Roadha Mihaaru
ސައުދީ އަށް ދައުވާ ކުރެވޭ ބިލް އޮބާމާ ވީޓޯކުރައްވައިފި

ސައުދީ އަށް ދައުވާ ކުރެވޭ ބިލް އޮބާމާ ވީޓޯ ކުރައްވައިފި

25 ސެޕްޓެމްބަރ 2016

ވޮޝިންޓަން (ސެޕްޓެމްބަރު 24) - ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި ގެއްލުން ލިބުނު މީހުންގެ އާއިލާތަކުން ސައުދީ އަރަބިއާއާ ދެކޮޅަށް ދައުވާ ކުރެވޭ ގޮތަށް އެމެރިކާގެ ކޮންގްރެސް އިން ފާސްކުރި ބިލް ރައީސް ބަރަކް އޮބާމާ ވީޓޯ ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ސެޕްޓެމްބަރު 24) - ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި ގެއްލުން ލިބުނު މީހުންގެ އާއިލާތަކުން ސައުދީ އަރަބިއާއާ ދެކޮޅަށް ދައުވާ ކުރެވޭ ގޮތަށް އެމެރިކާގެ ކޮންގްރެސް އިން ފާސްކުރި ބިލް ރައީސް ބަރަކް އޮބާމާ ވީޓޯ ކުރައްވައިފި އެވެ.

ބިލް އަނބުރާ ފޮނުވާލައްވަމުން އޮބާމާ ވިދާޅުވެފައި ވަނީ ސެޕްޓެމްބަރު 11 ގައި އަނިޔާ ލިބުނު އާއިލާތަކަށް ހަމްދަރުދީވާ ކަމަށާއި އެކަމަކު މި ބިލަކީ އެމެރިކާގެ މަސްލަހަތަށް ފުށުއަރާނެ ބިލެއް ކަމަށެވެ.

ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު ވަނީ މި ބިލް ފާސްކޮށްފި ނަމަ އެމެރިކާގައި ކޮށްފައިވާ ސައުދީގެ އިންވެސްޓްމަންޓްތައް އަނބުރާ ގެންނާނެ ކަމަށް އިންޒާރު ދެއްވައިފަ އެވެ.

ސެޕްޓެމްބަރު 11 ގައި ދިން ގާތްގަނޑަކަށް 3،000 މީހުން މަރުވި ޓެރަރިސްޓް ހަމަލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސައުދީން ވަނީ ބުނެފަ އެވެ. އެކަމަކު ވޯލްޓް ޓްރޭޑް ސެންޓަރާއި ޕެންޓަގަނަށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި 19 މީހުންގެ ތެރޭން 15 މީހުންނަކީ ސައުދީގެ ރައްޔިތުންނެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ.

މި ބިލް ގާނޫނަކަށްވި ނަމަ ސެޕްޓެމްބަރު 11 ގެ ހަމަލާއާ ގުޅިގެން ސައުދީ ސަރުކާރުގެ ކޮންމެ މެންބަރަކާ ދެކޮޅަށް ވެސް ދައުވާ ކުރުމުގެ ފުރުސަތު ލިބުނީހެވެ. ކޮންގްރެސް އިން މި މަހު ކުރީކޮޅު ބިލް ފާސްކުރީ ހަމަލާގައި ގެއްލުން ލިބުނު އާއިލާތަކުގެ މީހުން ވަރަށް ބޮޑަށް ކެމްޕޭން ކޮށްގެންނެވެ. އެކަމަކު އޮބާމާ ވަނީ ބިލުގައި ކަންބޮޑުވާން ޖެހޭ ކަންކަން ހުރި ކަމަށް ވިދާޅުވެ ގާނޫނަކަށް ހައްދަވަން ދެކޮޅު ހައްދަވައިފަ އެވެ.

ބިލް ސްޕޮންސާ ކުރެއްވި ޑިމޮކްރެޓިކް ސެނެޓަރެއް ކަމަށްވާ ޗަކް ޝުމާ ވިދާޅުވީ އޮބާމާގެ ނިންމުން ބަދަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ސައުދީން އެއްވެސް ކަމެއް ގޯހުން ކޮށްފައި ނުވާ ނަމަ މި ބިލު ދެކެ އެ ގައުމުން ބިރުގަންނަންވީ ކީއްވެ؟ ސެޕްޓެމްބަރު 11 ގައި ސައުދީގެ އަތެއްވާ ނަމަ އެ މީހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ސެޕްޓެމްބަރު 11 ގެ ހާދިސާގެ ތަހްގީގު ކުރި 9/11 ކޮމިޝަންގެ 2004 ވަނަ އަހަރުގެ ރިޕޯޓުގައި ވަނީ ހަމަލާގައި ސައުދީގެ އެއްވެސް ބައިވެރިވުމެއްވާ ކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށް ބުނެފަ އެވެ. އަދި ސައުދީ ސަރުކާރުން ނުވަތަ އެ ގައުމުގެ ވަކި ފަރުދަކު ވެސް އެ ހަމަލާ އަށް ފަންޑުކޮށްފައިވާކަން އެނގެން ނެތް ކަމަށް ވަނީ ބުނެފަ އެވެ.

އެމެރިކާގެ ބެލުމުގެ ދަށުގައި ހުރި ގައިދީއެއް ކަމަށްވާ ޒަކަރިއާސް މޫސައޮއި ވަނީ ވޯލްޑް ޓްރޭޑް ސެންޓަރަށާއި ޕެންޓަގަނަށް ދިން ހަމަލާ އަށް ސައުދީ ޕްރިންސަކު ފަންޑުކޮށްދީފައިވާ ކަމަށް މިދިޔަ އަހަރު ބުނެފަ އެވެ. އެކަމަކު ސައުދީން ވަނީ އެކަން ދޮގުކޮށްފަ އެވެ.