Roadha Mihaaru
ކުރު މުއްދަތަކަށް ހަނގުރާމަ ހުއްޓަން އެއްބަސްވެއްޖެ

ކުރު މުއްދަތަކަށް ހަނގުރާމަ ހުއްޓަން އެއްބަސްވެއްޖެ

21 މެއި 2023

ސޫދާންގައި މިހާރު ފެށިފައިވާ ދާޚިލީ ހަނގުރާމަ، ކުރު މުއްދަތަކަށް މެދުކަނޑައިލުމަށް، ދެ ފަރާތުގެ ސިފައިން އެއްބަސްވެއްޖެ ކަމަށް، ސޫދާންގައި ސުލްހަ ގާއިމުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ސައޫދީ އަރަބިއްޔާ އާއި އެމެރިކާ އިން އިއްޔެ ބުނެފި އެވެ.

ސޫދާންގައި މިހާރު ފެށިފައިވާ ދާޚިލީ ހަނގުރާމަ، ކުރު މުއްދަތަކަށް މެދުކަނޑައިލުމަށް، ދެ ފަރާތުގެ ސިފައިން އެއްބަސްވެއްޖެ ކަމަށް، ސޫދާންގައި ސުލްހަ ގާއިމުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ސައޫދީ އަރަބިއްޔާ އާއި އެމެރިކާ އިން އިއްޔެ ބުނެފި އެވެ.

ސައޫދީ އާއި އެމެރިކާ އިން ބުނި ގޮތުގައި ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރުން، ކުރު މުއްދަތަކަށް މެދުކަނޑައިލުމަށް އެކުލަވައިލި އެއްބަސްވުމުގައި ސޫދާން ސިފައިންނާއި ސިފައިންނާ ދެކޮޅަށް ހަނގުރާ ކުރާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިން އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. ސޮއި ކުރިތާ 48 ގަޑިއިރު ފަހުން ތަންފީޒުކުރަން ފަށާ މި އެއްބަސްވުމުގެ މުއްދަތަކީ ހަތް ދުވަހެވެ.

އެ މުއްދަތު ހަމަވުމަށް ފަހުގައި، ދެ ފަރާތުގެ ރުހުމާއެކު އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވިދާނެ އެވެ. އެ މުއްދަތަށް ހަމަލާތައް މެދުކަނޑައިލަނީ، ހަނގުރާމައިގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދިމާވެފައިވާ ދަތިތައް ފިލުވައިދިނުމުގެ ގޮތުންނެވެ. ސޫދާންގެ ވެރިރަށް ޚަރްތޫމުގެ މަގުތަކުގައި ދެ ފަރާތުގެ ސިފައިންގެ މެދުގައި ހަމަލާ ބަދަލުކުރަމުން ދާތީ، އެ ސަހަރުގެ ފިހާރަތަކާއި ހޮޓާތަކާއި އެހެނިހެން ވިޔަފާރިތަކަށް ވަނީ ހުރަސްއެޅިފަ އެވެ.

ވިޔަފާރިތައް އާންމުކޮށް ނުހުޅުވާތީ، ކާބޯތަކެއްޗާއި އެއްގަމު އުޅަނދުފަހަރަށް ބޭނުންވާ ތެލާއި ކައްކާ ގޭހާއި ބޭސްފަރުވާގެ ޚިދުމަތަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ. އެ ދަތިތަކާ ހުރެ، އެތައް ލައްކަ ބަޔަކު މިހާރު ވަނީ ޚަރްތޫމް ދޫކޮށް އެހެން ސަރަހައްދުތަކަށް ދަތުރުކޮށްފަ އެވެ.

ދެ ފަރާތުން އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ހައްލުކުރުމަށް ނިންމި ކަންތަކުގެ ތެރޭގައި، މިވަގުތު ސޫދާންގެ އާންމު ރައްޔިތުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތައް ހިމެނެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ހާލުގައި ޖެހިފައިވާ މީހުންނަށް ބޭރު ގައުމުތަކުން ފޮނުވާ އިންސާނީ އެހީތެރިކަމުގެ ސާމާނު ސޫދާނަށް ފަސޭހައިން އެތެރެވެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެ ތަކެތި ބެހުމުގައި އެއްވެސް ހުރަހެއް ނޭޅުމެވެ.

އަނެއް ކަމަކީ، އާންމު ރައްޔިތުންނަށް ދޭ އަސާސީ ޚިދުމަތްތަކުގެ ތެރެއިން، ހަނގުރާމައިގެ ސަބަބުން މެދުކެނޑިފައިވާ ޚިދުމަތްތައް އަލުން ދޭން ފެށުމެވެ. އޭގެ އިތުރުން ހޮސްޕިޓަލްތަކާއި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ހުންނަ ސަރަހައްދުތަކުގައި ދެ ފަރާތުގެ ސިފައިން ވެސް ދުރަށް ޖެހި، އާންމުންނަށް ފަސޭހައިން ޚިދުމަތް ހޯދޭނެ މަގު ފަހިކޮށްދިނުމެވެ.

އޭގެ އިތުރުން އާންމު ޚިދުމަތްތަކާ ބެހޭ އެންމެހައި އިދާރާތަކާއި ތަންތަނުގެ ކައިރިން ދެ ފަރާތުގެ ސިފައިން ދުރަށް ޖެއްސުމަށް ވެސް، އިއްޔެ ސޮއިކުރި އެއްބަސްވުމުގައިވެ އެވެ. މި އެއްބަސްވުމަށް އަމަލު ކުރަން ފަށާނީ ސޫދާން ގަޑިން، މާދަމާ ރޭގެ 9:45ގަ އެވެ. އެއްބަސްވުމުގައި ސޮއިކުރި ވަގުތުން ފެށިގެން، އެއްބަސްވުމަށް އަމަލު ކުރަން ފެށުމާ ދެމެދު ހޭދަވާ 48 ގަޑިއިރުގެ ތެރޭގައި، ވަގުތުގެ ނާޖާއިޒު ބޭނުން ނުހިފުމަށް ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށް ސައޫދީ އާއި އެމެރިކާ އިން ބުނެ އެވެ.

އެޕްރީލް 15، 2023 ގައި ސޫދާންގައި ހަނގުރާމަ ފެށުނީ، އެ ގައުމުގެ ސިފައިންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދުގަ އެވެ. ހަނގުރާމަ ފެށުނީ، އާރްއެސްއެފް ލަޝްކަރުގެ ސިފައިން ވެރިރަށް ޚުރުޠޫމަށް އަރައި، އަސްކަރިއްޔާގެ މައި މަރުކަޒަށާއި ރިޔާސީ ގަނޑުވަރު އަދި ސަރުކާރުގެ ޓީވީ ސްޓޭޝަނަށާއި، ވެރިރަށުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ހަމަލާ ދީ އެ ތަންތަން ހިފަން އުޅުމުންނެވެ.

ސިފައިންގެ ލަޝްކަރުގެ ވެރިޔަކީ، އެ ގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރުގެ ވެސް ވެރިޔާ، ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން އެވެ. ސިފައިންނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާ އާރްއެސްއެފް ލަޝްކަރުގެ ވެރިޔަކީ، އެ ގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރުގެ ވެރިޔާގެ ނައިބުގެ މަގާމުގައި ހުރި، ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ) އެވެ. ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަން ވައްޓައިލުމަށް ކުރި މަސައްކަތުގައި މި ދެ ޖެނެރަލުންނަކީ ވެސް އެއް ފިޔަވަޅުމަތީ ހިންގެވި ދެ ބޭފުޅުންނެވެ.