28 ޖެނުއަރީ 2020
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާއާ ލަނޑެއް ނުޖެހި އެއްވަރުކޮށްފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާއާ ލަނޑެއް ނުޖެހި އެއްވަރުކޮށްފި އެވެ.
މި ނަތީޖާއާ އެކު މާޒިޔާގެ މޮޅުވުމުގެ ސިލްސިލާ އަށް ވަނީ ނިމުމެއް އައިސްފަ އެވެ. މި މެޗުގެ ކުރިން މާޒިޔާ އިން ކުޅުނު ނުވަ މެޗުން ވަނީ މޮޅުވެފަ އެވެ. އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅުމުގެ ކުރިން މިރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު މާޒިޔާ އެއް ވަނައިގައި އޮތީ 20 މެޗުން 51 ޕޮއިންޓާ އެކު އެވެ.
މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނާނެ ކަމަށާއި މާޒިޔާގެ މޮޅުވުމުގެ ރެކޯޑް މި ހިސާބުން ނިމުނު ކަމުގައި ވިޔަސް މެޗުން އެ ޓީމަށް ތިން ޕޮއިންޓް ނުލިބުނީ ނަސީބު ވެސް އެހީނުވުމުން ކަމަށާއި ކުޅުންތެރިންގެ މަސައްކަތް ފާހަގަކުރާ ކަމަށެވެ. މިރޭގެ މެޗުގެ ރެފްރީ އަބްދުﷲ ޝާތިރުގެ ނިންމުންތަކާ މެދު މާޒިޔާ އިން ވަރަށް ބޮޑަށް ހިތްހަަަމަނުޖެހުނެވެ. އަދި މާޒިޔާގެ ކޯޗު ސެކުލޮސްކީ އެޕީލްކުރި ވަގުތެއްގައި އޭނާ އަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ. ރެފްރީގެ ނިންމުންތަކާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް އިޝާރާތްކޮށް ސެކުލޮސްކީ ބުނީ ހަގީގަތަށް ހުރިހާ ވާހަކައެއް ނުދެއްކިޔަސް ކަން ހިނގައިދިޔަ ގޮތް ނޫސްވެރިންނަށް ވެސް އެނގޭނެ ކަމަށެވެ.
"ފުޓްބޯޅައިގައި ބަލިވެސް އަދި މޮޅުވެސް ވާނެ. އެކަމަކު އެންމެ މުހިއްމު ކަމަކީ އިހުތިރާމާއި ފެއާ ޕްލޭ. ހިތާމައާ އެކު އަހަންނަށް ބުނެވޭނީ މި މެޗުގައި އެ ދެކަންތައް ވެސް ނެތޭ. އަހަރެން ދައްކާން އޮތް ވާހަކަ އަކީ މިއީ،" ސެކުލޮސްކީ ބުންޏެވެ.
މެޗު ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭ މާޒިޔާ އިން ވަނީ ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ދެ ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ. ޓީސީ އަށް މެޗުގައި ލީޑުނަގައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިޝާން އިބްރާހިމް (ސައްޓު) އަށެވެ. އިސްމާއިލް އީސަ (މެސީ) ހުސްކޮށްލާފައި ސައްޓު އަށް ޖައްސާލި ބޯޅަ ފޮނުވާލުމުން މާޒިޔާ ގޯލުގައި ހުރި އަފްގާނިސްތާން ކީޕަރު އޮވޭސް އަޒީޒީ ވަނީ މަތަކޮށްފަ އެވެ.
މާޒިޔާ އިން މެޗަށް ނުކުތް ރޭވުމުގައި ކުރިއަށް ދިއުމުގައި އުނދަގޫތަކެއް ދިމާވީ މެޗުގެ 25 ވަަނަ މިނިޓްގައި އެ ޓީމުގެ އިއްބެ އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުންނެވެ. އިއްބެގެ ފަލަމަސްގަނޑަށް އަނިޔާވުމުން ބަދަލުގައި ކުޅެން އެރީ ހުސެއިން ނިހާން (ނިހާޓް) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އަށް ލަނޑެއް ޖަހައިދޭން ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި ސާބިއާގެ ޑިފެންޑަރު ޕީޓާ ޕެލަނިޗަށް ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ޕެލަނިޗް ބޮލުން ޖެހި ބޯޅަ ޓީސީގެ ގޯލްކީޕަރު ޕާކިސްތާންގެ ކީޕަރު ހަނީފް ސާގިބް މަތަކުރިއިރު، ކޯނޭ ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.
ފުރަތަމަ ހާފުގެ މެދުތެރެއިން ފަޔަށް ލިބުނު އަނިޔާއަކަށް ހާފުގެ ކުޅުން ނިމުމުން ދަނޑުމަތީގައި ޓީސީގެ އީސަ ވެސް ވަނީ ފަރުވާ ހޯދައިފަ އެވެ. އެހެން ނަމަވެސް ޓީސީން ދެ ވަނަ ހާފް ފެށީ އީސަ ހިމަނައިގެންނެވެ. ދެ ވަނަ ހާފުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ވެސް ޓީސީންނެވެ. އެ ޓީމުގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ޖެހި ބާރު ބޯޅަ ކީޕަރު އަޒީޒީ ވަނީ ހުއްޓުވައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން މާޒިޔާ އަށް ދެ ވަނަ ހާފްގައި ލިބުނު ފުރަތަމަ ފުރުސަތު ލިބުނީ ހަމްޒާ މުހައްމަދު (ހަމްޕު) އަށެވެ. ކޯނޭ ހުސްކޮށްލާފައި ދިން ބޯޅަ ހަމްޒާ ހަމަޖެހިލާފައި ފޮނުވާލުމުން ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މާޒިޔާ އިން މެޗުގެ 72 ވަނަ މިނިޓްގައި ލަނޑު ޖެހުމާ ގާތަށް ޖެހިލި އެވެ. ހަމްޕު ޖެހި ބޯޅައެއް ޓީސީގެ ޑިފެންޑަރެއް ފައިގައި ޖެހިފައި ދަނޑި އަށް އަމާޒުވިއިރު، އެ ބޯޅަ ދެ ވަނަ ފަހަރަށް ލިބުމުން އިބްރާހިމް އައިސަމް އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގާތްގާތުގައި ފޮނުވާލި ދެ ބޯޅަ ވެސް ކީޕަރު ސާގިބް ވަނީ ހުއްޓުވައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެފައި އައިސަމް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
މެޗުން މޮޅުވާން ޓީސީ އަށް ވެސް ފަހުން ފުރުސަތެއް ލިބުނެވެ. މާޒިޔާގެ އޭރިއާތެރެއިން ސައްޓު ހުސްކޮށްލާފައި އީސަ އަށް ދިން ބޯޅަ އޭނަ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ.
މި މެޗުން މޮޅުނުވެވުމުން ޓީސީ އަށް ދެ ވަނައިގައި ލީގު ނިންމަން ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ލީގުގެ ދެ ވަނައިގައި މި ވަގުތު އީގަލްސް އޮތީ 19 މެޗުން 39 ޕޮއިންޓާ އެކު އެވެ. ޓީސީ އަށް 20 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. މާދަމާ ހަވީރު ދަ ގްރާންޑޭ އަތުން މޮޅުވެގެން އީގަލްސް އަށް ދެ ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކުރެވޭނެ އެވެ.
ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މާޒިޔާއާ ދެކޮޅަށް ނުކުތީ ތިން ޕޮއިންޓަށް ޓާގެޓް ކޮށްގެން ކަމަށާއި އެކަން ނުވުމުން ނަތީޖާއާ މެދު އެންމެ ހިތްހަމަޖެހެވެން ނެތް ކަމަށެވެ. އަދި ޓީސީން އެންމެ ފަހު ވަގުތާ ޖެހެންދެން ދެ ވަަނަ އަށް އަރަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޝާޒް ބުންޏެވެ.
ޓީސީ އާއި މާޒިޔާ އަށް އޮތީ ކިހާވަރެއްގެ ފުރުސަތެއް؟
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
މާޒިޔާ އަށް އެއް ވަނައިގައި 14 ޕޮއިންޓުގެ ލީޑެއް
މާޒިޔާ ވަރުގަދަ އެކަމަކު ޓީސީ އަށް ފުރުސަތު އެބައޮތް
ޗެމްޕިއަން ޓީސީ ބަލިކޮށް މާޒިޔާ ދެ ވަނަ އަށް
ބޮޑު މެޗުގެ ކުރިން އާތީގެ ތައުރީފު މާޒިޔާ އަށް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު