Roadha Mihaaru
އޭޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް ގަލޮޅު ދަނޑުގައި

އޭޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް ގަލޮޅު ދަނޑުގައި

12 އޯގަސްޓް 2020

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް އޮކްޓޫބަރުގައި ރާއްޖޭގައި ބާއްވާއިރު ހުރިހާ މެޗުތަކެއް ގަލޮޅު ދަނޑުގައި ބާއްވަން ނިންމައި ފައިނަލް މެޗު ޝެޑިއުލް އާންމުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް އޮކްޓޫބަރުގައި ރާއްޖޭގައި ބާއްވާއިރު ހުރިހާ މެޗުތަކެއް ގަލޮޅު ދަނޑުގައި ބާއްވަން ނިންމައި ފައިނަލް މެޗު ޝެޑިއުލް އާންމުކޮށްފި އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އީގެ މެޗުތައް ހޯސްޓް ކުރުމުގެ ބިޑް ރާއްޖޭން ކާމިޔާބުކުރިއިރު މެޗުތައް ކުޅެން ހަމަޖެއްސީ ގަލޮޅު ދަނޑުގެ އިތުރުން އައްޑޫ ޒޯން ސްޓޭޑިއަމް އެވެ. އެއީ ފަހު ބުރުގެ ދެ މެޗު އެއް ގަޑިއެއްގައި ކުޅެން ޖެހުމުންނެވެ. އެކަމަކު އޭއެފްސީ އާއި އެފްއޭއެމުން ބޭއްވި މަޝްވަރާތަކަށް ފަހު މެޗުތައް ކުޅޭނީ ހަމައެކަނި ގަލޮޅު ދަނޑުގައި ކަމަށްވަނީ ކަނޑައަޅައިފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ އެއް ސްޓޭޑިއަމެއްގައި ހުރިހާ މެޗެއް ކުރިއަށްގެންދަން އޭއެފްސީން ނިންމީ ވީހާވެސް ބޮޑަށް ދަތުރު ފަތުރު ކުރުމުގެ ކަންތައްތައް މަދުކުރުމުގެ ގޮތުން ކަމަށެވެ.

"އޭއެފްސީގެ އިތުރުން ކުޅޭ ޓީމުތަކުން ވެސް އެއްބަސްވާ އެންމެ ބޮޑު ކަމަކީ ވީހާވެސް ބޮޑަށް ދަތުރު ފަތުރު މަދުކޮށް މެޗުތައް ކުރިއަށްގެންދިއުން. އެ ގޮތަށް އޭއެފްސީން ވެސް ވަރަށް ބޮޑަށް ބާރު އަޅާ. އެ ގޮތަށް ސަލާމަތީ ކަންތައްތަކަށް ވިސްނާފައި ނިންމީ މެޗުތައް ކުރިއަށްގެންދާނީ ގަލޮޅު ދަނޑުގައި އެކަނި ކަމަށް،" ޖަވާ ވިދާޅުވި އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު ވާދަކުރަމުން އަންނަނީ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ. އިންޓަ ޒޯން ސެމީ ފައިނަަލަށް މިތަނުން ދަތުރުކުރާނީ ކޮންމެވެސް އެއް ޓީމެކެވެ. ރާއްޖޭގައި މި މެޗުތައް ބޭއްވުމުން ދިވެހި ޓީމަކަށް އެ ފުރުސަތު ލިބުމުގެ އުއްމީދު ބޮޑު ކަމަށް ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެ އެވެ.

އޭއެފްސީ ކަޕް މާޗް މަހު މެދުކަނޑާލުމުގެ ކުރިން ކުޅެވުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު މާޒިޔާ އާއި ޗެންނާއީ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ޓީސީ ވަނީ ބަޝުންދުރާ ކިންގްސް އަތުން 5-1 އިން ބަލިވެފަ އެވެ. މާލޭގައި މެޗުތައް ކުޅެން ހަމަޖެހިފައިވާ ދެ ގަޑި އަކީ 15:30 އަދި 21:30 އެވެ.

އެފްއޭއެމާއި ސްޕޯޓްސް މިނިސްޓްރީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ދާދި ފަހުން ވަނީ އޭއެފްސީ ކަޕްގެ މެޗުތައް ހޯސްޓް ކުރުމުގައި އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ. ޖަވާ ވިދާޅުވީ އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު އެޗްޕީއޭ ވެސް އޮތީ މިކަމަށް ވީ އެންމެ ބޮޑަށް އެހީތެރިވާން ތައްޔާރަަށް ކަމަށެވެ.

"އެޗްޕީއޭ އިން ވެސް އޮތީ މި ކަމާ މެދު ވަރަށް ޕޮޒިޓިވް ވިސްނުމެއް. ދެން މީގަައި އޮތް އެންމެ ބޮޑު ދަތިކަމަކީ ކުރިއަށް އޮތްތަނުގައި ވެސް ވާނެ ގޮތެއް ސީދާ ބުނަން ނޭނގުން. އެ ގޮތަށް ބަލާއިރު އެޗްޕީއޭ އަށް ވެސް އުނދަގޫ ކަންތައްތަކެއް ހުރެދާނެ. ޖުމްލަކޮށް ބަލާއިރު މެޗުތައް ހޯސްޓް ކުރަން އެޗްޕީއޭއާ ހިޔާލު ތަފާތުވުމެއް ނެތް،" ޖަވާ ވިދާޅުވި އެވެ.

އޭއެފްސީ ކަޕްގެ މެޗުތައް ހޯސްޓްކުރާއިރު އިންތިޒާމުތައް ހަމަޖައްސަން އޭއެފްސީގެ ބޮޑު މާލީ އެހީތެރިކަމެއް ލިބެ އެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ސިއްހީ ކަންތައްތައް ހަމަޖައްސަން ވެސް ވަނީ ފައިސާގެ އެހީތެރިކަން ދީފަ އެވެ. މިހާރު އިންތިޒާމްތައް ހުރި ގޮތުން އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން އަންނަ އިންޑިއާގެ ޗެންނާއީ ސިޓީ ޓީމާއި ބަންގްލަދޭޝްގެ ބަޝުންދުރާ ޓީމު އެ ގައުމުން ރާއްޖެ އަންނަން ފުރާނީ ކޮވިޑް-19 އަށް ޓެސްޓްކޮށް އޭއެފްސީ އަށް އެ ޓެސްޓްގެ ނަތީޖާ ފޮނުވުމަށް ފަހު އެވެ.

މުބާރާތުގެ މެޗުތައް ހޯސްޓްކުރަން ހުޅުވާލުމުން ބަންގްލަދޭޝް އިން ވެސް ބިޑް ކުރުމުގެ ޝައުގުވެރިކަން ގެންގުޅުނެވެ. އެކަމަކު ރަސްމީކޮށް އެ ގައުމުގެ ސަރުކާރުން އެކަމަށް މާ ބޮޑަށް ބާރުނާޅާތީ ބިޑް ނުކުރީ އެވެ. އޭއެފްސީ ކަޕްގައި ކުޅޭ ބަޝުންދުރާ ޓީމުގެ އޮފިޝަލަކު އެ ގައުމުގެ މީޑިއާ އަށް ބުނީ ރާއްޖޭގައި މުބާރާތް ބޭއްވުމަކީ އެ ޓީމަށް ފަސޭހައެއް ކަމަށެވެ. ބަޝުންދުރާގެ ކޯޗަކީ ރާއްޖޭގެ ނިއު ރޭޑިއަންޓަށް އިރުޝާދުދިން ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން އެވެ. ދާދި ފަހުން ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް ފެށުމުގެ ކުރިން ކުރި ޓެސްޓްގައި ބަޝުންދުރާ އަށް ނިސްބަތްވާ ދެ ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ޖަވާ ވިދާޅުވީ އޭއެފްސީން އަންގާފައިވަނީ މެޗުތައް ކުޅޭ ގައުމެއްގެ ސިއްހީ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ދިއުމަށް ކަމަށެވެ.

"ވަރަށް ބޮޑު ފަސޭހައެއް ގޮތަށް މި އޮންނަނީ. ހަގީގަތުގައި އޭއެފްސީން މި އަންގަނީ އެ ގައުމެއްގެ ލޯކަލް ގައިޑްލައިންތައް ފޮލޯކުރަން. އެހެންވީމަ މި ގައުމަށް އައީމަ ސިއްހީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް މި ދަނީ އެޗްޕީއޭގެ ދަށަށް. ހަގީގަތުގައި އެޗްޕީއޭއާ އެންމެ ބޮޑަށް މަޝްވަރާކުރި ސަބަބަކީ ވެސް މިއީ،" ޖަވާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު ކުޅިވަރު ހަރަކާތްތައް ކުރިއަށް ނުގެންދަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ދިން ލަފަޔާ އެއްގޮތަށް ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް މެދުކަނޑާލައިފަ އެވެ. އެޗްއީއޯސީގެ މި އެންގުމުގެ ސަބަބުން އޭއެފްސީ ކަޕަށް މި މަހުގެ ތެރޭގައި ޕްރެކްޓިސް ފަށަން މާޒިޔާ އާއި ޓީސީން ކުރާ މަސައްކަތަށް ވެސް އޮތީ ހުއްޓުމެއް އައިސްފަ އެވެ. "މިހާރަ"ށް އެނގިފައިވާ ހާއްސަ ގައިޑްލައިންތަކެއްގެ ތެރެއިން ގައުމީ ޓީމާއި އޭއެފްސީ ކަޕްގައި ކުޅޭ ދެ ޓީމު ޕްރެކްޓިސްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ހޯދަން އެފްއޭއެމްގެ ފަރާތުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އަންނަ އޮކްޓޫބަރު މަހު 23 އިން ނޮވެމްބަރު ހަތަރަކާ ދެމެދު އޭއެފްސީ ކަޕްގެ މެޗުތައް ބާއްވަން ތާވަލުކޮށްފައިވާއިރު މުބާރާތަށް އަލުން ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޭއެފްސީން ވަނީ ދީފަ އެވެ. މިއާ އެކު ޓީމުތަކުގެ ކުޅުންތެރިންގެ އިތުރުން ކޯޗުންނަށް ވެސް ބަދަލު އަންނާނެ ކަމަށް ބެލެވެ އެވެ. އޭއެފްސީ ކަޕްގައި މާޒިޔާ އަށް އިރުޝާދުދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީގެ ބަދަލުގައި ދެން އެ ޓީމު ބެންޗުން ފެންނާނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.