09 މާޗް 2020
އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގެ ކްލަބްތަކުން އޭއެފްސީ ކަޕުގައި ވާދަކުރައިރު މި ދިމާވީ ރަނގަޅު ގޮތެކެވެ. ގްރޫޕް ސްޓޭޖުން ރާއްޖޭގެ ދެ ޓީމަކަށް ފުރުސަތު ލިބުނީ އެވެ. ގްރޫޕް ސްޓޭޖުން ސީދާ ފުރުސަތު ލިބުނު ޓީސީ ސްޕޯޓްސް ކްލަބާއި ޕްރިލިމިނަރީ ބުރާއި ޕްލޭއޮފުން ކުރި ހޯދައި ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދި މާޒިޔާ އެވެ. އެހެންވެ ގްރޫޕުގެ އެއް ވަނަ ހޯދައި އިންޓަ ޒޯނަލް ސެމީ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ރާއްޖެ އަށް މި ފަހަރު ވަރަށް ބޮޑެވެ.
އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގެ ކްލަބްތަކުން އޭއެފްސީ ކަޕުގައި ވާދަކުރައިރު މި ދިމާވީ ރަނގަޅު ގޮތެކެވެ. ގްރޫޕް ސްޓޭޖުން ރާއްޖޭގެ ދެ ޓީމަކަށް ފުރުސަތު ލިބުނީ އެވެ. ގްރޫޕް ސްޓޭޖުން ސީދާ ފުރުސަތު ލިބުނު ޓީސީ ސްޕޯޓްސް ކްލަބާއި ޕްރިލިމިނަރީ ބުރާއި ޕްލޭއޮފުން ކުރި ހޯދައި ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދި މާޒިޔާ އެވެ. އެހެންވެ ގްރޫޕުގެ އެއް ވަނަ ހޯދައި އިންޓަ ޒޯނަލް ސެމީ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ރާއްޖެ އަށް މި ފަހަރު ވަރަށް ބޮޑެވެ.
ބުދަ ދުވަހު ފަށާ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ދެ ޓީމާ ވާދަކުރާނީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އެފްސީ އާއި ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. މި ދެ ޓީމަކީ ސަރަހައްދުގައި ރާއްޖޭގެ ޓީމުތަކަށް އާއްމުކޮށް އެންމެ އުނދަގޫކުރާ އިންޑިއާގެ ބެންގަލޫރު އެފްސީއާ ބަލާއިރު ނިސްބަތުން އާދައިގެ ދެ ޓީމެވެ. އެހެންވެ މާޒިޔާ އިން ޕްލޭއޮފުން، ބެންގަލޫރު ކަޓުވާލި ކަޓުވާލުމަކީ ސެމީ އަށް ދިއުމަށް ކޮށުނު މުހިއްމު މަގެކެވެ.
ޗެންނާއީއޭ ބުނެފި ނަމަ ގިނަ ދިވެހިންގެ ހިތަށް ވަންނާނީ އިންޑިއަން ސުޕަ ލީގުގައި ވާދަކުރާ ގަދަފަދަ ޗެންނާއިން އެފްސީ އެވެ. އެކަމަކު ޗެންނާއީ ސިޓީ އެފްސީ އަކީ މުޅިން ތަފާތު ޓީމެކެވެ. ކޮއިންބަތޫރުގައި ގާއިމްވެފައިވާ މި ޓީމު އޭއެފްސީ ކަޕުން ޖާގަ ހޯދީ މިދިޔަ ސީޒަނުގެ އައި ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. އެ ޓީމުން އައި ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް މިދިޔަ ސީޒަނުގައި އީސްޓް ބެންގޯލް ފަހަތަށް ޖައްސާލުމަށް ފަހު އެވެ. އައި ލީގަކީ އިންޑިއާގެ އެންމެ މަތީ ޑިވިޝަން ކަމަށްވިޔަސް، ސުޕަ ލީގު އައުމާ އެކު އެއީ ނުރަސްމީކޮށް ދެ ވަނަ ފަންތި އެވެ.
މިހާރު ކުރިއަށްދާ މި ސީޒަނުގެ އައި ލީގުގައި 15 މެޗަށް ފަހު ޗެންނާއީ އޮތީ 20 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި 15 މެޗުން 36 ޕޮއިންޓް ހޯދާފައިވާ މޯހަން ބަގާންއާ ދެމެދު 16 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ޗެންނާއީ އެންމެ ފަހުން ކުޅުނު މެޗުގައި ބުރާސްފަތި ދުވަހު ވަނީ ރަށުން ބޭރުގައި މޯހަން ބަގާންއާ 1-1 އިން އެއްވަރުކޮށްފަ އެވެ. ޗެންނާއީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ރަށުން ބޭރުގައި އިންޑިއަން އެރޯސް އަތުން 2-0 އިންނެވެ. އޭގެ ކުރިން އައިޒޯލްއާ 1-1 އިން އަދި ޓިޑިމް ރޯޑް އެތުލެޓިކް ޔޫނިއަންއާ 0-0 އިން އެއްވަރުވިއިރު އޭގެ ކުރީ މެޗުން ގޯކުލާމް އަތުން 1-0 އިން ބަލިވީ އެވެ.
ސިންގަޕޫރުގެ އަކްބަރް ނަވާސް ކޯޗުކޮށްދޭ ޗެންނާއީ ޓީމުގައި ހުރި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ޖަޕާނުގެ މިޑްފީލްޑަރު ކަޓްސޫމީ ޔޫސާ އެވެ. އޭނާ ވަނީ 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭއޮފް ބުރުގައި ރާއްޖޭގެ ވެލެންސިއާ ކަޓުވާލި މޯހަން ބަގާން ޓީމަށް ކުޅެފަ އެވެ. ބިދޭސީ އެހެން ކުޅުންތެރިންނަށް ބަލާއިރު ގޯލްކީޕަރު ސްޕެއިނުގެ ނޯޒެޓް ސަންޓާނާ އާއި ޑިފެންޑަރު ސްޕެއިނުގެ ރޮބާޓޯ އެސްލާވާ އަދި މިޑްފީލްޑަރު ސްޕެއިނުގެ ފިޓޯ ފާހަގަކުރެވެ އެވެ. އިންޑިއާ ކުޅުންތެރިންގެ ތެރޭގައި އެ ގައުމުގެ ގައުމީ ޓީމުގެ އެއްވެސް ކުޅުންތެރިޔަ ޗެންނާއީގައި ނުހިމެނެ އެވެ.
ގްރޫޕުގައި ދެން ހިމެނޭ ބަންގްލަދޭޝްގެ ބަޝުންދުރާ އަކީ އެ ގައުމުގައި އެންމެ އަރަމުން އަންނަ ޓީމެވެ. އެ ޓީމުން މި އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދީ މިދިޔަ ސީޒަނުގެ ބަންގްލަދޭޝް ޕްރިމިއާ ލީގުގައި ޑާކާ އަބަހާނީ ލިމިޓެޑް ފަހަތަށް ޖައްސާލައި ޗެމްޕިއަންކަން ހޯދައިގެންނެވެ. އެއީ އެ ޓީމު ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ އަހަރު ވެސް މެ އެވެ. މިހާރު ކުރިއަށްދާ މި ސީޒަނުގެ ލީގުގައި އެ ޓީމު އޮތީ ފުރަތަމަ ފަސް މެޗަށް ފަހު ފަސް ވަނައިގަ އެވެ. އެކަމަކު އެ ޓީމުން ވަނީ ތާވަލުގެ ކުރީގައި އޮތް ހަތަރު ޓީމާ އެއްވަރަށް، 10 ޕޮއިންޓް ހޯދައިފަ އެވެ. އެ ފަސް ޓީމު ފަރަގުކުރަނީ ލަނޑުގެ ތަފާތުންނެވެ.
ބަޝުންދްރާ އެންމެ ފަހުން ކުޅުނު މެޗުން ހޮނިހިރު ދުވަހު ވަނީ ރަށުން ބޭރުގައި މުހައްމަދީން ޑާކާ އަތުން 1-0 އިން ބަލިވެފަ އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ނަތީޖާތައް ރަނގަޅެވެ. އެގޮތުން ރަށުން ބޭރުގައި ރަހްމަތްގޮންޖް އަތުން 2-1 އިން، ބްރަދާސް ޔޫނިއަން އަތުން 3-2 އިން އަދި އަމިއްލަ ދަނޑުގައި ބަރިދަރާ އަތުން 1-0 އިން މޮޅުވި އެވެ. އަދި ރަށުން ބޭރުގައި ބަންގްލަދޭޝް ޕޮލިސްއާ 1-1 އިން އެއްވަރުވެ އެވެ.
ބަޝުންދުރާގެ ކޯޗަކީ ރާއްޖޭގެ ފުޓްބޯޅައިން ފަހަކަށް އައިސް ފެނުނު އެންމެ ކާމިޔާބު އެއް ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޯން އެވެ. ނިއު ރޭޑިއަންޓަށް 2017 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ގައުމީ މުބާރާތް އަދި 2018 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކޮށްދިން ކޯޗު ވަނީ އެ އަހަރުގެ އޭއެފްސީ ކަޕުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ގްރޫޕުގެ އެއް ވަނަ ހޯދައި އިންޓަ ޒޯނަލް ސެމީ އަށް ދިއުމަށް ހުރަސް އެޅުނީ ފަހު މެޗުން އިންޑިއާގެ އައިޒޯލް އަތުން ބަލިވުމުންނެވެ.
މާލީ ގެއްލުމުގެ ބަދަލު އޭއެފްސީން ނުދިން!
އޭއެފްސީ ކަޕް ކެންސަލްކޮށްފާނެ ކަމަށް ބެލެވޭ: ބައްސާމް
އޭޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް ގަލޮޅު ދަނޑުގައި
އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް ރާއްޖޭގައި
އޭއެފްސީ ކަޕް މެޗުތައް ބާއްވަން ރާއްޖޭން ބިޑްކޮށްފި
އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް މެޗުތައް އެއް ދަނޑެއްގައި
އޭއެފްސީ ކަޕްގެ މެޗުތައް އެއް ދަނޑެއްގައި؟
ކޮވިޑް-19: އޭއެފްސީ ކަޕްގެ މެޗުތައް ފަސްކޮށްފި
ޓީސީން ޗެމްޕިއަން މާޒިޔާ ހުއްޓުވައިފި
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި