03 ޖުލައި 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު މާޒިޔާއާ ދެކޮޅަށް، މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމު ޓީސީ ސްޕޯޓްސް ކްލަބް ނުކުންނައިރު، އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) މާޒިޔާ އަށް ތައުރީފް ކޮށްފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު މާޒިޔާއާ ދެކޮޅަށް، މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމު ޓީސީ ސްޕޯޓްސް ކްލަބް ނުކުންނައިރު، އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) މާޒިޔާ އަށް ތައުރީފް ކޮށްފި އެވެ.
މި ފަހަރުގެ ފުޓްބޯޅަ ސީޒަނަށް އެންމެ ފުރަތަމަ ޕްރެކްޓިސް ފަށައި އދ. މަހިބަދޫ އާއި ސައޫދީ އަރަބިޔާގައި މާޒިޔާ އިން ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރި އެވެ. އޭގެ ތެރެއިން ސައޫދީގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕަކީ އެފްއޭއެމުން ދިން ދަތުރެކެވެ. ޓީސީ އަށް ވެސް އެފްއޭއެމުން ވަނީ ޓްރެއިނިން ކޭމްޕެއް ހަމަޖައްސައި ދީފަ އެވެ. ޓީސީން ޓްރެއިނިން ކޭމްޕް ދާން ނިންމީ މި މަހު ލިބޭ ލީގުގެ ބްރޭކްގަ އެވެ.
މާދަމާގެ މެޗުގެ ކުރިން، އެފްއޭއެމް ހައުސްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ބުނީ، ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވާންޖެހޭ ގޮތަށް އެކަން ކުރި ބަޔަކީ މާޒިޔާ ކަމަށާއި އެހެން ޓީމުތަކުން މާޒިޔާގެ ކިބައިން މިސާލު ނަގަން ޖެހޭ ކަމަށެވެ.
"އަހަރެން ވިސްނާ ގޮތުގައި ލީގު ލިބެން ޖެހޭނީ އެ މީހުންނަށް (މާޒިޔާ) އަށް. މި ބުނަނީ އެހެން ޓީމުތަކަށް ލީގު ނުނެގޭނެއެކޭ ވެސް ނޫން. ޓީސީ ނުނަގާނަމެކޭ ވެސް ނޫން. މާޒިޔާގެ ތައްޔާރީތައް ފެނިފައި އަހަރެންގެ ހިތަށް އަރާ ރާއްޖޭގެ ހުރިހާ ޓީމެއް މި ލެވެލްގައި ތައްޔާރުވާ ނަމައޭ. އެއީ ރާއްޖޭގެ ފުޓްބޯޅަ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. މާޒިޔާ ނަމޫނާ އަކަށް ބަލަންޖެހޭ،" މާޒިޔާއާ ބެހޭގޮތުން އާތީ ބުންޏެވެ.
އޭނާ ބުނިގޮތުގައި، ބައެއް ފަހަރު ހާލަތު ކުރިމަތިވާ ގޮތުން އެންމެ ރަނގަޅަށް ތައްޔާރުވާ ޓީމަކަށް މުބާރާތްތަކުގައި ޗެމްޕިއަންކަން ނުލިބުމުގެ ފުރުސަތު އޮވެ އެވެ. ލީގުގައި އެންމެ ފަހުން މާޒިޔާ ކުޅުނު މެޗުގައި ށ. ފޯކައިދު އަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެ މެޗުގައި ފެނިގެންދިޔައީ މާޒިޔާގެ ލެވެލް ނޫން ކަމަށް އާތީ ބުންޏެވެ.
"ދަށް ދުވަހެއްގައި ކޮންމެ ކަހަލަ ގޮތަކަށް ކޮންމެ ޓީމެއްގެ އަތުން މެޗެއް ހިނގައިދާނެ. މިހެން ބުނާއިރު ފޯކައިދޫ ކުރި ހިތްވަރު ހަނދާން ނައްތާލައިގެން ނުވާނެ. މިއީ އެ ޓީމަށް ބުނި ބަދު ބަހެއް ވެސް ނޫން. ވަރަށް މަސައްކަތް ކޮށްގެން އެވަރު ވާނީ،" އާތީ ބުންޏެވެ.
މި ފަހަރުގެ ސީޒަނުގައި ޗެރިޓީ ޝީލްޑްގެ ދެ ލެގާ އެކު ޓީސީން މާދަމާ ހަތް ވަނަ މެޗަށް ނުކުންނައިރު، އަނެއް ކޮޅުން އެއީ މާޒިޔާ އަށް ހަތަރު ވަނަ މެޗެވެ. ޓީސީން އެންމެ ފަހުން ކުޅުނު ވަރުގަދަ މެޗުތަކަށް ބަލާއިރު އީގަލްސް އާއި ގްރީން ސްޓްރީޓްސް އަތުން ޕޮއިންޓް ހޯދީ ފަހު ވަގުތު ޖެހި ގޯލުތަކުންނެވެ.
އާތީ ބުނީ މެޗުތަކުގައި ފަހަތުން އަރައި ހަމަކޮށް ޓީސީން ހިތްވަރު ދެއްކި ނަމަވެސް އެކަން ހާސިލް ކުރެވެނީ ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ކަމަށާއި އޭގެ ސަބަބުން ވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
"އެ ވަރުގެ މަސައްކަތެއް ކުރެވޭނީ 200 ޕަސެންޓް ހިތްވަރު ލައިގެން. އެއީ ރިކަވަރީ އަށް ވަގުތު ނަގާނެ ކަމެއް. އެ ވަރަށް ބޮޑު މަސައްކަތެއް. އިރާދަކުރެއްވިއްޔާ ވަރަށް ރީތި ޓެކްޓިކަލް ފުޓްބޯޅައެއް މާޒިޔާ އާއި ޓީސީގެ މެޗުގައި ފެންނާނެ. ރަނގަޅު ފައިޓެއް ދީގެން ޓީސީން މޮޅުވެގެން ދަނޑުން ފޭބޭތޯ މަސައްކަތް ކުރާނީ،" ކުރިން ގައުމީ ފިރިހެން ޓީމާއި އަންހެން ޓީމުގައި ވެސް މަސައްކަތް ކުރި އާތީ ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މާޒިޔާ ކޯޗު ސެކުލޮސްކީ ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ ޓީސީ އަކީ ރާއްޖޭގެ ޗެމްޕިއަން ކަމަށާއި ޗެރިޓީ ޝީލްޑް ވެސް ކާމިޔާބު ކުރީ އެ ޓީމު ކަމަށް ވުމުން މިއީ ފަސޭހަވާނެ މެޗެކޭ ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި ޓީސީގައި ތިބި ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންނަށް ބަލާއިރު، ގައުމީ ޓީމުގައި ކުޅޭ ކުޅުންތެރިން އެބަތިބި ކަމަށާއި އެއީ އިތުރަށް ސަމާލުވާން ޖެހޭނެ ކަމަށް ސެކުލޮސްކީ ބުންޏެވެ.
"ޓީސީ އަކީ ވަރަށް ތަޖުރިބާކާރު ޓީމެއް. ޓީސީން ގިނަ މެޗުތަކެއް ކުޅެފި. ރަނގަޅު ފައިޓިން ސްޕިރިޓެއް އެބައޮތް. ވަރަށް ރަނގަޅަށް އަހަރެމެން ތައްޔާރުވާންޖެހޭ. ޓީސީ އަށް މި ކަހަލަ މެޗުތައް ކުޅެން ރަނގަޅަށް އެނގޭނެ،" ސެކުލޮސްކީ ބުންޏެވެ.
މިދިޔަ އަހަރު ޓީސީން ލީގު ކާމިޔާބުކުރިއިރު އެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި އިބްރާހިމް ވަހީދު (އިއްބެ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އަބްދުﷲ ހަނީފް (ބެންޖޯ) ހުރީ މާޒިޔާގަ އެވެ. ސެކުލޮސްކީ ބުނީ ޓީސީން ވަނީ އެ ޓީމު ދޫކޮށްދިޔަ ކުޅުންތެރިން ނެތްތަން ފޫބެއްދުމުގައި ރަނގަޅު މަސައްކަތެއް ކޮށްފައި ކަމަށެވެ.
"މިދިޔަ އަހަރާ އަޅާކިޔާއިރު ޓީސީ ޓީމު ތަފާތު. މާޒިޔާ ވެސް އަދި އެހެން ޓީމުތައް ވެސް ތަފާތު. ތެދެއް ޓީސީން ކާމިޔާބު ހޯދިއިރު ތިބި މުހިއްމު ކުޅުންތެރިން މާޒިޔާގައި އެބަތިބި. އެކަމަކު ޓީސީން ވަނީ އޭގެ ބަދަލުގައި ވެސް ނިސްބަތުން ރަނގަޅު ކުޅުންތެރިން ހޯދާފައި. ކުޅެނީ ކޮން ކުޅުންތެރިންނެއްތޯ މުހިއްމެއް ނޫން. މީގެ މުހިއްމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތް،" ސެކުލޮސްކީ ބުންޏެވެ.
އެންމެ ފަހުން ފޯކައިދުއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި ޓީސީ އަށް މަދުވީ ހަމައެކަނި ގޯލެކެވެ. އެ ޓީމުން ގިނަ އެޓޭކްތަކެއް ކުރިއިރު ފޯކައިދޫގެ ފަރާތުން ރަނގަޅު ޑިފެންސިވް ގޭމެއް ފެނުނެވެ. ސެކުލޮސްކީ ބުނީ ކޮންމެ މެޗެއް ވެސް ތަފާތު ވާނެ ކަމަށާއި ކޮންމެ ޓީމެއް ފޯކައިދޫ ކުޅުނު ސްޓައިލްގައި ނުވަ ކުޅުންތެރިންނާ އެކު ޑިފެންސްކޮށްގެން ކައުންޓައެޓޭކަށް ވިސްނައިގެން ނުކުޅޭނެ ކަމަށެވެ.
"ޓީސީން އެ ގޮތަށް (ފޯކައިދޫ ކުޅުނު ގޮތަށް) ކުޅޭކަށެއް މުހިއްމެއް ނޫން. އެއީ ޓީސީން ވެސް އަމިއްލަ ސްޓައިލެއް އޮންނާނެ. ވާދަވެރި ޓީމު ކުޅެން ޖެހޭނެ ގޮތެއް ބުނެ ނުދެވޭނެ. އެ މީހުންގެ ޕްލޭނާ ކުރިމަތިލާން ތައްޔާރުވުން އޮތީ،" މާޒިޔާ އަށް 2017 ވަނަ އަހަރު މާލޭ ލީގު ކާމިޔާބު ކޮށްދިން ސެކުލޮސްކީ ބުންޏެވެ.
އޭނާ ބުނިގޮތުގައި، ފޯކައިދޫ މެޗުގެ ކަންތައް ދިޔަ ގޮތުން، މާޒިޔާގެ ކުޅުންތެރިން އާދަޔާ ހިލާފު ރޫހެއްގައި ކުރިއަށް އޮތް މެޗުތަކަށް ތައްޔާރުވާނެ ކަމުގެ އުންމީދު އެބައޮތެވެ.
"އަހަރެންގެ ނަޒަރުގައި މި ކަހަލަ މެޗަކަށް (ފޯކައިދޫ މެޗު) ފަހު ކުޅުންތެރިން ހުންނާނީ މާ ބޮޑަށް ތައްޔާރުވެގެން. ކުޅުންތެރިން ބޭނުންވާނެ އެއީ ހަމައެކަނި ގޯސް ދުވަހެއްކަން ސާބިތުކޮށްދީ އެ ކުޅުންތެރިންގެ ފެންވަރު ދައްކާލަން. އެ މެޗަށް ވުރެ ކުރިއެރުން ފެންނާނެކަން އަހަންނަށް ޔަގީން،" ސެކުލޮސްކީ ބުންޏެވެ.
ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އޮތްއިރު، ދެ ވަނައިގައި އޮތް ޓީސީ އަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މާޒިޔާ އަށް ތިން މެޗުން ލިބުނީ ހަތް ޕޮއިންޓެވެ. ލީގުގައި މާދަމާ ހަވީރު ޓީސީ މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެ ވަނައިގައި ލީޑު ފުޅާކުރެވޭނެ އެވެ. އަދި މާޒިޔާ މޮޅުވެއްޖެ ނަމަ ލީގުގެ ދެ ވަނަ އަށް އެރޭނެ އެވެ.
ޓީސީ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.
ޓީސީ އާއި މާޒިޔާ އަށް އޮތީ ކިހާވަރެއްގެ ފުރުސަތެއް؟
ޓީސީން ޗެމްޕިއަން މާޒިޔާ ހުއްޓުވައިފި
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
މާޒިޔާ އަށް އެއް ވަނައިގައި 14 ޕޮއިންޓުގެ ލީޑެއް
މާޒިޔާ ވަރުގަދަ އެކަމަކު ޓީސީ އަށް ފުރުސަތު އެބައޮތް
ޗެމްޕިއަން ޓީސީ ބަލިކޮށް މާޒިޔާ ދެ ވަނަ އަށް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު