Roadha Mihaaru
އޮބާމާގެ ވީޓޯގެ ބިލް ކޮންގްރެސްއިން ގާނޫނަކަށް ހަދައިފި

އޮބާމާ ވީޓޯ ކުރެއްވި ބިލް ކޮންގްރެސް އިން ގާނޫނަކަށް ހަދައިފި

29 ސެޕްޓެމްބަރ 2016

ވޮޝިންޓަން (ސެޕްޓެމްބަރު 28) - ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި ގެއްލުން ލިބުނު މީހުންގެ އާއިލާތަކުން ސައުދީ އަރަބިއާއާ ދެކޮޅަށް ދައުވާ ކުރެވޭ ގޮތަށް އެމެރިކާގެ ކޮންގްރެސް އިން ފާސްކުރި ބިލް ރައީސް ބަރަކް އޮބާމާ ވީޓޯ ކުރައްވައިފައި ވަނިކޮށް ކޮންގްރެސް އިން އަނެއްކާވެސް އެ ބިލް ގާނޫނަކަށް ހަދައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ސެޕްޓެމްބަރު 28) - ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި ގެއްލުން ލިބުނު މީހުންގެ އާއިލާތަކުން ސައުދީ އަރަބިއާއާ ދެކޮޅަށް ދައުވާ ކުރެވޭ ގޮތަށް އެމެރިކާގެ ކޮންގްރެސް އިން ފާސްކުރި ބިލް ރައީސް ބަރަކް އޮބާމާ ވީޓޯ ކުރައްވައިފައި ވަނިކޮށް ކޮންގްރެސް އިން އަނެއްކާވެސް އެ ބިލް ގާނޫނަކަށް ހަދައިފި އެވެ.

މިއީ އޮބާމާގެ ވެރިކަމުގައި އެމަނިކުފާން ވީޓޯ ކުރެއްވި ބިލެއް ކޮންގްރެސް އިން ގާނޫނަކަށް ބަދަލުކުރި ފުރަތަމަ ފަހަރެވެ. އޮބާމާ މީގެ ކުރިން ވަނީ 12 ބިލެއް ވީޓޯ ކުރައްވައިފަ އެވެ. މި ބިލް ސެނެޓުން ފާސްކުރީ 97-1 ވޯޓުންނެވެ. އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ފާސްކޮށްފައި ވަނީ 348-77 ވޯޓުންނެވެ.

ކޮންގްރެސްގެ ނިންމުމާ ގުޅިގެން ވައިޓްހައުސްގެ ތަރުޖަމާން ޖޯޝް އާނެސްޓް ނޫސްވެރިންނަށް ވިދާޅުވީ މިއީ އަހަރުތަކަކަށް ފަހު އެމެރިކާގެ ކޮންގްރެސް އިން ކުރި "އެންމެ މާޔޫސްކުރުވަނިވި ކަންތައް" ކަމަށެވެ.

ބިލްގެ ކޯ ސްޕޮންސާ ޑިމޮކްރެޓިކް ނިއު ޔޯކް ސެނޭޓާ ޗަކް ޝުމާ ވިދާޅުވީ ވައިޓްހައުސް އިން ބޮޑަށް އުޅެނީ ޑިޕްލޮމެޓިކް ގުޅުމާ މެދު ކަންބޮޑުވެގެން ކަމަށާއި އެކަމަކު ކޮންގްރެސްގެ ކަންބޮޑުވުމަކީ ސެޕްޓެމްބަރު 11 ގެ ހަމަލާގައި ގެއްލުން ލިބުނު އާއިލާތަކާއި އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކަމަށެވެ.

އެމެރިކާގެ ރައީސް އޮބާމާ އާއި ސައުދީ ރަސްގެފާން ސަލްމާން: ސައުދީ އަށް ދައުވާ ކުރެވޭ ބިލް އޮބާމާ ވީޓޯ ކުރައްވާފައި ވަނިކޮށް ކޮންގްރެސް އިން ވަނީ ގާނޫނަކަށް ހަދާފައި.

އެމެރިކާގެ ރައީސް އޮބާމާ އާއި ސައުދީ ރަސްގެފާން ސަލްމާން: ސައުދީ އަށް ދައުވާ ކުރެވޭ ބިލް އޮބާމާ ވީޓޯ ކުރައްވާފައި ވަނިކޮށް ކޮންގްރެސް އިން ވަނީ ގާނޫނަކަށް ހަދާފައި.

ބިލް އަނބުރާ ފޮނުވާލައްވަމުން އޮބާމާ ވިދާޅުވެފައި ވަނީ ސެޕްޓެމްބަރު 11 ގައި އަނިޔާ ލިބުނު އާއިލާތަކަށް ހަމްދަރުދީވާ ކަމަށާއި އެކަމަކު މި ބިލަކީ އެމެރިކާގެ މަސްލަހަތަށް ފުށުއަރާނެ ބިލެއް ކަމަށެވެ.

ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު ވަނީ މި ބިލް ފާސްކޮށްފި ނަމަ އެމެރިކާގައި ކޮށްފައިވާ ސައުދީގެ އިންވެސްޓްމަންޓްތައް އަނބުރާ ގެންނާނެ ކަމަށް އިންޒާރު ކުރިން ދެއްވައިފަ އެވެ.

ސެޕްޓެމްބަރު 11 ގައި ދިން ގާތްގަނޑަކަށް 3،000 މީހުން މަރުވި ޓެރަރިސްޓް ހަމަލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސައުދީން ވަނީ ބުނެފަ އެވެ. އެކަމަކު ވޯލްޓް ޓްރޭޑް ސެންޓަރާއި ޕެންޓަގަނަށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި 19 މީހުންގެ ތެރޭން 15 މީހުންނަކީ ސައުދީގެ ރައްޔިތުންނެވެ.

މި ބިލް ގާނޫނަކަށްވުމާ ގުޅިގެން ސެޕްޓެމްބަރު 11 ގެ ހަމަލާއާ ގުޅިގެން ސައުދީ ސަރުކާރުގެ ކޮންމެ މެންބަރަކާ ދެކޮޅަށް ވެސް ދައުވާ ކުރުމުގެ ފުރުސަތު ލިބޭނެ އެެވެ. ކޮންގްރެސް އިން މި މަހު ކުރީކޮޅު ބިލް ފާސްކުރީ ހަމަލާގައި ގެއްލުން ލިބުނު އާއިލާތަކުގެ މީހުން ވަރަށް ބޮޑަށް ކެމްޕޭން ކޮށްގެންނެވެ. އެކަމަކު އޮބާމާ ވަނީ ބިލުގައި ކަންބޮޑުވާން ޖެހޭ ކަންކަން ހުރި ކަމަށް ވިދާޅުވެ ގާނޫނަކަށް ހައްދަވަން ދެކޮޅު ހައްދަވައިފަ އެވެ.

ސެޕްޓެމްބަރު 11 ގެ ހާދިސާގެ ތަހްގީގު ކުރި 9/11 ކޮމިޝަންގެ 2004 ވަނަ އަހަރުގެ ރިޕޯޓުގައި ވަނީ ހަމަލާގައި ސައުދީގެ އެއްވެސް ބައިވެރިވުމެއްވާ ކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށް ބުނެފަ އެވެ. އަދި ސައުދީ ސަރުކާރުން ނުވަތަ އެ ގައުމުގެ ވަކި ފަރުދަކު ވެސް އެ ހަމަލާ އަށް ފަންޑުކޮށްފައިވާކަން އެނގެން ނެތް ކަމަށް ވަނީ ބުނެފަ އެވެ.

އެމެރިކާގެ ބެލުމުގެ ދަށުގައި ހުރި ގައިދީއެއް ކަމަށްވާ ޒަކަރިއާސް މޫސައޮއި ވަނީ ވޯލްޑް ޓްރޭޑް ސެންޓަރަށާއި ޕެންޓަގަނަށް ދިން ހަމަލާ އަށް ސައުދީ ޕްރިންސަކު ފަންޑުކޮށްދީފައިވާ ކަމަށް މިދިޔަ އަހަރު ބުނެފަ އެވެ. އެކަމަކު ސައުދީން ވަނީ އެކަން ދޮގުކޮށްފަ އެވެ.