިޗް ބުންޏެވެ.

ކާމިޔާބު ކެރިއަރުގައި އިބްރަހިމޮވިޗް 34 ތަށި ހޯދި އެވެ. އޭގެތެރޭގައި 14 ލީގު ތަށި ހިމެނެ އެވެ. އަދި، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑަށް 11 ފަހަރު އޭނާ ނޮމިނޭޓްވި އެވެ.

އިބްރަހިމޮވިޗަށް ކްލަބް ކެރިއަރުގައި ނުލިބޭ ބޮޑު ތައްޓަކީ ޔޫއެފާ ޗެމްޕިއަންސް ލީގެވެ. ޔޫރަޕްގައި އޭނާ އަށް ހަމައެކަނި ކާމިޔާބީއެއް ލިބުނީ 2017 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާ އެކު އެވެ. އެފަހަރު އެޓީމާ އެކު ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކުރި އެވެ.

ސްވިޑެންގެ ގައުމީ ޓީމަށް އިބްރަހިމޮޗް ވަނީ 122 މެޗު ކުޅެ 62 ގޯލު ޖަހައިފަ އެވެ. ސްވިޑެން އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔަކީ ވެސް އިބްރަހިމޮވިޗް އެވެ.