Roadha Mihaaru
ސޫދާންގެ ސުލްހައިގެ ވާހަކަތަކުން އުންމީދު ބޮޑު

ސޫދާންގެ ސުލްހައިގެ ވާހަކަތަކުން އުންމީދު ބޮޑު

11 މެއި 2023

ސޫދާންގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން، ހަނގުރާމަކުރާ ދެ ލަޝްކަރުގެ މެދުގައި މިހާރު ފެށިފައިވާ ސުލްހައިގެ ވާހަކަތަކުން ވަރަށް ބޮޑު އުންމީދެއް ލިބިފައިވާ ކަމަށް، އެ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމުތަކުން ބުނެފި އެވެ.

ސޫދާންގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން، ހަނގުރާމަކުރާ ދެ ލަޝްކަރުގެ މެދުގައި މިހާރު ފެށިފައިވާ ސުލްހައިގެ ވާހަކަތަކުން ވަރަށް ބޮޑު އުންމީދެއް ލިބިފައިވާ ކަމަށް، އެ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމުތަކުން ބުނެފި އެވެ.

ސުލްހައިގެ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ބައެއް ފަރާތްތަކާ ހަވާލާދީ ސީއެންއެން އިން ބުނެފައިވާ ގޮތުގައި މިހާރު ކުރިއަށް ދާ މަޝްވަރާތަކުން، ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަކާ ހަމައަށް ދެވުމުގެ އުންމީދު ވަރަށް ބޮޑެވެ. އަދި މިހާރު ދާ މިސްރާބުގައި ސުލްހައިގެ ވާހަކަތައް ދާ ނަމަ، ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް ވަރަށް އަވަހަށް އެކުލަވައިލުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ސޫދާން ހަނގުރާމަ އަށް މަސް ދުވަސް ވާން ކައިރިވެފައިވާ އިރު، އެ ހަނގުރާމައިގައި މިހާތަނަށް މަރުވި އާންމުންގެ އަދަދު އެތައް ސަތޭކައަކަށް އަރަ އެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާއިރު، އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތަކަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

ސައޫދީ އަރަބިއްޔާ އާއި އެމެރިކާ މެދުވެރިވެގެން މިހާރު ފަށާފައިވާ ސުލްހައިގެ ވާހަކަތައް ކުރިއަށް ދަނީ ސައޫދީގެ ބަނދަރު ރަށެއް ކަމަށްވާ ޖިއްދާގަ އެވެ. މި މަޝްވަރާތަކުގައި ސޫދާން ސިފައިންގެ މަންދޫބުންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ މަންދޫބުން ވެސް ބައިވެރިވެ އެވެ.

ސޫދާންގައި މިހާރު ފެށިފައިވާ ހަނގުރާމަ ހިނގަމުން ދަނީ، އެ ގައުމުގެ ސިފައިންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދުގަ އެވެ. ސިފައިންގެ ލަޝްކަރުގެ ވެރިޔަކީ، އެ ގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރުގެ ވެސް ވެރިޔާ، ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން އެވެ.

ސިފައިންނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާ އާރްއެސްއެފް ލަޝްކަރުގެ ވެރިޔަކީ، އެ ގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރުގެ ވެރިޔާގެ ނައިބުގެ މަގާމުގައި ހުރި، ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ) އެވެ. ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަން ވައްޓައިލުމަށް ކުރި މަސައްކަތުގައި މި ދެ ޖެނެރަލުންނަކީ ވެސް އެއް ފިޔަވަޅުމަތީ ހިންގެވި ދެ ބޭފުޅުންނެވެ.

ސޫދާންގައި މިހާރު ކުރިއަށް ދާ ހަނގުރާމަ ފެށުނީ، އާރްއެސްއެފް ލަޝްކަރުގެ ސިފައިން، އެޕްރީލް 15، 2023 ގައި ވެރިރަށް ޚުރުޠޫމަށް އަރައި، އަސްކަރިއްޔާގެ މައި މަރުކަޒަށާއި ރިޔާސީ ގަނޑުވަރު އަދި ސަރުކާރުގެ ޓީވީ ސްޓޭޝަނަށާއި، ވެރިރަށުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ހަމަލާ ދީ އެ ތަންތަން ހިފަން އުޅުމުންނެވެ.