26 ޑިސެމްބަރ 2019
މާޒިޔާ އަކީ ލީގުގައި އެންމެ ވަރުގަދަކޮށް އޮތް ޓީމުކަން އެނގޭ ކަމަށާއި އެކަމަކު އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނައިރު އެންމެ ފަހުގެ ޗެމްޕިއަން ޓީސީ އަށް ވެސް ނަތީޖާ ނެރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
މާޒިޔާ އަކީ ލީގުގައި އެންމެ ވަރުގަދަކޮށް އޮތް ޓީމުކަން އެނގޭ ކަމަށާއި އެކަމަކު އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނައިރު އެންމެ ފަހުގެ ޗެމްޕިއަން ޓީސީ އަށް ވެސް ނަތީޖާ ނެރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 14 މެޗުން 35 ޕޮއިންޓާ އެކު އެވެ. ލީގުގައި އިއްޔެ ކުޅުނު މެޗުތަކަށް ފަހު ޓީސީ ވަނީ ހަތަރަކަށް ވެއްްޓިފަ އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 13 މެޗުން ވަނީ 24 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 14 މެޗުން ވަނީ 23 ޕޮއިންޓް ލިބިފަ އެވެ. ޓީސީ ހަތަރު ވަަނައިގައި އޮތީ 11 މެޗުން 11 މެޗުން 22 ޕޮއިންޓާ އެކު އެވެ. މިރޭ މާޒިޔާގެ މައްޗަށް ކުރިހޯދައިގެން ޓީސީ އަށް ދެ ވަނަ އަށް އެރޭނެ އެވެ.
ޓީސީގެ ކޯޗުކަމާ ޝާޒް ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ދެ މެޗުން ވަނީ ނިލަންދޫ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން މޮޅުވެފަ އެވެ. ޝާޒް ހަވާލުވުމާ ހަމައަށް، މާލީ ގޮތުން ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ޓީސީ އޮތީ ފަރިތަކުރުންތައް ހުއްޓާލައިގެންނެވެ. އެކަމަކު ޝާޒް ބުނީ މިހާރު ކުރިއާ އަޅާބަލާއިރު ކްލަބްގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.
"ޓީސީއާ އެކު ވަރަށް ބޮޑު އުއްމީދެއް އޮތް. ރަނގަޅު ޓީމެއް ބިނާކުރަން ޓީސީ އަށް އައީ. އިރާދަކުރެއްވީތީ ނަސީބު ވެސް ރަނގަޅު މާ ބޮޑު ފަރިތަކުރުންތަކެއް ވެސް ނެތި ޓީމާ އެކު މިހާ ހިސާބަށް ރަނގަޅު ރިޒަލްޓެއްގައި މިއޮތީ އައިސްފައި. ޓީސީގެ ރޫހު ވެސް ރަނގަޅުވެ ފޯމަކަށް ވެސް އެޅެމުން މި އަންނަނީ އެހެންވީމަ މިހާރުގެ ހާލަތަށް ބަލާއިރު ހަވާލުވިއިރަށް ވުރެން މާ ބޮޑަށް ވެސް ރަނގަޅު،" ކުރިން ބީޖީ ސްޕޯޓްސް ކްލަބާއި ވިކްޓްރީގައި މަސައްކަތްކުރި ޝާޒް ބުންޏެވެ.
މާޒިޔާއާ ދެކޮޅަށް މިރޭ ނުކުންނާނީ ޓީސީ އަށް އޮތް ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފުމުގެ އަޒުމުގައި ކަމަށް ޝާޒް ބުންޏެވެ.
"މީގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު އެނގޭ މާޒިޔާ އަކީ ލީގުގެ އެންމެ ވަރުގަދަ ޓީމު. ޓީސީން ނުކުންނާނީ އެކަން ދަނެގެން. މާޒިޔާ ޓީމެއްގެ ގޮތުގައި ވަރުގަދަކޮށް އޮތަސް ޓިސީ އަށް ވެސް ފުރުސަތު އެބައޮތް. ކޮންމެ މެޗެއް ވެސް މުހިއްމުވާނެ އެކަމަކު މި މެޗަކީ ލީގުގައި ޓިސީ އަށް ވަރަށް މުހިއްމު މެޗެއް،" ޝާޒްލީ ބުންޏެވެ.
ޝާޒް ހަވާލުވި ފަހުން ޓީސީން ކުޅުނު ދެ މެޗުގައި ވެސް އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި ދެ ކުޅުންތެރިންނަކީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި އިސްމާއިލް އީސާ (މެސީ) އާއި އިޝާން އިބްރާހިމް (ސައްޓު) އެވެ. ޝާޒް ވަނީ ސައްޓު އާއި އީސަގެ ކޮމްބިނޭޝަން ރަނގަޅުކަން ފާހަގަކޮށް މާޒިޔާ މެޗުގައި ވެސް އެ ދެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމަކަށް އުއްމީދުކުރާކަމަށް ބުނެފަ އެވެ.
"މެސީ (އީސަ) އަކީ ވަރަށް އެކްސްޕީރިއަންސް ވަރަށް މޮޅު ކުޅުންތެރިޔެއް. ދެން ސައްޓު އަދި އެ ގޮތަށް ނުފެނޭ. އެކަމަކު ފެންވަރަށް ބަލާއިރު ރާއްޖޭގެ ލީޑިން ސްޓްރައިކަރުންގެ ތެރޭގައި ހަމަގުނާލެވޭ އެއް ސްޓްރައިކަރަށް ވާނެ ސައްޓު. އެކަން އޭނާ ޕްރޫވް ވެސް އެ ކޮށްދެނީ،" ޝާޒް ބުންޏެވެ.
"އެ ދެ މީހުންގެ ކޮމްބިނޭޝަނާ އެކީގައި ވަރަށް ރަނގަޅަށް ޓީސީ މި ފެންނަނީ. މާޒިޔާއާ އެކު ކުޅޭއިރު މާޒިޔާ އަށް ވެސް ވަރަށް ރަނގަޅަށް އެނގޭނެ އެކަން. އެ މީހުންގެ ޑިފެންސާ ހުރިހާ މަގާމެއް ވަރުގަދަ. އެ މީހުން ވެސް އެ އަށް ތައްޔާރުވާނެ."
ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާ ކޯޗު ސެކުލޮސްކީ ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ވެސް އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ ޓީސީގެ ކޯޗުކަމާ ޝާޒް ހަވާލުވި ފަހުން ކުޅުނު ދެ މެޗުގައި އެ ޓީމުން ރަނގަޅު ކޮމްބިނޭޝަންތަކަކާ އެކު ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމެވެ. އަދި ހާއްސަކޮށް ޓީސީން އެންމެ ފަހުން ކުޅުނު މެޗުގައި އެއް ކުޅުންތެރިޔަކު މަދުކޮށް ފަހަތުން އަރައި ދަ ގްރާންޑޭ އަތުން މޮޅުވި މެޗު ރަނގަޅުކަން ސެކުލޮސްކީ ފާހަގަކުރި އެވެ.
"އެނަލައިޒްކޮށްލާއިރު މިއީ ވަރަށް ރަނގަޅަށް ޓީސީ ކުޅެމުންދާ ވަގުތެއް. އަދި ޓީސީގެ ކޮމްބިނޭޝަންތައް ވެސް ވަރަށް ރަނގަޅުކޮށް މި ފެންނަނީ އެކްސްޕީރިއަންސް ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ވަރަށް މަސައްކަތް އެބަކުރޭ. ރަނގަޅު ޓީމެއް އާ ކޯޗަކާ އެކީ ވަރަށް މޮޓިވޭޓްކޮށް މި ފެންނަނީ،" ސެކުލޮސްކީ ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެހެން ގިނަ ޓީމުތަކުގެ ކޯޗުން އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަމަކީ ލީގުގެ އެއް ވަނައިގައި މާޒިޔާ މި ވަގުތު އެ އޮތް ލީޑާ އެކު އެ ޓީމާ ހަމަކުރެވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ސެކުލޮސްކީ ބުނީ އެ ވާހަކަތަކާ މެދު އޭނާ ނުވިސްނާ ކަމަށެވެ.
"އަހަރެމެންނަށް އެންމެ މުހިއްމީ އަބަދުވެސް ކުރިއަށް އޮތް މެޗު. އަހަރެމެން ވިސްނަނީ ވެސް ކުރިއަށް އޮތް މެޗަށް މި ވަގުތު ކުރިއަށް އޮތީ ޓީސީ މެޗު މި ވަގުތު ކުރާ ހުރިހާ ކަމެއް މި ކުރަނީ ވެސް ޓީސީ މެޗަށް ވިސްނައިގެން. އަބަދުވެސް އަހަރެން ވިސްނާނީ މި ގޮތަށް އެހެން ޓީމުތައް ދެކޭގޮތަަކަށް ނޫން. އެހެން ޓީމުތަކުން ދެކޭ ގޮތަކީ އެ މީހުން އަމިއްލަ އަށް ވިސްނާގޮތް. އަހަރެމެން އަމިއްލަ ވިސްނުމުގައި ކުރިއަށް ދިއުން އޮތީ،" 2017 ވަނަ އަހަރުގެ މާލޭ ލީގު މާޒިޔާ އަށް ހޯދައިދިން ސެކުލޮސްކީ ބުންޏެވެ.
ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ ވަނީ ޓީސީ އަތުން 1-0 އިން މޮޅުވެފަ އެވެ. ލީގުގައި މި ދެ ޓީމު މިރޭ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.
ޓީސީ އާއި މާޒިޔާ އަށް އޮތީ ކިހާވަރެއްގެ ފުރުސަތެއް؟
ޓީސީން ޗެމްޕިއަން މާޒިޔާ ހުއްޓުވައިފި
ޓީސީން މިހާރު ނަތީޖާ ނެރެންޖެހޭ: ޝާޒްލީ
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
މާޒިޔާ އަށް އެއް ވަނައިގައި 14 ޕޮއިންޓުގެ ލީޑެއް
ޓީސީއާ މެދު ޝާޒްލީގެ ބޮޑު އުއްމީދެއް
ޓީސީގެ ކޯޗަކަށް ޝާޒްލީ ހަމަޖައްސައިފި
ޗެމްޕިއަން ޓީސީ ބަލިކޮށް މާޒިޔާ ދެ ވަނަ އަށް
ބޮޑު މެޗުގެ ކުރިން އާތީގެ ތައުރީފު މާޒިޔާ އަށް