15 ޑިސެމްބަރ 2019
ހުސްވެފައިވާ ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗުގެ މަގާމަށް އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކުރި ފުރަތަމަ ދިވެހި ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ހަމަޖައްސައިފި އެވެ.
ހުސްވެފައިވާ ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗުގެ މަގާމަށް އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކުރި ފުރަތަމަ ދިވެހި ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ހަމަޖައްސައިފި އެވެ.
ޓީސީގެ ހެޑްކޯޗުގެ މަގާމު ހުސްވީ މި އަހަރު އެ ޓީމާ ހަވާލުވި ކޯޗު މުހައްމަދު އާތިފް (އާތީ) އެ ޓީމުގެ ކޯޗުގެ މަގާމުން ވަކިވުމުންނެވެ. ޓީސީއާ އެކު މި އަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި އާތީ އެ ޓީމު ދޫކޮށްލީ މާލީ މައްސަލަތަކުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް އެ ޓީމަށް ދިމާވެފައިވާތީ އިތުރަށް ކުރިއަށް ދެވޭނެ ގޮތެއް ނެތުމުންނެވެ. ޓީސީން އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދެވެ. އޭނާ ވަނީ މިދިޔަ އޮކްޓޫބަރު މަހު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގައި ވެސް ޓީސީ އަށް ކޯޗުކޮށްދީފަ އެވެ.
ފުރަތަމަ ޑިވިޝަނުގައި ބީޖީ ސްޕޯޓްސް ކްލަބާއި ވިކްޓްރީގެ ކޯޗެއްގެ ގޮތުގައި ވެސް ފެނުނު ޝާޒްލީ ދާދި ފަހުން ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ސާފް ޗެމްޕިއަންޝިޕްގެ ލޯ މެޑަލް ހޯދައިފަ އެވެ. މިއީ އުމުރު ފުރާ ގައުމީ ޓީމަކަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބެކެވެ.
އެފްއޭއެމްގައި ވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު ޝާޒްލީ، ޓީސީއާ ހަވާލުވެ އެންމެ ބޮޑަށް އަމާޒުހިފާފައިވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ނަތީޖާތައް ރަނގަޅު ކުރުމަށެވެ. ޓީސީން ފުރަތަމަ ފަހަރަށް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އަންނަ އަހަރު ވާދަކުރާނެ އެވެ.
ޝާޒްއާ އެކު ޓީސީން އެއްބަސްވުމުގައި ސޮއިކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ޓީސީ ސްޕޯޓްސް ކްލަބް.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ކްލަބްތަކަށް ހާއްސަ ގްރޫޕުގައި ރާއްޖޭގެ ޓީސީގެ އިތުރުން ދެން އޮތީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ އެވެ. ދެން މި ގްރޫޕަށް ހޮވޭނީ ކޮލިފައިން ބުރުން އަންނަ ޓީމެކެވެ. އެ ބުރުގައި ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ބެންގަލޫރުގެ އިތުރުން ބަންގްލަދޭޝްގެ އަބަހާނީ ވާދަކުރެ އެވެ.
ޓީސީން ވަނީ 2018 ވަނަ އަހަރު އޭއެފްސީ ކަޕްގެ ކޮލިފައިން ދެ ވަނަ ބުރުގައި ވާދަކޮށްފަ އެވެ. އެ ފަހަރު ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް އަތުން މޮޅުވި ނަމަވެސް ޕްލޭއޮފް ބުރުގައި ބެންގަލޫރު އަތުން ވަނީ ބަލިވެފަ އެވެ. ޓީސީ އަށް މިދިޔަ އަހަރު ލީގު ހޯދައިދިން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަކީ މިހާރު ސައިފްގެ ކޯޗެވެ.
މިދިޔަ އަހަރު ލީގު ޗެމްޕިއަންކަން ހޯދި ޓީސީ އަށް މި ފަހަރު ލީގުގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ. ލީގުގައި މިހާތަނަށް ޓީސީން ކުޅުނު ނުވަ މެޗުން އެ ޓީމަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އަށް ވަނީ 12 މެޗުން 29 ޕޮއިންޓް ލިބިފަ އެވެ. ޓީސީ މަދުން މެޗު ކުޅެފައިވަނީ ޝެއިހް ކަމާލް ކަޕްގައި އެ ޓީމު ވާދަކުރާތީ އެ ޓީމުގެ މެޗުތައް ފަސްކުރުމުންނެވެ.
ބޮޑު ބްރޭކަކަށް ފަހު މި ހަފްތާގައި ލީގުގެ ކުޅުން އަލުން ފަށާއިރު ޓީސީ މާދަމާރޭ ކުޅޭނީ ނިލަންދޫއާ ދެކޮޅަށެވެ.
ޓީސީން މިހާރު ނަތީޖާ ނެރެންޖެހޭ: ޝާޒްލީ
މާޒިޔާ ވަރުގަދަ އެކަމަކު ޓީސީ އަށް ފުރުސަތު އެބައޮތް
ޓީސީއާ މެދު ޝާޒްލީގެ ބޮޑު އުއްމީދެއް
ޓީސީއާ މެދު އަދިވެސް ޝާޒުގެ "ހިތްހެވެއް" ނޫން؟
ޓީސީ އަށް ވުރެ ގްރީން ސްޓްރީޓްސް ވަރުގަދަ: ޝާޒް
ވެލެންސިއާ އަކީ ލީގުގެ އެންމެ ވަރުގަދަ ޓީމު: ޝާޒް
ޒުވާން ކުޅުންތެރިންނާ އެކު ޝާޒް ޗެލެންޖަކަށް
ޓީސީގެ ޓާގެޓް ތަށްޓަށް: ޝާޒްލީ
ޓީސީ އާއި މާޒިޔާ އަށް އޮތީ ކިހާވަރެއްގެ ފުރުސަތެއް؟
ބޮޑު މޮޅަކާ އެކު ޓީސީން ލީގު ނިންމާލައިފި