Roadha Mihaaru
ކޮންގްރެސް އިން އެ ވަނީ ބޮޑު ގޯހެއް ހަދާފައި: އޮބާމާ

ކޮންގްރެސް އިން އެ ވަނީ ބޮޑު ގޯހެއް ހަދާފައި: އޮބާމާ

29 ސެޕްޓެމްބަރ 2016

ވޮޝިންޓަން (ސެޕްޓެމްބަރު 29) - ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި ގެއްލުން ލިބުނު މީހުންގެ އާއިލާތަކުން ސައުދީ އަރަބިއާއާ ދެކޮޅަށް ދައުވާ ކުރެވޭ ގޮތަށް އެމެރިކާގެ ކޮންގްރެސް އިން ފާސްކުރި ބިލް ރައީސް ބަރަކް އޮބާމާ ވީޓޯ ކުރައްވައިފައި ވަނިކޮށް ކޮންގްރެސް އިން އެ ބިލް ގާނޫނަކަށް ހެދުމަކީ ބޮޑު ގޯހެއް ކަމަށް އޮބާމާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އޮބާމާގެ އަށް އަހަރުގެ ވެރިކަމުގައި އެމަނިކުފާން ވީޓޯ ކުރެއްވި ބިލެއް ކޮންގްރެސް އިން ފުރަތަމަ ފަހަރަށް ގާނޫނަކަށް ހެދީ ސެނެޓުގެ 97-1 ވޯޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 348-77 ވޯޓާ އެކު އެވެ. އޮބާމާ ވަނީ 12 ބިލެއް ވީޓޯ ކުރައްވައިފަ އެވެ.

ސީއެންއެން އަށް އޮބާމާ ވިދާޅުވީ ކޮންގްރެސް އިން ބޮޑު ގޯހެއް ހަދައިފި ކަމަށެވެ. އަދި މި ބިލުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކާއި ސިފައިންނާއި އޮފިޝަލުންނާ ދެކޮޅަށް އެހެން ގައުމެއްގައި ދައުވާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ. ބިލް ވީޓޯ ކުރައްވަމުން އޮބާމާ ވިދާޅުވީ ބިލް ފާސްކޮށްފި ނަމަ އެމެރިކާ އާއި ސައުދީ އަރަބިއާގެ ގުޅުމަށް ބުރޫއަރާނެ ކަމަށެވެ. އަދި މި ބިލުގެ ސަބަބުން އިރާގާއި އަފްޣާނިސްތާން ފަދަ ގައުމުތަކުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"އެ ގާއިމް ކުރީ ނުރަނގަޅު އުސޫލެއް،" އޮބާމާ ވިދާޅުވި އެވެ.

ރައީސް ބަރަކް އޮބާމާ ވާޖީނިއާގައި އެމެރިކާ ސިފައިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ރައީސް ބަރަކް އޮބާމާ ވާޖީނިއާގައި އެމެރިކާ ސިފައިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ސީއައިއޭގެ ޑިރެކްޓަރު ޖޯން ބްރެނަން ވިދާޅުވީ ބިލުގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ މައްސަލަތައް ދިމާވާނެ ކަމަށެވެ.

ކޮންގްރެސްގެ ނިންމުމާ ގުޅިގެން ވައިޓްހައުސްގެ ތަރުޖަމާން ޖޯޝް އާނެސްޓް ނޫސްވެރިންނަށް ވިދާޅުވީ މިއީ އަހަރުތަކަކަށް ފަހު އެމެރިކާގެ ކޮންގްރެސް އިން ކުރި "އެންމެ މާޔޫސްކުރުވަނިވި ކަންތައް" ކަމަށެވެ.

ރައީސުން ވީޓޯކުރި ބިލްތައް އަނބުރާ ގާނޫނަކަށް ހެދުން

- ޖޯޖް ޑަބްލިއު. ބުޝް 12 ބިލް ވީޓޯ ކުރެއްވި. މީގެ ތެރޭން ހަތަރު ބިލް ވަނީ ގާނޫނަކަށް ހަދާފައި.

- ރައީސް އޮބާމާ ވެސް ވަނީ 12 ބިލެއް ވީޓޯ ކުރައްވާފައި. ގާނޫނަކަށް ހެދީ މި ބިލް އެކަނި.

- ބިލް ކްލިންޓަން ވަނީ 37 ބިލް ވީޓޯ ކުރައްވާފައި. މީގެ ތެރޭން ކޮންގްރެެސް އިން ވަނީ ދެ ބިލް ގާނޫނަކަށް ހަދާފައި.

- ޖެރަލްޑް ފޯޑު ވީޓޯކުރެއްވި 12 ބިލެއް ވަނީ ކޮންގްރެސް އިން އަލުން ފާސްކޮށްފައި.

- ވީޓޯ ކުރެއްވި ބިލެއް އަނބުރާ ގާނޫނަކަށް ހަދާފައި ނުވަނީ ރައީސް ލިންޑަން ބީ ޖޯންސަންގެ ވެރިކަމުގައި.

- އެމެރިކާގައި 1860ގެ އަހަރުތަކުގައިި ރައީސްކަން ކުރެއްވި 17 ވަނަ ރައީސް އެންޑްރޫ ޖޯންސަން ވީޓޯ ކުރެއްވި 15 ބިލެއް ކޮންގްރެސް އިން ވަނީ އަލުން ގާނޫނަކަށް ހަދާފައި. މިއީ ރެކޯޑެއް.

ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މެރިން ވަން އިން ފައިބައި ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މެރިން ވަން އިން ފައިބައި ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ބިލްގެ ކޯ ސްޕޮންސާ ޑިމޮކްރެޓިކް ނިއު ޔޯކް ސެނޭޓާ ޗަކް ޝުމާ ވިދާޅުވީ ވައިޓްހައުސް އިން ބޮޑަށް އުޅެނީ ޑިޕްލޮމެޓިކް ގުޅުމާ މެދު ކަންބޮޑުވެގެން ކަމަށާއި އެކަމަކު ކޮންގްރެސްގެ ކަންބޮޑުވުމަކީ ސެޕްޓެމްބަރު 11 ގެ ހަމަލާގައި ގެއްލުން ލިބުނު އާއިލާތަކާއި އެ މީހުންނަށް އިންސާފު ހޯދައިދިނުން ކަމަށެވެ.

ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު ވަނީ މި ބިލް ފާސްކޮށްފި ނަމަ އެމެރިކާގައި ކޮށްފައިވާ ސައުދީގެ އިންވެސްޓްމަންޓްތައް އަނބުރާ ގެންނާނެ ކަމަށް އިންޒާރު ކުރިން ދެއްވައިފަ އެވެ.

ސެޕްޓެމްބަރު 11 ގައި ދިން ގާތްގަނޑަކަށް 3،000 މީހުން މަރުވި ޓެރަރިސްޓް ހަމަލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސައުދީން ވަނީ ބުނެފަ އެވެ. އެކަމަކު ވޯލްޓް ޓްރޭޑް ސެންޓަރާއި ޕެންޓަގަނަށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި 19 މީހުންގެ ތެރޭން 15 މީހުންނަކީ ސައުދީގެ ރައްޔިތުންނެވެ.

ރައީސް ބަރަކް އޮބާމާ ވާޖީނިއާގައި އެމެރިކާ ސިފައިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ރައީސް ބަރަކް އޮބާމާ ވާޖީނިއާގައި އެމެރިކާ ސިފައިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

މި ބިލް ގާނޫނަކަށްވުމާ ގުޅިގެން ސެޕްޓެމްބަރު 11 ގެ ހަމަލާއާ ގުޅިގެން ސައުދީ ސަރުކާރުގެ ކޮންމެ މެންބަރަކާ ދެކޮޅަށް ވެސް ދައުވާ ކުރުމުގެ ފުރުސަތު ލިބޭނެ އެެވެ. ކޮންގްރެސް އިން މި މަހު ކުރީކޮޅު ބިލް ފާސްކުރީ ހަމަލާގައި ގެއްލުން ލިބުނު އާއިލާތަކުގެ މީހުން ވަރަށް ބޮޑަށް ކެމްޕޭން ކޮށްގެންނެވެ.

ސެޕްޓެމްބަރު 11 ގެ ހާދިސާގެ ތަހްގީގު ކުރި 9/11 ކޮމިޝަންގެ 2004 ވަނަ އަހަރުގެ ރިޕޯޓުގައި ވަނީ ހަމަލާގައި ސައުދީގެ އެއްވެސް ބައިވެރިވުމެއްވާ ކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށް ބުނެފަ އެވެ. އަދި ސައުދީ ސަރުކާރުން ނުވަތަ އެ ގައުމުގެ ވަކި ފަރުދަކު ވެސް އެ ހަމަލާ އަށް ފަންޑުކޮށްފައިވާކަން އެނގެން ނެތް ކަމަށް ވަނީ ބުނެފަ އެވެ.

އެމެރިކާގެ ބެލުމުގެ ދަށުގައި ހުރި ގައިދީއެއް ކަމަށްވާ ޒަކަރިއާސް މޫސައޮއި ވަނީ ވޯލްޑް ޓްރޭޑް ސެންޓަރަށާއި ޕެންޓަގަނަށް ދިން ހަމަލާ އަށް ސައުދީ ޕްރިންސަކު ފަންޑުކޮށްދީފައިވާ ކަމަށް މިދިޔަ އަހަރު ބުނެފަ އެވެ. އެކަމަކު ސައުދީން ވަނީ އެކަން ދޮގުކޮށްފަ އެވެ.