Roadha Mihaaru
9/11 ގެ މޭސްތިރިންނާ އެކު ހެދި އެއްބަސްވުން ބާތިލް

9/11 ގެ މޭސްތިރިންނާ އެކު ހެދި އިއުތިރާފް އެއްބަސްވުން އުވާލައިފި

03 އޯގަސްޓް 2024

އެމެރިކާގައި ދިން އެންމެ ބޮޑު ޓެރަރިސްޓް ހަމަލާގެ މޭސްތިރިންނާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދިކަން އިއުލާނުކުރިތާ ގިނަ އިރުތަކެއް ނުވެ އެ އެއްބަސްވުން އުވާލިކަން ސަރުކާރުން އިއުލާނުކޮށްފި އެވެ.

އެމެރިކާގައި ދިން އެންމެ ބޮޑު ޓެރަރިސްޓް ހަމަލާގެ މޭސްތިރިންނާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދިކަން އިއުލާނުކުރިތާ ގިނަ އިރުތަކެއް ނުވެ އެ އެއްބަސްވުން އުވާލިކަން ސަރުކާރުން އިއުލާނުކޮށްފި އެވެ.

މަތިންދާބޯޓުތަކެއް ހައިޖެކްކޮށް، އެ ބޯޓުތައް އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރާއި ޕެންޓަގަން އަށް ވައްޓާލައިގެން ދިން ހަމަލާތައް ރޭވުމުގައި އެންމެ އިސްކޮށް ހުރި ކަމަށް އެމެރިކާއިން ތުހުމަތުކުރާ ޚާލިދު ޝައިޚް މުހައްމަދާއި އިތުރު ދެ މީހަކާ އެކު އިއުތިރާފް އެއްބަސްވުން ހެދީ އެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ނާންނަ ގޮތަށެވެ.

މި އެއްބަސްވުން ހެދި އަސްކަރީ އޮފިޝަލް މަގާމުން ދުރުކޮށް ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ނެރުއްވި މެމޯއެއްގައި ވިދާޅުވީ މިފަދަ އެއްބަސްވުމެއް ހެދުމަކީ ވަރަށް ބޮޑު ނިންމުމެއް ކަމަށެވެ.

"މިގޮތަށް ނިންމީ ދައުވާ ލިބޭ މީހުންނާ އެކު ޝަރީއަތުގެ ކުރީގެ މަރުހަލާތަކަށް އެއްބަސްވުންތައް ހެދުމަށް ނިންމި ނިންމުމުގެ ބޮޑު ކަމަށް ރިއާޔަތްކޮށް ...  އެފަދަ ނިންމުމެއް ނިންމުމުގެ ޒިންމާ އުފުލަން ޖެހޭނީ އަޅުގަނޑަށް،" ގުއަންޓަނާމޯ ބޭގެ އަސްކަރީ ކޯޓުގެ ކަންކަމާ ހަވާލުވެ ހުންނަވާ ސޫޒަން އެސްކަލިއާއަށް އެޑްރެސްކޮށް އޮސްޓިން ފޮނުވި މެމޮރެންޑަމްގައި ލިޔުއްވާފައިވެ އެވެ.

"އެހެންވެ، ޖުލައި 31، 2024 ގައި ސޮއިކޮށްފައިވާ ޝަރީއަތުގެ ކުރީގެ މަރުހަލާތަކާ ގުޅޭ ތިން އެއްބަސްވުން އަނބުރާ ގެންދަން ނިންމައިފިން."

މި އެއްބަސްވުންތައް ހެދުމަށް ފަހު ޕެންޓަގަންއިން ކުރިން ބުނެފައިވަނީ ޝަރީއަތުގެ ކުރީގެ މަރުހަލާ ވެސް އެކި ސަބަބުތަކާ ހުރެ ނުނިމި އޮންނަތާ އެތައް އަހަރެއް ވެފައި ވާއިރު މި އެއްބަސްވުންތަކާ އެކު މައްސަލަ އަވަހަށް ނިންމޭނެ ކަމަށެވެ. މިހާ ދިގު މުއްދަތެއް ހޭދަވެގެން ދިޔައިރު ވެސް، ތުހުމަތުކުރެވޭ މީހުން ބަންދުކޮށްފައި ތިބީ ޓެރަރިޒަމްގެ ތުހުމަތަށް އެމެރިކާއިން ހައްޔަރުކުރާ މީހުން ގެންގުޅޭ ގުއަންޓަނަމޯ ބޭ ޖަލުގަ އެވެ.

މިދިޔަ އަހަރުގެ ވެސް މިފަދަ އެއްބަސްވުމެއް ހެދުމާ ގުޅޭ ހުށަހެޅުމެއް ޕްރޮސިކިއުޓަރުން ހުށަހެޅި ނަމަވެސް އެކަން ކުރިއަށް ނުގެންދިޔައީ ހަމަލާގައި މަރުވި ތިން ހާހެއްހާ މީހުންގެ އާއިލާތަކުގެ މެދުގައި މިކަމުގައި ހިޔާލް ތަފާތުވެ މައްސަލަ ބޮޑުވުމުންނެވެ.