Roadha Mihaaru
ސިޓީ އަށް ފަސޭހަ ހާލަތެއް ނެތް: ގާޑިއޯލާ

ސިޓީ އަށް ފަސޭހަ ހާލަތެއް ނެތް: ގާޑިއޯލާ

22 ޖެނުއަރީ 2017

މެންޗެސްޓާ (ޖެނުއަރީ 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި ޓޮޓެންހަމް ހޮޓްސްޕާސް އިން 2-2 އިން އެއްވަރުކުރުމުން އެނގޭ ކަމަކީ ސިޓީ އަށް އެއްވެސް މެޗެއްގައި ފަސޭހަ ހާލަތެއް ނެތްކަން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ޖެނުއަރީ 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި ޓޮޓެންހަމް ހޮޓްސްޕާސް އިން 2-2 އިން އެއްވަރުކުރުމުން އެނގޭ ކަމަކީ ސިޓީ އަށް އެއްވެސް މެޗެއްގައި ފަސޭހަ ހާލަތެއް ނެތްކަން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ރޭގެ މެޗުން މޮޅުވެެގެން ސިޓީ އަށް ލީގުގެ ހަތަރު ވަނަ އަށް ޖެހިލަން ފުރުސަތު އޮތެވެ. އެހެން ނަމަވެސް ލިބުނު ޕޮއިންޓާ އެކު ސިޓީ ލީގުގެ ފަސް ވަނައިގައި އޮތީ 22 މެޗުން 43 ޕޮއިންޓާ އެކު އެވެ. ޓޮޓެންހަމް ދެ ވަަނައިގައި އޮތީ 22 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ.

ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް ގާތްގާތުގައި ހެދި ދެ މިސްޓޭކުގެ ފައިދާ ނަަގައި ސިޓީ އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ލިރޯއީ ސާނޭ އާއި ކެވިން ޑިބްރޭނާ އެވެ. ޓޮޓެންހަމް އިން އެއްވަރުކުރީ ޑެލޭ އަލީ އާއި ސޮން ހިއުން މިންގެ ލަނޑުތަކުންނެވެ.

"އަހަރެމެން މުޅި މެޗު ޑޮމިނޭޓްކުރީ. އަހަރެމެން ގިނަ ފުރުސަތު ތަނަވަސްކުރީ. އަހަރެމެންނަށް ދެ ލަނޑުގެ ލީޑެއް ލިބުނު. އެކަމަކު މެޗު ނިމުނުއިރު މިއިން އެއްވެސް ކަމެއްގެ ފައިދާއެއް ނެތް. ޕޮއިންޓަކުން ފުއްދާލަން މިޖެހުނީ. މިއިން އެނގޭ ކަމަކީ ސިޓީ އަށް ފަސޭހަ ހާލަތެއް ނެތްކަން،" ގާޑިއޯލާ ބުންޏެވެ.

ރޭގެ މެޗުގައި ސިޓީގެ ރަހީމް ސްޓާލިން އަށް ޓޮޓެންހަމް އޭރިއާ ތެރެއިން އެ ޓީމުގެ ކައިލް ވޯކާ ކުރި ފައުލަށް ރެފްރީ މައިކް ރައިލީ ޕެނަލްޓީ ނުދިނުމުން ގާޑިއޯލާ ވަނީ މެޗުގެ ތެރެއިން ރެފްރީގެ ނިންމުމާ މެދު ވަރަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

"މޮޅުނުވުމުން ރެފްރީ ބޮލުގައި ޒިންމާ އަޅުވަން އަހަރެން ބޭނުމެއް ނޫން. އެކަމަކު އަހަރެން ބޭނުން މި ލީގުގައި ގަވާއިދުތައް އޮތް ގޮތް އެގެން. އޭރިއާ ތެރެއިން ކޮށްޕާލުމުން ފައުލު ނުވަންޏާ ދެން އެހެންތާކުން ވެސް އޭގެ އަށް ފައުލެއް ނުދެވޭނެ،" ގާޑިއޯލާ ބުންޏެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ރޭގެ މެޗުން އެޓީމަށް މޮޅުނުވެވުނީ ލޮރިސް އަތުން ހެދުނު ގޯސްތަކުން ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އޭނާ އެކަމަށް އެއްބަސްނުވާ ކަމަށެވެ.

"ލޮރިސްގެ ދެ މިސްޓޭކުން ލަނޑު ވަނީ. އެކަމަކު ރަނގަޅަށް ބަލައިފިނަމަ ފުރަތަމަ ލަނޑު ސާނޭ ޖެހީ އަތުން ކޮންޓްރޯލް ކޮށްފައި. ދެން މުޅި މެޗަށް ބަލާއިރު ލޮރީސް އަހަރެމެން ސަލާމަތްކޮށްދިން ވަގުތުތައް މާ ގިނަ،" ޕޮޗެޓީނޯ ބުންޏެވެ.

އޭނާ ބުނީ މިއީ ޓޮޓެންހަމަށް ރަނގަޅު ނަތީޖާއެއް ކަމަށާއި ޓީމުގެ ކުރިއެރުން ވަޒަންކޮށްލެވިއްޖެ ކަމަށެވެ.