10 ފެބުރުއަރީ 2022
މެންޗެސްޓާ (ފެބްރުއަރީ 10) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅެ 2-0 އިން މެޗު ކާމިޔާބުކޮށް، އެއްވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނެގި ނަމަވެސް މެންޗެސްޓާ ސިޓީއަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ނޫން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މެންޗެސްޓާ (ފެބްރުއަރީ 10) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅެ 2-0 އިން މެޗު ކާމިޔާބުކޮށް، އެއްވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނެގި ނަމަވެސް މެންޗެސްޓާ ސިޓީއަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ނޫން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސިޓީން ރޭ ބްރެންޓްފޯޑާ ދެކޮޅަށް ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށްވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ރިޔާދް މަހްރޭޒް އެވެ. މިއީ މަހްރޭޒް އެންމެ ފަހުން ކުޅުނު ހަތް މެޗުން ޖެހި އަށްވަނަ ގޯލެވެ.
މެޗަށް ފަހު ގާޑިއޯލާ ވަނީ ކޮންމެ މެޗެއްގައި ވެސް ސިޓީގެ ކުޅުންތެރިން މޮޅުވާން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އަދި ގާޑިއޯލާ ބުނީ، އޭނާގެ ޓީމަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ގޮތުގައި ބައެއް މީހުން ސިފަކުރި ނަމަވެސް ސިޓީ އޮންނާނީ ހަމަބިމުގައި ކަމަށެވެ.
ޑިބްރޭނާ ލަނޑު ޖެހުމަށް ފަހު ގްރީލިޝް އާއެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
"ބައެއް ފަހަރު އަހަރެމެންނަށް (މެންޗެސްޓާ ސިޓީ އަށް) ނިސްބަތްކޮށް ބުނޭ، ތިއީ ދުނިޔޭގެ އެންމެ މޮޅު ޓީމޭ، އެކަމަކު އެއީ އޮޅުމެއް. އަހަރެމެންނަކީ ހަމަ އާދައިގެ ފުޓުބޯޅަ ކުލަބެއް. އަހަރެމެންނަކީ ދުނިޔޭގެ އެންމެ މޮޅު ޓީމެއް ނޫން. އެންމެ މޮޅު ޓީމަކީ ޗެލްސީ، އަދި ޕަލްމެއިރާސް ވެސް. އަހަރެން އެކަމަކާ ނުވެސް ވިސްނަން،" މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
ޕްރިމިއާ ލީގުގެ ތިންވަނައިގައި އޮތް ޗެލްސީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ފީފާ ކްލަބް ވޯލްޑް ކަޕުގެ ފައިނަލުގައި، ބްރެޒިލްގެ ޕަލްމެއިރާސްއާ ދެކޮޅަށް ކުޅޭނެ އެވެ. ޗެލްސީ ވަނީ، އަބޫ ދާބީގައި ކުޅުނު ކްލަބު ވޯލްޑް ކަޕުގެ ސެމީ ފައިނަލްގައި އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން، ސައުދީ އަރަބިޔާގެ އަލް ހިލާލްއާ ދެކޮޅަށް ކުޅެ މެޗު ކާމިޔާބު ކޮށްފަ އެވެ. ކްލަބު ވޯލްޑް ކަޕުގެ ފައިނަލް މެޗަށް ފަހު ޗެލްސީން ލީގުގައި އެންމެ އަވަހަށް ކުޅޭނީ އަމިއްލަ ދަނޑުގައި ފެބްރުއަރީ 19 ވާ ހޮނިހިރު ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.
ރޭގެ މެޗުން މޮޅުވެ މެންޗެސްޓާ ސިޓީ ޕްރިމިއާ ލީގު ޓޭބަލްގެ އެއްވަނައިގައި އޮތީ 24 މެޗުން 60 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް ލިވަޕޫލަށް ލިބިފައި ވަނީ 48 ޕޮއިންޓެވެ. ލީގުގައި މިރޭ ލިވަޕޫލް ނުކުންނާނީ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ދެކޮޅަށެވެ.
ސައުތެމްޓަން ވަނީ ރޭ ޓޮޓެންހަމް ހޮޓްސްޕާއާ ވާދަކޮށް ފަހަތުން އަރައި 3-2 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. ޓޮޓެންހަމްގެ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ބަލިވުމާ އެކު މިއީ، ނޮވެމްބަރު މަހު ޓޮޓެންހަމުގެ ކޯޗު ކަމާ ހަވާލުވި އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދެށުން ލީގުގައި ބަލިވި ދެވަނަ މެޗެވެ. އެންމެ ފަހުން އެޓީމު ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
މެޗުގައި ޓޮޓެންހަމުން ވަނީ ދެ ފަހަރަށް ލީޑު ނަގައިފަ އެވެ. ފުރަތަމަ ލީޑު ލިބުނީ 18 ވަނަ މިނިޓުގައި ސައުތެމްޓަން ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ވަނީ ސައުތެމްޓަންގެ އާމަންޑޯ ބްރޯޖާ ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
ސައުތެމްތަންގެ ބްރޯޖާ، ޓޮޓެންހަމްގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ޓޮޓެންހަމުން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 70 ވަނަ މިނިޓުގަ އެވެ. ލޫކަސް މޯރާ އޭރިއާ ތެރެއިން ހުސްކޮށްލާފައި ސޮން އަށް ދިން ބޯޅަ އޭނާ ވަނީ އެއްފަހަރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ. އެޓީމުން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގިތާ ނުވަ މިިނިޓު ފަހުން ސައުތެމްޓަންގެ ނޯވޭ ފޯވާޑް މުހައްމަދު އަލްޔޫނުސީ ވަނީ ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
މެޗުން ޓޮޓެންހަމް މޮޅުވީ 82 ވަނަ މިނިޓުގައި ޗޭ އެޑަމްސް ޖަހައިދިން ލަނޑުންނެވެ.
ފްރިމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކުގެ ތެރެއިން، ލީޑްސް ޔުނައިޓެޑުން ވަނީ އެސްޓަން ވިލާގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗު 3-3 އިން އެއްވަރު ކޮށްފަ އެވެ. މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް މި ސީޒަނުގައި ލީޑްސް އަށް ބަދަލުވި ޑެނިއެލް ޖޭމްސްގެ ލަނޑުން މެޗުގެ ނުވަަވަނަ މިނިޓުގައި ލީޑްސް ޔުނައިޓެޑުން ލީޑު ނެގި ނަމަވެސް ސްޓޓީވަން ޖެރާޑުގެ އެސްޓަން ވިލާ ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ.
ކުޓީނިއޯ އެސްޓަން ވިލާ އަށް އެއްވަރުކޮށްދިން ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
އެސްޓަން ވިލާ އަށް އެއްވަރު ކޮށްދިނީ 30 ވަނަ މިނިޓުގައި ފިލިޕޭ ކުޓީނިއޯ އެވެ. އަދި 38 ވަނަ މިނިޓާއި 43 ވަނަ މިނިޓުގައި ކުޓީނިއޯގެ އެހީތެރިކަމާ އެކު އެސްޓަން ވިލާއަށް ލީޑު ހޯދައިދިނީ ޖޭކޮބް ރަމްސޭ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖޭމްސް ވަނީ އިތުރު ލަނޑެއް ޖަހައި ލީޑްސް އަށް ފަރަގު ކުޑަ ކޮށްދީފަ އެވެ. ލީޑްސް ޔުނައިޓެޑަށް އެއްވަރުކޮށްދިނީ 63 ވަނަ މިނިޓުގައި ޑިއޭގޯ ލޮރެންޓޭ އެވެ.
ރެލިގޭޝަން ޒޯނުގައި އޮތް ނޯރިޗް ސިޓީން ވަނީ ރޭ އަމިއްލަ ދަނޑުގައި، ޕެޓްރިކް ވިއޭރާގެ ކޯޗުކަމުގައި ކުޅެމުން އަންނަ ކްރިސްޓަލް ޕެލަސްއާ އެއްވަރު ކޮށްފަ އެވެ. ނޯރިޗުން ވަނީ މެޗުގެ 38 ވަނަ ސިކުންތުގައި ޓީމޫ ޕޫކީގެ ލަނޑުން ލީޑު ނަގައިފަ އެވެ. ޕެލަސް އަށް އެއްވަރު ކޮށްދިނީ 60 ވަނަ މިނިޓުގައި ވިލްފްރެއިޑް ޒާހާ އެވެ. އޭގެ ތިން މިނިޓު ފަހުން ޕެލަސް އަށް ލީޑު ނަގަން ޕެނަލްޓީއެއް ލިބުނު ނަމަވެސް ޒާހާ ފޮނުވާލި ބޯޅަ ދިޔައީ ތިރިތިރިން ގޯލާ މާ ދުރުން ބޭރަށެވެ.
8 އަހަރުވަންދެން މޮޅުވެފަ އަދި ހާސްކަމެއް ނެތް: ޕެޕް
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
ޗެލްސީ މޮޅެއްނުވި، ކޮންޓޭގެ ފާޑުކިޔުން ޓޮޓެންހަމަށް
މިއީ އެންމެ ރަނގަޅަށް ޕާފޯމްކުރި އެއް މެޗު: ގާޑިއޯލާ
ބޮޑު މެޗުގެ ކުރިން ގާޑިއޯލާގެ ތައުރީފް ކޮންޓޭއަށް
ސިޓީ އަށް ފަސޭހަ ހާލަތެއް ނެތް: ގާޑިއޯލާ
ތައުރީފްތަކަށް ފަހު ގާޑިއޯލާ އާއި ކޮންޓޭ ބޮޑު މެޗަކަށް
ސިޓީ އަކީ ބަލިނުކުރެވޭވަރުގެ ޓީމެއް ނޫން: ޕޮޗެޓީނޯ
ލިވަޕޫލް ސަޕޯޓަރުންނަށް ގާޑިއޯލާ ރައްދުދިނީ ނަމްބަރުން
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ