Roadha Mihaaru

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ މެދުގައި ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކާ އެކު، މުޅި މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާ ހެދި ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ފަށައިފި އެވެ.

އީރާނު-އިޒްރޭލުގެ ކުރިމަތިލުމާއެކު ޑޮލަރުގެ އަގު އުފުލެނީ!

އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ މެދުގައި ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކާ އެކު، މުޅި މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާ ހެދި ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ފަށައިފި އެވެ.

ޑޮލަރުގެ އަގު ކަނޑައަޅަނީ މައި ހަ ގައުމެއްގެ ފައިސާ އަށް ބަލައިގެން ކަމަށް ވާއިރު، އޭގެ ތެރޭގައި ސުވިސް ފްރެންކް، ޖަޕާނުގެ ޔެން އަދި އީޔޫ ގައުމުތަކުގައި ބޭނުންކުރާ ޔޫރޯ ހިމެނެ އެވެ.

މިގޮތުން، އިޒްރޭލާއި އީރާނުގެ ކުރިމަތިލުންތައް ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، ކުރިއަށް އޮތް ހަފުތާގައި ޑޮލަރުގެ އަގު 0.6 ޕަސެންޓުން އުފުލޭނެ ކަމަށް މާހިރުން ވަނީ އަންދާޒާކޮށްފަ އެވެ.

މެދުއިރުމަތީގެ މަސްރަހު ހޫނުވުމާ އެކު، ޑޮލަރުގެ އަގު އުފުލެން ފަށާފައި މި ދަނޑިވަޅުުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ބޮޑު ލޮޅުމެއް އައިސްފަ އެވެ. ނަމަވެސް، މިދިޔަ ހަފުތާއާ އަޅާބަލާއިރު، ތެލުގެ އަގު ދެ ޕަސެންޓު ވެއްޓި، ތެޔޮ ފީފާއެއްގެ އަގު ވަނީ ދުނިޔޭގެ ބަޒަރުގައި 77 ޑޮލަރުގައި ހިފެހެއްޓިފަ އެވެ.

ދުނިޔޭގެ ބާޒާރުގައި ފައިސާގެ އެންމެ ފަހުގެ އަގުތަކަށް ބަލައިލާއިރު، ޔޫރޯ ވަނީ 0.3 ޕަސެންޓު ކުރިއަށް ޖެހިލައި، ޔޫރޯއަކަށް 1.1519 އެމެރިކާ ޑޮލަރުގަ އެވެ. ނަމަވެސް ޖަޕާނުގެ ޔެން ވަނީ 0.29 ޕަސެންޓު ދަށަށް ގޮސް، ޑޮލަރަކަށް 145.44 ޔެންއަށް ވެއްޓިފަ އެވެ.

ޔެންގެ އިތުރުން، ސުވިސް ފްރޭންކްގެ އަގު ވެއްޓެމުންދާ ކަމަށް މާލީ ތަޖުރިބާކާރުން ލަފާކުރާއިރު، މިހާރު ޑޮލަރަކަށް 0.817 ގައި ހުރި ސުވިސް ފްރެންކްގެ އިތުރަށް ވެއްޓޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ޑޮލަރުގެ އަގާ އަޅައިބަލާއިރު، ޗައިނާގެ ޔުއާންގެ އަގު ވަނީ ޑޮލަރަކަށް 7.18 ގެ ރޭޓުގައި އަދި ހިފެހެއްޓިފައިވާއިރު، އިނގިރޭސި ވިލާތުގެ ޕައުންޑުގެ އަގު ވެސް ވަނީ 1.349 ޑޮލަރުގައި ގާތްގަނޑަކަށް ހިފެހެއްޓިފަ އެވެ.