Roadha Mihaaru
ސިޓީ އަކީ ބަލިނުކުރެވޭވަރުގެ ޓީމެއް ނޫން: ޕޮޗެޓީނޯ

ސިޓީ އަކީ ބަލިނުކުރެވޭވަރުގެ ޓީމެއް ނޫން: ޕޮޗެޓީނޯ

02 އޮކްޓޯބަރ 2016

ލަންޑަން ( އޮކްޓޫބަރު 2) - މެންޗެސްޓާ ސިޓީ އަކީ ބަލިނުކުރެވޭވަރުގެ ޓީމެއް ނޫން ކަމަށް މިއަދު އެޓީމާ ދެކޮޅަށް ނުކުންނަ ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން ( އޮކްޓޫބަރު 2) - މެންޗެސްޓާ ސިޓީ އަކީ ބަލިނުކުރެވޭވަރުގެ ޓީމެއް ނޫން ކަމަށް މިއަދު އެޓީމާ ދެކޮޅަށް ނުކުންނަ ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ 100 ޕަސެންޓް ރެކޯޑަކާ އެކު ކުޅުނު ހަ މެޗުން މޮޅުވެ، 18 ޕޮއިންޓާ އެކު އެވެ. ޓޮޓެންހަމް ތިން ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ.

"ސިޓީ އަކީ ކުޅުންތެރިންގެ ފެންވަރާއި ކުޅުމަށް ބަލާއިރު ވެސް ލީގުގައި ކުޅޭ އެންމެ ތަފާތު ޓީމު. ގާޑިއޯލާގެ ކޯޗުކަމުގައި އެ ޓީމު ފެންނަނީ ތަފާތުކޮށް. އެކަމަކު ގަބޫލުކުރަން ޖެހޭ ކަމަކީ އެއްވެސް ޓީމަކީ ބަލިނުކުރެވޭވަރުގެ ޓީމެއް ނޫންކަން. ކޮންމެ ޓީމެއްގެ ވެސް ހުންނާނެ ބަލިފައި. ސިޓީ ވެސް ބަލިކުރެވޭނެ،" އަމިއްލަ ދަނޑުގައި މިއަދު ސިޓީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯގެ ކޯޗިން ކެރިއަރުގައި އޭނާ ހޯދި ފުރަތަމަ މޮޅަކީ 2009 ވަނަ އަހަރު ގާޑިއޯލާގެ ބާސެލޯނާއާ ވާދަކޮށް ހޯދި މޮޅެވެ. ސްޕެނިޝް ލީގުގައި ބާސެލޯނާ ދަނޑުގައި ޕޮޗެޓީނޯގެ ކޯޗުކަމުގައި އެސްޕަންޔޯލް އެ ފަހަރު މޮޅުވީ 2-1 އިންނެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ޕޮޗެޓީނޯ އަކީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިނަމަވެސް މޮޅު ކޯޗެއް ކަަމަށެވެ.

"ތަފާތު ސްޓައިލަކަށް ކުޅެން ބޭނުންވާ މަދު ކޯޗުންތަކެއް ދުނިޔޭގައި ތިބެނީ. ޕޮޗެޓީނޯ އަކީ މޮޅު ކޯޗެއް. އޭނާ ކޯޗުކޮށްދޭ ޓީމުތައް ކުޅޭ ސްޓައިލް އަހަންނަށް ވަރަށް ކަމުދޭ،" ގާޑިއޯލާ ބުންޏެވެ.

ޓޮޓެންހަމް އަކީ މިދިޔަ ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޓީމެއް ކަމަށާއި ސަމާލުވާން ޖެހޭ ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގައި އެބަތިބި ކަމަށް ގާޑިއޯލާ ބުންޏެވެ.

އަނިޔާގެ ސަބަބުން މި މެޗުގައި ސިޓީގެ ކެވިން ޑިބްރޭނާ އާއި ޓޮޓެންހަމްގެ ހޭރީ ކޭން އަށް ނުކުޅެވޭނެ އެވެ.

ޕްރިމިއާ ލީގުގައި މީގެ ކުރިން ކުޅުނު ފުރަތަމަ ހަތް މެޗުން މޮޅުވީ 2005-2006 ވަނަ އަހަރުގެ ސީޒަނުގައި މޮރީނިއޯގެ ކޯޗުކަމުގައި ކުޅުނު ޗެލްސީ އެވެ. އެ ފަހަރު ޗެލްސީ ވަނީ ފުރަތަމަ ނުވަ މެޗުން މޮޅުވެ، ރަނގަޅު ފޯމެއްގައި ނިންމާލައި ލީގު ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ސިޓީ އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ 6:15 ގަ އެވެ.