Roadha Mihaaru
ޓެރަރިސްޓުންގެ ލިސްޓާ މެދު މަޝްވަރާއެއް ނުކުރެވޭނެ

ޓެރަރިސްޓުންގެ ލިސްޓާ މެދު މަޝްވަރާއެއް ނުކުރެވޭނެ: ސައޫދީ

28 ޖޫން 2017

މިސްރާ ނުވަތަ ސައޫދީ އަރަބިއްޔާއާ ހަވާލު ކުރުމަށް ގަތަރަށް ހުށަހަޅާފައިވާ ޓެރަރިސްޓުންގެ ލިސްޓާ މެދު އިތުރަށް މަޝްވަރާ ނުކުރެވޭނެ ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެފި އެވެ.

މިސްރާ ނުވަތަ ސައޫދީ އަރަބިއްޔާއާ ހަވާލު ކުރުމަށް ގަތަރަށް ހުށަހަޅާފައިވާ ޓެރަރިސްޓުންގެ ލިސްޓާ މެދު އިތުރަށް މަޝްވަރާ ނުކުރެވޭނެ ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެފި އެވެ.

ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވީ ގަތަރުން ހިމާޔަތް ދީގެން ގެންގުޅޭ ޓެރަރިސްޓުންގެ ތެރެއިން، ހަތަރު ގައުމުން ހުށަހެޅި ލިސްޓުގައިވާ މީހުން އެ ގައުމުތަކާ ހަވާލު ކުރާނެތޯ ނޫންތޯ މަޝްވަރާ ނުކުރެވޭނެ ކަމަށެވެ. އަދި އެ ލިސްޓުން މީހަކު އުނިކުރުމާ މެދު ވެސް އެއްވެސް ވާހަކައެއް ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރެމެން މި މައްސަލައިގައި ދެކޭ ގޮތް މިހާރު ވާނީ ހުށަހަޅާފައި. އަހަރެމެން އަޅަންވީ ފިޔަވަޅުތައް ވެސް ވާނީ އަޅާފައި. ގަތަރުގެ ސުލޫކު އިސްލާހު ކުރުމަކީ އެމީހުންގެ ކަމެއް. އެމީހުން އެ ކަންތައް ކުރަން ފެށުމާ އެކު މައްސަލަ ހައްލުވެގެން ދާނެ. އެކަމަކު އެމީހުން އެކަންކަމާ ފިޔަވަޅު ނާޅާނަމަ ދެން ވެސް ގަތަރު އޮންނާނީ އެކަހެރި ކަމުގައި،" ވޮޝިންޓަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖުބައިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވުން ހުއްޓުވުން އޮތީ ވެސް ގަތަރު ސަރުކާރުގެ އަތްމަތީގައި ކަމަށެވެ. ގަތަރާ އެކު ގުޅުން ކަނޑައިލި ހަތަރު ގައުމު ކަމަށްވާ މިސްރު، ސައޫދީ އަރަބިއްޔާ، ބަހްރައިން އަދި އެމިރޭޓްސް އިން ވަނީ އެ ގުޅުން އަލުން އިއާދަ ކުރުމަށްޓަކައި ގަތަރުން ފުރިހަމަ ކުރުމަށް ބޭނުންވާ 13 ކަމެއް ހިމެނޭ ލިސްޓެއް ކުވައިތު މެދުވެރިކޮށް ގަތަރަށް ހުށަހަޅައިފަ އެވެ.

ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ތުހުމަތުކޮށް މި ހަތަރު ގައުމުން ގަތަރާ ގުޅުން ކަނޑައިލީ މި މަހުގެ 5 ވަނަ ދުވަހު އެވެ. ސިޔާސީ ގުޅުން ކަނޑައިލުމުގެ އިތުރުން ގަތަރާ ދެމެދު ކުރަމުން އައި އެއްގަމާއި ވަޔާއި ކަނޑު ދަތުރުތައް ވެސް މި ގައުމުތަކުން ވަނީ ހުއްޓާލައިފަ އެވެ.

ނަމަވެސް ގަތަރުން ވަނީ އެ ގައުމުތަކުގެ ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ. ގަތަރުން ބުނި ގޮތުގައި އެ ގައުމާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅަނީ، ދޮގު އިލްޒާމުތަކެއް އަޅުވައިފަ އެވެ.

ގަތަރަށް ހުށަހެޅި ކަންތަކާ މެދު ބައިނަލްއަގުވާމީ މުޖްތަމައުގައި ވަނީ ޚިޔާލު ތަފާތުވުން ވަރަށް ބޮޑަށް އުފެދިފަ އެވެ. ޖަރުމަނުން ބުނި ގޮތުގައި ގަތަރަށް ހުށަހެޅި ކަންތަކަކީ އެއްވެސް ގައުމަކަށް ފުރިހަމަ ކުރެވޭ ވަރަށް ވުރެ މާ ބޮޑެތި ކަންތަކެކެވެ. ތުރުކީ ވިލާތުން ވެސް ބުނެފައިވަނީ އެއީ ބަލައިގަނެވޭ ފަދަ ހުށަހެޅުންތަކެއް ނޫން ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ތިލާސަންއާ ބައްދަލު ކުރެއްވުމަށް ފަހު ގަތަރުގެ ޚާރިޖީ ވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން އާލް ޘާނީ ވިދާޅުވީ، ހަތަރު ގައުމުން ހުށަހެޅި ކަންތަކަކީ އެއްވެސް އަސާސެއް ނެތް ބާތިލު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި ހުށަހެޅުންތަކެއް ކަމަށެވެ.

"އެއީ ހުށަހެޅުންތަކެއް ކަމަށް ވަންޏާ، އެ ކަންތައް ވާންވާނީ ހަގީގީ އަދި ފުރިހަމަ ކުރެވޭ ވަރުގެ ކަންތަކަކަށް. އެހެން ނޫނީ އެފަދަ ހުށަހެޅުމެއް ގަބޫލެއް ނުކުރެވޭނެ."