Roadha Mihaaru
ގުއަންޓަނާމޯ ބޭ ޖަލުން ސައޫދީ އިންޖިނޭރު މިނިވަންކޮށްފި

ގުއަންޓަނާމޯ ބޭ ޖަލުން ސައޫދީގެ އިންޖިނޭރު މިނިވަންކޮށްފި

09 މާޗް 2023

ކިއުބާގެ ގުއަންޓަނާމޯގައި ހުންނަ އެމެރިކާގެ އަސްކަރީ ޖަލުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހައްޔަރުކޮށްގެން ގެންގުޅުމަށް ފަހު، ސައޫދީ އަރަބިއްޔާގެ އިންޖިނޭރެއް ކަމަށްވާ ޣައްސާން އައްޝަރްބީ، 48، މި ހަފުތާގައި މިނިވަންކޮށް އިއްޔެ ސައޫދީ އަށް ފޮނުވާލައިފި އެވެ.

ކިއުބާގެ ގުއަންޓަނާމޯގައި ހުންނަ އެމެރިކާގެ އަސްކަރީ ޖަލުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހައްޔަރުކޮށްގެން ގެންގުޅުމަށް ފަހު، ސައޫދީ އަރަބިއްޔާގެ އިންޖިނޭރެއް ކަމަށްވާ ޣައްސާން އައްޝަރްބީ، 48، މި ހަފުތާގައި މިނިވަންކޮށް އިއްޔެ ސައޫދީ އަށް ފޮނުވާލައިފި އެވެ.

އެމެރިކާ ސިފައިން ޣައްސާން ހައްޔަރުކުރީ ޕާކިސްތާނުގައި އުޅެނިކޮށް 2002 ވަނަ އަހަރު އެވެ. އެމެރިކާ އިން ބުނި ގޮތުގައި އޭނާ ފިލައިގެން ޕާކިސްތާނަށް ގޮސް އުޅުނު ދުވަސްވަރު ބޮން ހަދަން ދަސްކުރި އެވެ. ޕާކިސްތާނުގައި އުޅެނިކޮށް ހައްޔަރުކުރުމަށް ފަހު އެމެރިކާ ސިފައިން އޭނާ ގެންދިޔައީ ގުއަންޓަނާމޯ ބޭ ގައި ހުރި އަސްކަރީ ޖަލަށެވެ.

އެ ތަނަށް އޭނާ ގެންދިއުމަށް ފަހު، އެމެރިކާ ސަރުކާރުން އޭނާގެ މައްޗަށް އެތައް ދައުވާއެއް އުފުލި އެވެ. ނަމަވެސް 2008 ވަނަ އަހަރު އެމެރިކާ ސަރުކާރުން ވަނީ އެ ދައުވާތައް އަނބުރާ ގެންގޮސްފަ އެވެ. އެހެންކަމުން 20 އަހަރަށް ފަހު އޭނާ ޖަލުން މިނިވަންކުރި އިރު، އޭނާގެ މައްޗަށް އެއްވެސް ދައުވާއެއްކޮށް އަދި އެއްވެސް ކުށެއް ސާބިތުވެފައެއް ނުވެ އެވެ.

އެމެރިކާ ސަރުކާރުން އޭނާ ހައްޔަރުކުރީ، ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާއާ އޭނާއާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ހަމަލާއާ އޭނާއާ ގުޅޭ ކަމަށް ތުހުމަތު ކުރެވެނީ، އެ ހަމަލާގައި މަތިންދާބޯތުއް ހައިޖެކްކުރި ބައެއް މީހުންނާ އެކުގައި، އެމެރިކާގެ އެރިޒޯނާގައި ހުންނަ ޕައިލެޓުން ތަމްރީންކުރާ ޔުނިވަސިޓީއެއްގައި ކިޔަވަން އުޅުމުންނެވެ.

އޭގެ އިތުރުން އެ ހަމަލާގައި ބައިވެރިވި ބައެއް މީހުންނާ އެކުގައި، މަތިންދާބޯޓު ދުއްވަން ދަސްކޮށްދޭ ސްކޫލަކަށް ވެސް އޭނާ ދިޔަ ކަމަށް އެމެރިކާ ސަރުކާރުން ބުނެ އެވެ. އޭނާ ވެސް އެމެރިކާގައި އުޅުމަށް ފަހު، ޕާކިސްތާނަށް ދިރުއުޅުން ބަދަލުކުރީ އެ ދުވަހުގެ ހަމަލާއަށް ފަހު އެވެ.

ސެޕްޓެމްބަރު 11ގެ ހަމަލާގައި ބައިވެރިވި މީހުން ހޯދުމަށް އެމެރިކާ އިން ކުރި މަސައްކަތުގެ ތެރެއިން ޕާކިސްތާނާއި އަފްޣާނިސްތާނުން އަދި ބައެއް އެހެން ގައުމުތަކުން ވެސް މީހުން ހައްޔަރުކޮށް ގުއަންޓަނާމޯ ބޭ ޖަލުގައި އެތައް އަހަރެއް ވަންދެން ގެންގުޅުނެވެ. އެ ދުވަސްވަރު ހައްޔަރުކޮށް ގުއަންޓަނާމޯ ބޭ ޖަލުގައި ގެންގުޅުނު ގައިދީންގެ އަދަދު، 2003 ވަނަ އަހަރުގެ ތެރޭގައި 600އާ ގާތްކުރި އެވެ.

ޣައްސާން މިނިވަންކުރުމާ އެކު މިހާރު އެ ޖަލުގައި ތިބީ ޖުމްލަ 31 ގައިދީންނެވެ. އޭގެ ތެރެއިން 17 މީހަކީ، އެމީހުންނަށް ހިޔާވަހިކަން ދޭނެ ރައްކާތެރި ގައުމެއް ވެއްޖެ ނަމަ، ޖަލުން މިނިވަންކުރުމަށް އެމެރިކާ ސަރުކާރުން ނިންމާފައިވާ މީހުންނެވެ.

މިހާރު އެ ޖަލުގައި ތިބި މީހުންގެ މައްޗަށް އެމެރިކާގެ އަސްކަރީ ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު، އޭގެ ތެރެއިން ނުވަ މީހެއްގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ. އަދި ތިން މީހެއްގެ މައްޗަށް ވަނީ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ.