Roadha Mihaaru
ޓީސީއާ މެދު އަދިވެސް ޝާޒުގެ "ހިތްހެވެއް" ނޫން؟

ޓީސީއާ މެދު އަދިވެސް ޝާޒުގެ "ހިތްހެވެއް" ނޫން؟

20 ޑިސެމްބަރ 2021

މިދިޔަ ސީޒަންގައި ޓީސީގެ ކޯޗުކަމުން ހީނުކުރާ ކަހަލަގޮތަކަށް މުހައްމަދު ޝާޒްލީ (ޝާޒް) އިސްތިއުފާ ދޭން ޖެހުމުން، އޭނާއާ ޓީސީއާ ދެމެދު ނުތަނަވަސްކަން އުފެދުނެވެ. އޭރު ޖެހުނު މައްސަލަތަކުން "ރޯވި އަލިފާން" އެ ގޮތުގައި އަދިވެސް އަނދަމުންދާ ކަމަށް ބެލެވެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިދިޔަ ސީޒަންގައި ޓީސީގެ ކޯޗުކަމުން ހީނުކުރާ ކަހަލަގޮތަކަށް މުހައްމަދު ޝާޒްލީ (ޝާޒް) އިސްތިއުފާ ދޭން ޖެހުމުން، އޭނާއާ ޓީސީއާ ދެމެދު ނުތަނަވަސްކަން އުފެދުނެވެ. އޭރު ޖެހުނު މައްސަލަތަކުން "ރޯވި އަލިފާން" އެ ގޮތުގައި އަދިވެސް އަނދަމުންދާ ކަމަށް ބެލެވެ އެވެ.

ޓީސީގެ ކޯޗުކަމުން ޝާޒް އިސްތިއުފާ ދޭން ޖެހުނީ އެޓީމުން ރަނގަޅު ނަތީޖާތަކެއް ވެސް ނެރެމުން ދިޔަ ދަނޑިވަޅެއްގަ އެވެ. ޓީސީގެ ކޯޗުކަމުން ވަކިވިތާ 48 ގަޑިއިރު ފަހުން، އީގަލްސްގެ ކޯޗުގެ ގޮތުގައި މީޑިއާގެ ކުރިމައްޗަށް އެނބުރި އައިސް ޝާޒް ބުނެފައި ވަނީ، ޓީސީގައި އޭނާއާ ކުރިމަތިލާން ޖެހުނު ކަންކަން އެންމެ މުނާސަބު ވަގުތުގައި ހާމަކުރާނެ ކަމަށެވެ.

ޕްރެޒިޑެންޓް ކަޕްގައި އީގަލްސް ކުޅޭ ފުރަތަމަ މެޗުގައި މިރޭ، ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. ޓީސީގެ މެނޭޖްމެންޓާ ޝާޒްއާ އޮތް ގުޅުމުގެ ހާލަތާ ބެހޭގޮތުން ސުވާލުކުރުމުން އެކަމާ ބެހޭގޮތުން ސާފު ޖަވާބެއް ޝާޒް ނުދެ އެވެ.

"ސީދާ ސުވާލަށް ޖަވާބު ދެންޏާ ބުނާނީ އެހާ ބޮޑު ގުޅުމެއް ނީންނާނޭ. ސަބަބަކީ މިއީ މިހާރު އީގަލްސްގެ ކޯޗު ކަމަށްވާތީ،" ޓީސީގެ ހިންގުންތެރިންނާ އޭނާއާ އޮތް ގުޅުން ރަނގަޅުތޯ ކުރި ސުވާލަށް ސީދާ ޖަވާބު ނުދީ ޝާޒް ބުންޏެވެ.

ރާއްޖޭގައި ކޯޗުން، ކްލަބް ބަދަލު ކުރިއަސް ނުވަތަ ކޯޗުކަމުން ވަކި ކުރިއަސް އެ ކޯޗަކާ އެކު އެ ކްލަބެއް ހިންގަން ތިބޭ މީހުން، ފަހުން ވެސް އެކުގައި އުޅޭ މަންޒަރު ފެނެ އެވެ.

ޓީސީގެ މިހާރު ކޯޗު މުހައްމަދު ނިޒާމް، މިދިޔަ ސީޒަންގައި މާޒިޔާގެ ކޯޗުކަމުން ވެސް އިސްތިއުފާ ދޭން ޖެހުނީ އެ ޓީމުގެ ނަތީޖާތައް ރަނގަޅު ދުވަސްވަރެއްގަ އެވެ. އެކަމަކު ފަހުން ނިޒާމް ބުނެފައި ވަނީ މާޒިޔާ ހިންގުންތެރިންނާ އޭނާއާ އޮންނަ ގުޅުން ރަނގަޅު ކަމަށެވެ.

ޝާޒް އާއި ޓީސީއާ އޭރު ޖެހުނު މައްސަލަތަކަށް އަދިވެސް ފިނިކަމެއް ނާދެ އެވެ. ޓީސީއާ ދެކޮޅަށް މިރޭ ނުކުންނަ މެޗަށް އީގަލްސް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ޝާޒް ބުންޏެވެ. އެކަމަކު މުޅި ސީޒަނަށް ތައްޔާރުވުމުގައި އެހެން ކްލަބްތަކަށް ދިމާވި މައްސަލަތައް އީގަލްސް އަށް ވެސް ކުރިމަތިވި އެވެ.

"ޕްރެޒިޑެންޓް ކަޕް ކަހަލަ މުބާރާތަކަށް ނުކުންނަން ބަލާއިރު އެންމެ ހިތްހަމަ ޖެހޭ ގޮތަކަށް ނޫން ތައްޔާރީތައް ހުރީކީ. އެހެން ނަމަވެސް ވެވުނު އެންމެ ރަނގަޅަކަށް ތައްޔާރުވެ ޕްރެޒިޑެންޓް ކަޕްގައި ވެސް ރަނގަޅު ނަތީޖާ އަކަށް އުންމީދު މިކުރަނީ،" ޝާޒް ބުންޏެވެ.

"ޓްރޭނިންތައް ލަހުން ފެށުމުގެ މައްސަލަތައް މިހުރީ. ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ހުންނަ ފަހަރު ވަރަށް މަދުވާނެ."

ޓީސީ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.