Roadha Mihaaru
ލިވަޕޫލް އޮތް ލެވަލަށް ޔުނައިޓެޑަށް ދެވޭނެ: ސޯލްޝެއާ

ލިވަޕޫލް އޮތް ލެވަލަށް ޔުނައިޓެޑަށް ދެވޭނެ: ސޯލްޝެއާ

25 ޑިސެމްބަރ 2019

މެންޗެސްޓާ (ޑިސެމްބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތް ލިވަޕޫލްގެ ފެންވަރަށް މެންޗެސްޓާ ޔުނައިޓެޑަށް ވެސް ދެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ޑިސެމްބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތް ލިވަޕޫލްގެ ފެންވަރަށް މެންޗެސްޓާ ޔުނައިޓެޑަށް ވެސް ދެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ސޯލްޝެއާ ހަވާލުވިތާ އަހަރެއް ވެފައިވާއިރު އަދިވެސް އެ ޓީމަށް އެންމެ ރަނގަޅު ނަތީޖާތަކެއް ވަނީ ނުނެރެވި އެވެ. ޔުނައިޓެޑް އޮތީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވުރެ 24 ޕޮއިންޓް ފަހަތުގަ އެވެ. މި ވަގުތު ލީގުގެ އަށް ވަނައިގައި އޮތް ޔުނައިޓެޑަށް މި ސީޒަނަށް އޮތް ޓާގެޓަކީ ގަދަ ހަތަރެކެވެ.

ސޯލްޝެއާ ބުނީ ޔުނައިޓެޑްގެ ޑިވެލޮޕްމަންޓް ދަނީ އެންމެ ރަނގަޅު ދުވެލީގައި ނޫން ކަމަށާއި އެކަމަކު ރަނގަޅު ޓްރެކުގައި މަސައްކަތް ކޮށްގެން ލިވަޕޫލް އޮތް ހިސާބަށް ދެވޭނެ ފެންވަރު ޔުނައިޓެޑްގެ ކިބައިގައި އެބަހުރި ކަމަށެވެ.

"ލިވަޕޫލް މިހާރު އޮތް ހިސާބަށް ދާން އެ ޓީމަށް ވެސް ވަގުތު ނެގި. އަހަރެމެން ވެސް ބޭނުންވަނީ ކުރިއަރަން. އަހަރެމެން ވެސް އެ ލެވެލަށް (ލިވަޕޫލް އޮތް ހިސާބަށް) ދާން ބޭނުން. އަހަރެމެންގެ ޑިވެލޮޕްމަންޓްގެ ލެވެލް އަދި އެންމެ ހަލުވިކޮށެއް ނޫން މިދަނީ،" ލީގުގައި މާދަމާރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސޯލްޝެއާ ބުންޏެވެ.

ލިވަޕޫލް އޮތް ލެވެލަށްދާން ބަލާއިރު ޔުނައިޓެޑަށް މިހާރު ވެސް ފަސޭހަަތަކެއް އެބަހުރިކަން ސޯލްޝެއާ ފާހަގަކުރި އެވެ. ސޯލްޝެއާ ބުނީ ޔުނައިޓެޑަކީ ލިވަޕޫލެކޭ އެއްގޮތަށް ކައުންޓަ އެޓޭކުގައި މޮޅު ޓީމެއް ކަމަށެވެ.

"އަހަރެމެން ކައުންޓަ އެޓޭކުގައި ވަރަށް ރަނގަޅު. އަހަރެމެންގެ އެބަހުރި ހަލުވި ކުޅުންތެރިން. އަހަރެމެން އެކަން ދަމަހައްޓާނަން. މިހާރު ބޭނުންވަނީ މެޗު ކޮންޓްރޯލް ކޮށްގެން ޑިފެންސް ރަނގަޅަށް ކުޅޭ ޓީމުތައް ކައިރިން ނަތީޖާ ނެރެން ދަސްކުރަން،" ސޯލްޝެއާ ބުންޏެވެ.

ޔުނައިޓެޑާއި ލިވަޕޫލަކީ އިނގިރޭސި ފުޓްބޯޅައިގައި އެންމެ ގިނަ ދުވަސްވީ ދެ ވާދަވެރިންނެވެ. ޔުނައިޓެޑާއި ލިވަޕޫލްގެ ކޯޗުކަމުގައި ހުރި އެކި ފަރާތްތަކުން މީގެ ކުރިން ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ. މިއީ ފަހަކަށް އައިސް މީގެ އިން ޓީމަކާ ހަވާލުވެހުރި ކޯޗަކު އަނެއް ޓީމަށް ތައުރީފުކުރާ މޭރުމުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. އެހެންވެ އިނގިރޭސި މީޑިއާގެ ސަމާލުކަން މި ކަމަށް ވަނީ ވަރަށް ބޮޑަށް ލިބިފަ އެވެ.

އެންމެ ފަހުން ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން ޔުނައިޓެޑް ބަލިވިއިރު، އެ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރައި ޕައުލް ޕޮގްބާ ވަނީ ތަފާތު ދައްކައިފަ އެވެ. މިއީ އަނިޔާއިން ރަނގަޅުވެ ޓީމަށް އެނބުރި އައިސް ޕޮގްބާ ކުޅުނު ފުރަތަމަ މެޗެވެ.

"ޕޮގްބާ ކުޅެން އެރި ހިސާބުން އެނގުންވެއްޖެ. ޕޮގްބާ އަކީ ހުރިހާ ގޮތަކުން ބަލާއިރު ދުނިޔޭގައި ކުޅޭ އެންމެ މޮޅު މިޑްފީލްޑަރު. އަހަރެމެންނަށް އޭނަގެ ބޭނުންހިފޭނެ،" ސޯލްޝެއާ ބުންޏެވެ.

ލީގުގައި މާދަމާރޭ ނިއުކާސަލްއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 22:30 ގަ އެވެ.