Roadha Mihaaru
އިތުރު މިސައިލް ދިނުމަށް ސައޫދީން އެމެރިކާގައި އެދިއްޖެ

އިތުރު މިސައިލް ދިނުމަށް ސައޫދީން އެމެރިކާގައި އެދިއްޖެ

09 ޑިސެމްބަރ 2021

ސައޫދީ އަރަބިއްޔާގެ ވައިގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، އިތުރު މިސައިލް ހޯދުމަށް އެ ގައުމުން އެމެރިކާ އާއި އަރަބި ބައެއް ގައުމުތަކުގައި އެދިއްޖެ އެވެ.

ސައޫދީ އަރަބިއްޔާގެ ވައިގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، އިތުރު މިސައިލް ހޯދުމަށް އެ ގައުމުން އެމެރިކާ އާއި އަރަބި ބައެއް ގައުމުތަކުގައި އެދިއްޖެ އެވެ.

ސައޫދީން ހޯދަން ބޭނުންވަނީ އެމެރިކާގައި އުފައްދާފައިވާ މިސައިލުން ދިފާއުވާ ޕެޓްރިއޮޓް ނިޒާމުގައި ބޭނުންކުރާ ބާވަތުގެ މިސައިލެވެ. ސައޫދީން މިދިޔަ އަހަރުތަކުގައި އެއްވެސް ގައުމަކާ ދެކޮޅަށް ހަނގުރާމައެއް ކޮށްފައިނުވާ އިރު، މީގެ ކުރިން އެ ގައުމަށް ހޯދާފައި ހުރި ޕެޓްރިއޮޓް މިސައިލްތަކަށް ވީގޮތަކާ މެދު ގިނަ ބަޔަކު މިހާރު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ސައޫދީ އަރަބިއްޔާގައި ހުރި ޕެޓްރޮއިޓް މިސައިލްތައް މިހާރު ވަނީ ހުސްވުމަކާ ކައިރިވެފަ އެވެ. އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައިވާ ގޮތުގައި، "ވަރަށް އަވަހަށް" އިތުރު މިސައިލް ފޯރުކޮށްދިނުމަށް ސައޫދީ ސަރުކާރުން މިހާރު ވަނީ ރައީސް ޖޯ ބައިޑަން އަށް ދަންނަވައިފަ އެވެ.

އޭގެ އިތުރުން ގަތަރަށާއި އެހެން ބައެއް އަރަބި ގައުމުތަކުގައި ވެސް، ސައޫދީން ވަނީ މިކަމަށް އެދިފަ އެވެ. ނަމަވެސް އެ ގައުމުތަކުން މިކަމާ މެދު މިހާތަނަށް ވަކި ގޮތެއް ނިންމިކަން އެނގޭކަށް ނެތެވެ.

ސައޫދީ އަރަބިއްޔާގެ ދިފާއީ ނިޒާމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ނިޒާމުތަކެވެ. މިފަހަކަށް އައިސް ސައޫދީ އަރަބިއްޔާ އިން، ޕެޓްރޮއިޓް މިސައިލް ބޭނުންކުރަމުން އަންނަނީ، ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރަން މަސައްކަތްކުރާ ހޫތީ ހަނގުރާމަވެރިން ސައޫދީ އަށް ފޮނުވާ މިސައިލްތަކާއި ޑްރޯންތަކުން ދިފާއުވުމަށެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ހޫތީންގެ ހަމަލާތައް މިފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުކޮށްފައިވާތީ، ހޫތީންގެ މިސައިލްތަކާއި ޑްރޯންތަކުން ދިފާއުވުމަށް ޕެޓްރޮއިޓް މިސައިލްތައް ބޭނުންކުރަން ޖެހުމުން، ސައޫދީ އަރަބިއްޔާއިން އެ ބާވަތުގެ މިސައިލް ހުސްވަނީ އެވެ.

ހޫތީންގެ ހަމަލާތައް އިތުރުވާން ފަށާފައިވަނީ، މިދިޔަ އޮކްޓޫބަރު މަހުން ފެށިގެންނެވެ. ސައޫދީ ސަރުކާރުން ބުނާ ގޮތުގައި މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ޑްރޯންގެ 25 ހަމަލާ އަދި ނޮވެމްބަރު މަހުގެ ތެރޭގައި ޑްރޯންގެ 29 ހަމަލާ ދީފައިވެ އެވެ. އޭގެ އިތުރުން އޮކްޓޫބަރު މަހުގެ ތެރޭގައި ބެލެސްޓިކް މިސައިލްގެ 10 ހަމަލާ އާއި ނޮވެމްބަރު މަހުގެ ތެރޭގައި 11 ހަމަލާ ދީފައިވެ އެވެ.

އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ހޫތީ ހަނގުރާމަވެރިން ވައިގެ މަގުން 375 ހަމަލާ ސައޫދީ އަރަބިއްޔާ އަށް ދީފައިވެ އެވެ. އޭގެ ތެރެއިން ވަރަށް މަދު ހަމަލާއެއް ނޫނީ ކާމިޔާބެއް ނުވެ އެވެ. އެ ހަމަލާތައް ނާކާމިޔާބު ކޮށްލުމަށް ބޭނުންކޮށްފައިވަނީ، އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ނިޒާމެވެ.